ޚަބަރުސިޔާސީ

ރާއްޖެއިން ބޭރުގައިވެސް ދިވެހި ސިފައިން ތިބޭ ކަމަށް ވިދާޅުވެ އަލީ ޒާހިރު މައުލޫމާތު ހާމަކުރެއްވީ އޮޅުން އަރާގޮތަށް!

ރާއްޖެއިން ބޭރުގައިވެސް ދިވެހި ސިފައިން ތިބޭ ކަމަށް ވިދާޅުވެ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު މައުލޫމާތު ހާމަކުރެއްވީ އޮޅުން އަރާގޮތަށް ކަން ”ބޮންތި“ އަށް އެނގިއްޖެއެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި މިރޭ ވާހަކަ ދައްކަވަމުން އަލީ ޒާހިރު ވިދާޅުވީ ބޭރު ގައުމެއްގެ ސިފައިން ރާއްޖޭގައި ތިބުމަކީ އަސްކަރީ ގޮތުން ތިބޭ ތިބުމެއް ނޫން ކަމުގައެވެ.

”ކޮންތާކު ތިބި އިންޑީއާ ސިފައިންގެ ވާހަކައެއް ތޯ؟ މިލިޓަރީ.. ރާއްޖޭގެ މިލިޓަރީ… ބޭރުގައުމެއްގެ މިލިޓަރީ ރާއްޖޭގައި އިނގޭތޯ.. އެ ސިފަ ކުރާ ގޮތަށް އޮތްނަމަ އަޅުގަނޑު ހިތުން އަޅުގަނޑުމެންނަށްވެސް ފެންނާނެ އިނގޭތޯ.“ އަލީ ޒާހިރު ވިދާޅުވިއެވެ.

ބޭރު ގައުމެއްގެ ސިފައިންގެ މީހަކު ގައުމެއްގައި ހުރުމަކީ ނުވަތަ ޔުނިފޯމް އެޅި މީހަކު ހުރުމަކީ މިލިޓަރީ ޕްރެޒެންސް ވުމެއް ނޫން ކަމުގައި އަލީ ޒާހިރު ވިދާޅުވިއެވެ. މިސާލެއްގެ ގޮތުގައި އޭނާ ނެންގެވީ ދިވެހި ސިފައިންގެ ބޭކަލުން ޔުނިފޯމް އަޅައިގެން އަވަށްޓެރި ގައުމުތަކުގައި ތިބޭ ތިބުމެވެ.

އަލީ ޒާހިރު ފާހަގަކުރެއްވިގޮތުގައި ރާއްޖެއިން ބޭރުގައި ޔުނިފޯމް އެޅި ދިވެހި ސިފައިން އެބަތިއްބެވެ.

”އެމްބަސީގަ އާއި އަދި އެހެނިހެން ގޮތްގޮތުން. އެއީކީ.. އެއަަށް ކިޔާނެތޯ އަޅުގަނޑުމެންގެ މިލިޓަރީ އޮތީއޭ. ސައުދީ އަރަބިއާގައި ހަނގުރާމައިގެ ހާލަތެއްގައިވެސް ލަޝްކަރެއްގަވެސް ދިވެހި ސިފައިންގެ ބޭކަލުން އެބަ އުޅުއްވާ. އޭ.. ދެން ކިޔަންވީތޯ އަޅުގަނޑުމެންގެ މިލިޓަރީ ސައުދީގަ އޮތީއޭ.“ އަލީ ޒާހިރު ވިދާޅުވިއެވެ.

އޭނާ މިފަދައިން ވާހަކަ ދެއްކެވިއިރު ދުނިޔޭގެ ދޭ ދޭ އެއްވެސް ގައުމެއްގެ ދެމެދުގައި ނުވަތަ އެތެރޭގެ ހަނގުރާމައެއްގައިވެސް ދިވެހި ސިފައިންގެ އެއްވެސް ބައިވެރިވުމެއް އަދި މިހާތަނަށް ނޯންނާނެކަން އެމްއެންޑީއެފްގެ އިސް ރޭންކުގެ 3 އޮފިޝަލަކު ”ބޮންތި“ އަށް ވަނީ ކަށަވަރު ކޮށްދީފައެވެ.

އެބޭފުޅާ އެ ވިދާޅުވާ ވާހަކައަކީ ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ގުޅިގެން މަސައްކަތްކުރުމަށްޓަކައި ސައުދީ އަރަބިއްޔާއިން އުފައްދާފައިވާ ”އިސްލާމިކް މިލިޓަރީ ކައުންޓަރ ޓެރަރިޒަމް ކޯލިޝަން“ގެ ކައުންޓަރ ޓެރަރިޒަމް ސެންޓަރުގައި މަސައްކަތް ކުރާ ދިވެހި ސިފައިންގެ ވާހަކައެވެ.

