ޚަބަރުސިޔާސީ

ޑަބްލިއު.ޑީ.ސީއަށް އިސްކަން ނުދިނުމޭ ބުނުމަކީ އޮޅުވާލުމެއް: މޭޔަރު

މާލެ ސިޓީ ކައުންސިލްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ (ޑަބްލިއު.ޑީ.ސީ) އަށް އިސްކަން ނުދޭކަމަށް ބުނުމަކީ އޮޅުވާލުމެއް ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

”ބޮންތި“ އަށް ދެއްވި އެކްސްކުލޫޒިވް އިންޓަވިއުއެއްގައި މޭޔަރު މުއިއްޒު ވިދާޅުވީ މައްޗަންގޮޅީގައި ހުންނަ ސިޓީ ކައުންސިލް އޮފީހުގައި ޑަބްލިއު.ޑީ.ސީގެ މެންބަރުންނަށް ވޯކިން ސްޓޭޝަންސް ގެ އިތުރުން މީޓިންގ ރޫމް ހަމަޖައްސައިދީފައި ވާނެ ކަމުގައެވެ. އަދި އިދާރީ މުވައްޒަފުންގެ އެވެއިލެބިލިޓީއަށް ބަލާފަ އެކަންވެސް ހަމަޖައްސައިދީފައިވާނެ ކަމުގައި މުއިއްޒު ވިދާޅުވިއެވެ.

އެކަމަކު ހިތާމައަކީ ޑަބްލިއު.ޑީ.ސީގެ ބައެއް މެންބަރުން ސިޔާސީ ވިސްނުން ކުރިޔަށް ނެރެ، ހުރި ދަތިތަކާ ކުރިމަތިލައިގެން ރައްޔިތުންނަށް ހިދުމަތް ކުރުމަށްވުރެ ބޮޑަށް މައްސަލަތައް ދައްކަން އުޅުން ކަމުގައި މުއިއްޒު ފާހަގަކުރެއްވިއެވެ.

”ޖާގައިގެ ދަތިކަމަކީ މުޅި ކައުންސިލަށްވެސް އޮތް ދަތިކަމަށް ވާއިރުވެސް އަޅުގަނޑުމެން މިދަނީ އެހީތެރިކަން ދެމުން. މިހާރުވެސް ކުއްޔަށް ތަނެއް ހޯދައިގެން އަޅުގަނޑުމެންގެ މުވައްޒަފުން އެބަ ޝިފްޓު ކުރަން. އެގޮތަށް އެބޭފުޅުން ތަނެއް ހޯއްދެވިޔަސް، އަޅުގަނޑުމެން މިކުރާ މަސައްކަތުން އެބޭފުޅުންނަށް ހޯދައިދޭ ތަނުގެ ކުލި ދައްކަން ފިނޭންސާ ވާހަކަ ދައްކާނަން.“ މުއިއްޒު ވިދާޅުވިއެވެ.

މޭޔަރު ފާހަގަކުރެއްވިގޮތުގައި ޑަބްލިއު.ޑީ.ސީގެ ބައެއް މެންބަރުންގެ ވިސްނުން ހުންނަނީ އެ ކޮމެޓީގެ މެންބަރުންނަށް ސިޓީ ކައުންސިލުން އެއްބާރުލުން ނުދޭކަން އަންގައިދިނުމުގެ މައްޗަށް ކަމުގައެވެ. އެކަމަކު އަންހެން ކަނބަލުންގެ ދައުރު ސިޓީ ކައުންސިލަށް ނުހަނު މުހިންމު ކަމަށާއި، ކަނބަލުންގެ ފުރިހަމަ ބައިވެރިވުމާ ނުލައި ސިޓީ ކައުންސިލްގެ މަސައްކަތްތައް ކުރިޔަށް ނުދާނެކަން އެ ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނުން ސާބިތުވާނެކަން މުއިއްޒު ފާހަގަކުރެއްވިއެވެ.

