ޚަބަރުސިޔާސީ

ޓްރާންސްޕޯޓް އޮތޯރިޓީގެ ގާނޫނު އުވާލައިފި

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، ޤާނޫނު ނަންބަރު 2016/3 (މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ޤާނޫނު) އުވާލުމުގެ ބިލު މިއަދު ތަސްދީޤުކުރައްވައިފިއެވެ.

މި ބިލަކީ، މި އަހަރުގެ ނޮވެންބަރު 29 ވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2021 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 44 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.

މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، މި ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓިއިން ދެމުންދިޔަ ޚިދުމަތްތައް ދެމުން ދާނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުންނެވެ. އަދި އެ އޮތޯރިޓީގެ މުވައްޒަފުންގެ ގޮތުގައި ތިބި ސިވިލް ސަރވިސްގެ މުވައްޒަފުން، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ މުވައްޒަފުން ކަމުގައި ހަމަޖެހިގެންދާނެކަމުގައި މި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. ހަމަ އެއާއެކު، މި ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ މިލްކުވެރިކަމުގެ ދަށުގައި ނުވަތަ ބެލެހެއްޓުމުގެ ދަށުގައި ހުރި އެންމެހައި މުދަލާއި ފައިސާއާއި ވަސީލަތްތަކާއި، ދައުލަތުގެ ބަޖެޓުން މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއަށް އެކަށައަޅައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ފައިސާއާއި، ޤާނޫނީ ގޮތުންނާއި އެއްބަސްވުންތަކުގެ ދަށުން އެ އޮތޯރިޓީއަށް ލިބިދޭ ޙައްޤުތަކާއި މަންފާތައް، އަދި އެ އޮތޯރިޓީން އަދާކުރަންޖެހޭ އެންމެހައި އިލްތިޒާމުތައް، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނަށް ބަދަލުވާނެކަމުގައިވެސް މި ޤާނޫނުގައި ކަނޑައަޅުއްވާފައިވެއެވެ.

ރައީސް މި ބިލު ތަސްދީޤުކުރެއްވުމާއި ގުޅިގެން މި ޤާނޫނު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ. ހަމައެއާއެކު، މިއަދުން ފެށިގެން މި ޤާނޫނަށް ޢަމަލުކުރަން ފެށޭނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button