އެ ސެންޓަރުގައި މިހާރު މަސައްކަތް ކުރުމަށްދާ ސިފައިންގެ ތެރޭގައި ހިމެނެނީ ކާނަލް މުހައްމަދު މުހުތާރާއި، މޭޖަރ މުހައްމަދު ސާމިރާއި، ކޮމާންޑް ސާޖަންޓް މޭޖަރ އަހުމަދު އަބްދުﷲ އާއި ވޮރަންޓް އޮފިސަރ ގްރޭޑް 1 މިފްތާހު ހުސެއިނެވެ. އެއީ އެއް އަހަރުގެ މުއްދަތެއް ވަންދެން ތިބޭ ތިބުމެކެވެ. އެހެން ކަމުން އެބޭފުޅުން އެކޮޅުގައި ތިބޭނީ މިއަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށެވެ. އެއަށްފަހު ޖެހޭނީ އެނބުރި ރާއްޖެ އަންނާށެވެ. 2015 ވަނަ އަހަރު އުފެއްދި އެ ކޯލިޝަންގައި 41 ގައުމަކުން ބައިވެރިވެފައިވާއިރު އެ ސެންޓަރުގައި ތިބޭ ސިފައިންނަކީ ހަނގުރާމަތަކުގައި ބައިވެރިވާ ބައެއް ނޫނެވެ. އަދި ސައުދީ ސަރުކާރުން އެ މަސައްކަތް ޕްލޭން ކޮށްފައި އޮންނަނީ އެގައުމުން އަންގާ ވަގުތެއްގައި އެހެނިހެން ގައުމުތަކުގެ ސިފައިން ބޭލޭ ގޮތަށެވެ. ނުވަތަ ކަނޑައެޅޭ މުއްދަތަކަށެވެ. އެގޮތުން ކުރީ ސަރުކާރުގައިވެސް ދިވެހި ސިފައިން ވަނީ އެ ސެންޓަރުގައި ބައެއް ތަމްރީންތައް ފުރިހަމަކޮށްފައެވެ.

އެކަމަކު ރާއްޖޭގައި އިންޑިއާގެ އަސްކަރިއްޔާއިން ހަރަކާތްތެރި ވަނީ މިއާ މުޅިން ހިލާފަށެވެ. އޭގެ އެއް މިސާލަކީ ހެލިކޮޕްޓަރު އެއްބަސްވުން ހަމަވެގެން ދިޔައިރުވެސް ރާއްޖެއިން ނުފައިބާ ތިބުމެވެ. އަދި ހައިޑްރޮގްރަފީ އެއްބަސްވުން އުވާލިޔަސް އިންޑިއާ ސިފައިންނަށް އެ މަސައްކަތް ކުރިޔަށް ގެންދެވޭ ގޮތް ވުމެވެ. އެހެން ކަމުން އަލީ ޒާހިރުގެ މި ވާހަކަތަކުގައި ވަނީ އޮޅުވާލުމާއި އިންޑިއާ ސިފައިން ރާއްޖޭގައި ތިބި މަގްސަދު އެހެން ގޮތަކަށް ފުރޮޅައިލުމެވެ.

ބޭރު ގައުމުތަކުގައި ނުވަތަ އެމްބަސީތަކުގައި ދިވެހި ސިފައިން ތިބޭ ކަމަށް އަލީ ޒާހިރު ވިދާޅުވާ ވާހަކައަކީ ބައެއް އެމްބަސީތަކުގައި ތިބޭ ”ޑިފެންސް އަޓާޗޭ“ ނުވަތަ ޑިފެންސް އެޑްވައިޒަރުގެ ވާހަކައެވެ. އެ ބޭކަލުންގެ އެންމެ ބޮޑު އެއް ބޭނުމަކީ ދެ ގައުމުގެ ދެމެދުގައި އަސްކަރީގޮތުން ކުރާ މުއާމަލާތްތައް ފަސޭހައިން ކުރުމެވެ. ސްރީލަންކާ، އިންޑިއާ އަދި މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީތަކުގައި ޑިފެންސް އެޑްވައިޒަރުން ތިބެއެވެ. އަދި ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީގައިވެސް އަދި އެހެން ބޭރުގެ އެމްބަސީތަކުގައިވެސް ޑިފެންސް އެޑްވައިޒަރުން ތިބޭތާ އެތައް ދުވަހެއް ވެއްޖެއެވެ. އެކަމާ އާންމުންގެ އެއްވެސް މީހަކު މީގެ ކުރިން ކަންބޮޑުވުން ފާޅުކޮށްފައެއް ނުވެއެވެ.

އެހެން ކަމުން ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭ ގޮތާއި ދިވެހި ސިފައިން ރާއްޖެއިން ބޭރުގައި ތިބޭ ތިބުން އެއް ކަމެއްގެ ގޮތުގައި ދެއްކުމަށް އަލީ ޒާހިރު މަސައްކަތް ކުރެއްވުމަކީ ބޮޑެތި އޮޅުންތަކެއް އަރާނެ ކަމެކެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button