ޚަބަރުސިޔާސީ

އިންޑިއާ ސިފައިންނަކީ ރާއްޖެ ހިފައިން އައިސް ތިބި ބައެއްތޯ ސުވާލު އުފެދޭ: ރައީސް ޔާމީން

އިންޑިއާ ސިފައިންނަކީ ރާއްޖެ ހިފައިން އައިސް ތިބި ބައެއްތޯ ސުވާލު އުފެދޭކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ އިސް ނެންގެވުމާއެކު އިންޑިއާ ސިފައިންނާ ދެކޮޅަށް އިދިކޮޅުން ކުރިޔަށް ގެންދާ ހަރަކާތްތައް އަތޮޅުތެރެއަށް ފުޅާ ކުރެއްވުމުގެ ގޮތުން އެމަނިކުފާނު ވަނީ ދަތުރުތައް ފައްޓަވާފައެވެ.

އެގޮތުން މިއަދު ހަވީރު ކ.ގުރައިދޫއަށް ކުރެއްވި ދަތުރުފުޅުގައި އެރަށުގެ ރައްޔިތުންނާ މުހާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޔާމީން ވިދާޅުވީ އިންޑިއާ އަސްކަރިއްޔާ އާއި ދައުލަތާއި ދެމެދު ހެދިފައިވާ އެއްބަސްވުންތަކުން ދަތުރު ކުރަނީ ކިހާ ފުންމިނަކަށްތޯ އަންގައިދޭން ސަރުކާރުން ބޭނުން ނުވާ ކަމުގައެވެ.

ސަރުކާރުން ހުރިހާ ކަމެއް ސިއްރުކޮށްގެން ގެންދިޔަ ކަމަށާއި، އިންޑިއާ ސިފައިން ރާއްޖޭގައި ނެތް ކަމަށް ފުރަތަމަ ބުނަމުން ދިޔަކަން އެމަނިކުފާނު ފާހަގަކުރެެއްވިއެވެ. އެކި ކަހަލަ މަސައްކަތްތަކުގައި ރާއްޖެ އައިސް ތިބީ އެގައުމުގެ ފަންނީ ބަޔަކު ކަމަށް ސަރުކާރުން ބުނެފައިވާކަންވެސް ޔާމީން ފާހަގަކުރެއްވިއެވެ.

ޔާމީން ވިދާޅުވިގޮތުގައި ސަރުކާރުން އެފަދަ ވާހަކައެއް ބުނުމަކީ ހައިރާންވާން ޖެހޭ ވަރުގެ ކަމެއް ނޫން ކަމަށާއި، އަދުގެ ސަރުކާރަކީ ދޮގުން އުފެދިފައިވާ ސަރުކާރެއް ކަމަށާއި، އިންޑިއާ ސިފައިންގެ މައްސަލައިގައިވެސް ހެދީ ދޮގު ކަމުގައެވެ. އެމަނިކުފާނު ފާހަގަކުރެއްވިގޮތުގައި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް އިންޑިއާ ސިފައިން އެބަތިއްބެވެ.

”އިންޑިއާގެ ރައްޔިތުންނާ އަޅުގަނޑުމެންނާ ވަރަށް ގާތް ގުޅުމެއް އޮތީ. ކުރިޔަށް އޮތް ތަނުގައިވެސް އެ ގުޅުން އޮންނާނީ ހަމަ އެހެން. އެހެން ނަމަވެސް އަޅުގަނޑުމެން އެދޭ ކަމެއް ނޫން އަޅުގަނޑުމެން ދައުވަތު ނުދެނީސް، އަޅުގަނޑުމެންނަށް އުދުވާނީ ހަމަލާއެއް އައިސްގެން އެކަމުން ސަލާމަތްވުމަށްޓަކައި ބޭރުގެ އަސްކަރިއްޔާއަކަށް ދައުވަތު ނުދެނީސް މިގޮތަށް އައިސް ތިބޭކަށް.“ ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމިން ވިދާޅުވީ އެގޮތަށް ސިފައިން ތިބޭ ތިބުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމުގައެވެ. އެގޮތަށް ބަލަހައްޓައިގެން ރުހިގެން ނުތިބެވޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

”އެއީ އަޅުގަނޑުމެން އެދޭ ކަމެއް ނޫން. އެހެންވީމާ އަޅުގަނޑުމެން ބޭނުންވަނީ… މިއީ ރާއްޖެ ހިފަން އައިސް ތިބި ބައެއްތޯ އުފެދޭ ސުވާލު މި ކުރެވެނީ. މިއީ އޮކިއުޕައިން ފޯސް އެއް ތޯ. މިއީ މިތާ ކިހާ ޒަމާނެއް ވަންދެން ތިބި ބައެއްތޯ.“ ރައީސް ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވިގޮތުގައި ސަރުކާރުން އެކަމުގެ އެއްވެސް ވާހަކައެއް ހާމަކުރާކަށް ބޭނުމެއް ނުވެއެވެ.

އިދިކޮޅުގެ އިންޑިއާ އައުޓް ކެމްޕެއިން ކުރިޔަށް ގެންދިޔުމަށް މާދަމާ ރައީސް ޔާމީން ކ.ތުލުސްދޫއަށް ވަޑައިގެންނަވާގޮތަށް ވަނީ ހަމަޖެހިފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button