ޚަބަރުސިޔާސީ

ޓެކްސީ ޑްރައިވަރުންގެ ދަފްތަރެއް އެކުލަވާލުމަށް ސަރުކާރުން ނިންމައިފި!

ޓެކްސީ ދުއްވުމަކީ އާމްދަނީ ހޯދުމަށް ކުރާ ރަސްމީ މަސައްކަތަކަށް ހެދުމުގެ ގޮތުން ޓެކްސީ ޑްރައިވަރުންގެ ދަފްތަރެއް އެކުލަވާލުމަށް ސަރުކާރުން ނިންމައިފިއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމް އިބްރާހީމް ދެއްކެވި ވާހަކަފުޅުގައި މިކަން ވަނީ ހާމަކުރައްވާފައެވެ.
ނާޒިމް ވިދާޅުވީ މަސްވެރިކަން، ޓެކްސީ ކުރުން ފަދަ ކަންކަމަކީ އެ މަސައްކަތް ކުރާ ފަރާތްތަކުން ދާއިމީ ގޮތެއްގައި ކުރާ މަސައްކަތެއްކަމަށް ވީ ނަމަވެސް ރަސްމީ ގޮތެއްގައި ކުރެވޭ މަސައްކަތެއްގެ ކުލަ އެކަންކަމުގައި އަދި ޖެހިފައި ނުވާ ކަމަށެވެ.

އެކަމުގެ ސަބަބުން އެ ފަރާތްތަކަށް ވަރަށް މުހިންމު ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބައެއް ކަންކަން ނުފުދިވާކަން ވެސް ނާޒިމް ފާހަގަކުރެއްވިއެވެ.

ޓެކްސީ ޑްރައިވަރުންގެ ދަފްތަރެއް އެކުލަވާލުމަށް ހުށަހަޅާފައިވާ ކަމަށާއި އޭގެ އެންމެ ބޮޑު މަގުސަދަކީ ޓެކްސީ ޑްރައިވަރުންނަކީ ވެސް ރަސްމީ ސިފައެއްގައި އާމްދަނީ ހޯދުމަށް މަސައްކަތް ކުރާ ބައެއްގެ ގޮތުގައި ހެދުންކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ އެ ދަފްތަރު އެކުލަވާލުމުން ޓެކްސީ ޑްރައިވަރުން ވެސް ލޯނުތަކަށް އެދުމަށް ފަސޭހަތަކެއް ލިބިގެން ދާނެކަމަށެވެ.

ޓެކްސީ ދަފްތަރު އެކުލަވާލުމުގައި މަޝްވަރާ ކުރެވުނު ކަންކަމުގެ ތެރޭގައި ޑިޖިޓަލް ޕޭމެންޓް ނިޒާމް ހެދުމަށް ބޭންކުތަކާ މަޝްވަރާ ކޮށްގެން އެފަދަ ނިޒާމެއްގެ ދަށުން ނަގާ ފީގެ ނިސްބަތް އުވާލައިގެން ކުރެވޭނެ ގޮތެއް ހަމަޖެއްސުމާއި ބޭރު ގައުމުތަކުގައި ޓެކްސީ ހިދުމަތްދޭ ގޮތަށް ތަރައްގީ ކުރުމަށް ކުރަން ޖެހޭ ކަންކަން ކުރަން ނިންމާފައިވާކަމަށް ނާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ތިމާވެއްޓާ ރައްޓެހި ޓެކްސީގެ ނިޒާމު ގާއިމް ކުރުމަކީ ވެސް މަޝްވަރާކުރެވުނު ކަމެއް ކަމަށެވެ. އެގޮތުން ތިމާވެއްޓާއި ރައްޓެހި ޓެކްސީގެ ނިޒާމު ގާއިމް ކުރާއިރު ހަވާލު ކުރާނީ ސަރުކާރުގެ ކުންފުންޏަކާ ކަމަށާއި އެކަން ރާވައި ހިންގުމަށް އިކޮނޮމިކް ކައުންސިލަށް ސަރުކާރުން މިހާރު އަންގާފައިވާކަމަށް ނާޒިމް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button