”އެކްޝަން ޕްލޭންގައި އޮންނާނެ ކަނބަލުންގެ އުފެއްދުންތެރިކަމާއި، މާލޭގެ އެކި ހިސާބުތަކުގައި ކަނބަލުންގެ ތަރުކާރީ މާރުކޭޓުތަކެއްވެސް ގާއިމްކުރަން. ކުރިޔަށް އޮތް އަހަރަކީ އެކަމުގެ ކޮންމެވެސް މިންވަރެއްގެ ޕްރޮގްރެސް އެއް ހިނގާނެ އަހަރެއް.“ މުއިއްޒު ވިދާޅުވިއެވެ.

އެކަމުގެ ސަބަބުން ކަނބަލުންގެ އަމިއްލަ އުފެއްދުންތައް މާކެޓަށް ނެރެވޭނެކަމަށް މުއިއްޒު ވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުގައި އެއީ ހަމައެކަނި އަންހެނުންނަށް ހާއްސަ ވިޔަފާރި މޮޑިއުލެކެވެ. އަދި އެމަސައްކަތް ކުރިޔަށް ގެންދިޔުމުގައި ޑަބްލިއު.ޑީ.ސީގެ އެއްބާރުލުން ބޭނުންވާނެކަމަށް ދަންނަވާފައިވާނެކަން މުއިއްޒު ފާހަގަކުރެއްވިއެވެ.

މޭޔަރު ވިދާޅުވީ ދަތުރުވެރިންގެ މާރުކޭޓުގައި ހުރި ގޮޅިތަކުގެ ތެރެއިން އެއް ގޮޅި ޑަބްލިއު.ޑީ.ސީ އާ ހަވާލު ކުރާގޮތަށް ކައުންސިލުން ކަނޑައަޅާފައިވާނެ ކަމުގައެވެ.

”މާނަ އަކީ ޑަބްލިއު.ޑީ.ސީ އިން އެގޮޅި ހިންގަވާނީ. ލިބޭ ހުރިހާ ފައިދާއެއްވެސް އެ ކޮމެޓީއަށް. އެއްބަސްވުން ހަދާށޭވެސް ދެންނެވިން. އަޅުގަނޑުމެން މިތިބީ ތައްޔާރަށް ހަވާލު ކުރަން.“ މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ފާހަގަކުރެއްވިގޮތުގައި ހަގީގަތް އޮޅޭގޮތަށް ޑަބްލިއު.ޑީ.ސީގެ ބައެއް މެންބަރުން ވާހަކަ ދެއްކެވުމަކީ އެބޭފުޅާ ހިތާމަ ކުރައްވާ ކަމެކެވެ.

މޭޔަރު މިފަދައިން ވިދާޅުވީ ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމުގައި މާލެ ސިޓީ ޑަބްލިޔުޑީސީގެ ރައީސާ ފާތިމަތު ޝިފާ ވާހަކަ ދައްކަވަމުން އެ ކޮމެޓީއަށް ސިޓީ ކައުންސިލްގެ އެއްބާރުލުން ނުލިބޭ ކަން ހާމަކުރައްވާފައިވާ ދަނޑިވަޅެއްގައެވެ. ޝިފާ ވިދާޅުވިގޮތުގައި އެ ކޮމެޓީގެ މެންބަރުން މަަސައްކަތް ކުރާނެ ތަނެއް ނެތެވެ. އަދި ކޮމެޓީގެ ކަންކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަރިހަށް ދިޔުމަށް މޭޔަރު މުއިއްޒު ވިދާޅުވިކަން ޝިފާ ފާހަގަކުރެއްވިއެވެ. އެކަމަކު މުއިއްޒު ވަނީ އެއީ ހަގީގަތް އޮޅޭގޮތަށް ދީފައިވާ މައުލޫމާތުތަކެއް ކަމަށް ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button