ޚަބަރުސިޔާސީ

ޝުޖާއު ފަލާހަށް: މޭ ފުއްޕާފަ މަމީ އާނޯލްޑޭ ބުނި ޒަމާން ނިމިއްޖެ

އިންޑިއާ އައުޓް ގޮވާ މީހެއްގެ “ކަންފަތް މަތީގަ ޖަހަން” ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު ވިދާޅުވުމާ ގުޅިގެން ޕީއެންސީގެ ނައިބު ރައީސް އަދި ހުޅުމާލޭގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ފަލާހު އަށް ރައްދު ދެއްވައިފިއެވެ.

ބާރާދު ދާއިރާގެ މެންބަރުކަން ވެސް ކުރެއްވި ޝުޖާއު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިންޑިއާ އައުޓް ގޮވޭނެ ކަމަށާއި ކުރިޔަށް އޮތް ތަނުގައިވެސް އެފަދައިން ގޮވާނެ ކަމުގައެވެ. އަދި އެކަން ހަޖަމް ކޮށްގެން ތިބެން ޖެހޭނެ ކަމަށާއި، ތާހިރު ދިރިއުޅުން ރައްޔިތުންނަށް ދައްކަން އައި ބައެއްގެ ފެންވަރު ހާމަވެގެން ހިނގައްޖެކަން ޝުޖައު ފާހަގަކުރެއްވިއެވެ.

”ތި ތިބީ ގައުމު ވިއްކާލައިގެން. މޭ ފުއްޕާފަ މަމީ އާނޯލްޑޭ ބުނި ޒަމާން ނިމިއްޖެ.“ ޝުޖާއު ވިދާޅުވިއެވެ.

އިންޑިއާ އައުޓް ގޮވާ މީހެއްގެ “ކަންފަތް މަތީގަ ޖަހަން” ޖެހޭނެ ކަމަށް މެންބަރު ފަލާހު ވިދާޅުވީ މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު އިސް ނަންގަވައިގެން އެމްޑީޕީ އިން މިއަދު ބޭއްވި މާލެ ސިޓީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

މެންބަރު ފަލާހު ވިދާޅުވީ އިންޑިއާ އައުޓް ނުގޮވޭނެ ކަމުގައެވެ. އަދި އެކަން ހުއްޓުވޭނެ ހަމައެކަނި ގޮތަކީ އެހެން ގޮވާ ކޮންމެ މީހެއްގެ ކަންފަތް މަތީގައި ޖަހައިގެން ކަން ފަލާހު ފާހަގަކުރެއްވިއެވެ.

“އެނޫން ގޮތަކަށް ނުހުއްޓުވޭނެ. އެއީ ކުރަންޖެހޭ ކަމެއް މިހާރު. މިކަން ކޮށްގެން ނަމަވެސް އިންޑިއާ އައުޓް ހުއްޓުވަން ޖެހޭނެ.” ފަލާހު ވިދާޅުވިއެވެ.

ފަލާހު ވިދާޅުވިގޮތުގައި އިންޑިއާ އައުޓް ގޮވާ މީހުންނަށް ފިޔަވަޅު އެޅުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކުރަން ޖެހެއެވެ.

ފަލާހުގެ މި ވާހަކަތަކަށް ތާއީދު ކުރެއްވުމުގެ ގޮތުން ރައީސް ނަޝީދު ވަނީ އޭނާ އަށް ހޫނު ތަރުހީބެއް ދެއްވާފައެވެ. މިބައްދަލުވުމުގައި ރައީސް ނަޝީދު ވަނީ އިންޑިއާ އައުޓް ކެމްޕެއިން ހުއްޓުވަން ފުލުހުންނަށް އަމުރު ކުރައްވާފައެވެ.

އިންޑިއާ އައުޓް ކެމްޕެއިނަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އިންޑިއާ ސިފައިންނާއި ޖާސޫސޫން ބޭރުކުރުމަށް ގޮވާލައި އިދިކޮޅުން ކުރިޔަށް ގެންދާ ކެމްޕެއިނެކެވެ. މި ހަރަކާތަށް ގިނަ އަދަދެއްގެ ބައެއްގެ ތާއީދު އަންނަނީ ލިބެމުންނެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button