ޓީ ޖެޓީ ސިޓީ ކައުންސިލާ ހަވާލު ނުކުރުމުން އެމްޕީއެލް ގޮވައިގެން ކޯޓަށް ދަނީ
މާލޭ ސިޓީގެ ޓީ ޖެޓީ ސަރަހައްދު ސިޓީ ކައުންސިލާ ހަވާލު ނުކުރުމުން އެމްޕީއެލް ގޮވައިގެން ކޯޓަށް ދާން ނިންމައިފިއެވެ.
ޓީ ޖެޓީ ކައުންސިލާއި ހަވާލު ކުރުމަށް އެމްޕީއެލްއަށް ދީފައިވާ 97 ދުވަސް މިމަހުގެ 18 ގެ ނިޔަލަށް މުއްސަތު ހަމަވެފައިވާތީ މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްގެ އިތުރުން ބައެއް ކައުންސިލަރުން ވަނީ ޓީޖެޓީގައި މަސައްކަތް ކުރާ އެމްޕީއެލްގެ އިސްވެރިންނާ ބައްދަލު ކުރުމަށް މިއަދު ހެނދުނު 11:00 އެ ސަރަހައްދަށް ގޮސްފައެވެ.
އެކަމަކު އެމްޕީއެލްގެ ފަރާތުން އެއްވެސް ވެރިޔަކު ކައުންސިލަރުންނާއި ބައްދަލު ކޮށްފައެއް ނުވެއެވެ.
މިކަމާގުޅިގެން ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ޑެޕިއުޓީ މޭޔަރު ނަރީޝް ވިދާޅުވީ މީގެ ކުރިން އެމްޕީއެލް އާއެކު ބޭއްވި ބައްދަލުވުމެއްގައި ޓީ ޖެޓީ ދޫކޮށްލަން ބޭނުންވާކަން އެ ކުންފުނިން ފާހަގަކޮށްފައިވާ ކަމަށާއި، އެ ބައްދަލުވުމުގެ ރިކޯޑިން ހުންނާނެ ކަމުގައެވެ. އަދި އަންނަ ހަފްތާގައި އެ މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށް ނަރީޝް ވިދާޅުވިއެވެ.
”މުއްދަތެއް ނެތްގޮތަށް ޓީ ޖެޓީ އެމްޕީއެލް އަށް ދީފަ އޮތް ކަމުގެ އެއްވެސް ލިޔެކިޔުމެއް އޮތިއްޔާ ދައްކަން ވީ. މުއްދަތު ހަމަވިތާ މިހާރު 3 އަހަރު ވެއްޖެ. އެމްޕީއެލް އިން ހިންގާގޮތަށްވެސް އަޅުގަނޑުމެންނަށް އެއްބަސް ވެވިދާނެ. އެކަމަކު މިތަނުގެ ބިމު ކުލި މާލޭގެ ރައްޔިތުންނަށް ދައްކަން ޖެހޭނެ.“ ނަރީޝް ވިދާޅުވިއެވެ.
ޓީ ޖެޓީގެ އިތުރުން ނޯޓު ހާބަރު ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ގެނައުމަށް އެ ކައުންސިލުން ވަނީ ނިންމާފައެވެ.
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއެކު ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ގަރާރަކުން މާލޭ ސަރަހައްދުގެ އިހުތިސާސު ސިޓީ ކައުންސިލަށް ވަނީ ދީފައެވެ. ސިޓީ ކައުންސިލުން ދާދިފަހުން ވަނީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ދޫކޮަށްފައިވާ ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގެ ރަޖިސްޓްރީވެސް ބާތިލްކޮށްފައެވެ. އެމައްސަލައިގައި އެޗްޑީސީ އިން ވަނީ ސިޓީ ކައުންސިލް ގޮވައިގެން ކޯޓަށް ދާން ނިންމާފައެވެ.