
ރިޕޯޓެއް ލީކު ކޮށްލިތާ 24 ގަޑިއިރު ފަހުން ފުލުހުން އެއްޗެއް ބުނީ އިދިކޮޅުން ޒިންމާދާރު ކޮށްގެން ކަމަށް އިދިކޮޅު ޕީއެންސީގެ ޕާލިމެންޓް ގްރޫޕްގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ،
އާދަމް ޝަރީފް މިހެން ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އޮޅުވާލި ކަމަށް ބުނާ މައްސަލައިގައި ފުލުހުން ހިންގި ތަހުގީގާ ގުޅޭ ކަންކަން ހިމަނާފައިވާ ރިޕޯޓެއް ކަމަށް ބުނެ ލީކު ކޮށްލީ ސައްހަ ނޫން ރިޕޯޓެއް ކަމަށް ފުލުހުން މީގެ ކުޑަ އިރުކޮޅެއް ކުރިން ނޫސްބަޔާނެއް މެދުވެރިކޮށް އިއުލާން ކުރުމާ ގުޅިގެންނެވެ. ފުލުހުން އެ ބަޔާން ނެރުނީ ރިޕޯޓު ލީކު ކޮށްލިތާ 24 ގަޑިއިރު ފާއިތުވި ފަހުންނެވެ.
އާދަމް ޝަރީފް ވިދާޅުވިގޮތުގައި ފުލުހުންގެ ނަމުގައި ރިޕޯޓެއް ލީކު ކޮށްލިތާ 24 ގަޑިއިރު ވީއިރުވެސް އެއްވެސް އެއްޗެއް ނުބުނުމަކީ ވަރަށް ޒިންމާދަރުކަން ކުޑަ ކަމެކެވެ.
”މިއަށްވެސް އެއްޗެއް ޕޮލިސް އިން މިބުނީ އޮޕޮޒިޝަން އިން ޒިމާދާރު ކުރުވީމަ.“ އާދަމް ޝަރީފް ވިދާޅުވިއެވެ.
ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ލީކު ކުރި ރިޕޯޓުގައި ބޭނުންކޮށްފައިވާ ފޯމެޓާއި، ބޭނުންކޮށްފައިވާ ސްޓޭމްޕުގެ ފުށުއެރުންތަކެއް ހުރި ކަމުގައެވެ. އަދި ސްޓޭމްޕުގައި ފުލުހުންގެ މުއައްސަސާގެ ނަން ކަމަށް ބޭނުންކޮށްފައިވާ ދިވެހި ފުލުހުންގެ ހިދުމަތަކީ ގާނޫނު ނަންބަރު 34/2020 ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނަށް އަމަލު ކުރަން ފެށުމާއި ގުޅިގެން ފުލުހުން ބޭނުން ކުރަމުން އަންނަ ނަން ކަމުގައެވެ. އެ ބަޔާނުގައި ބުނީ ކުރިން ފުލުހުން ބޭނުންކޮށްފައިވާ ނަމަކީ މޯލްޑިވްސް ޕޮލިސް ސަރވިސް އެވެ.
“އެހެން ކަމުން މިއީ ރައްޔިތުންގެ ހިތުގައި ދިވެހި ފުލުހުންގެ ހިދުމަތަށް އޮތް އިތުބާރާއި ޔަގީންކަން ކުޑަކުރުމުގެ ބޭނުމުގައި ހަދާފައިވާ ލިޔުމެއް ކަމުގައި މި ހިދުމަތުން ދެކެން.” ފުލުުހުންގެ ބަޔާނުގައި ވެއެވެ.
އެ ލިޔުމަކީ ގަވައިދާ ހިލާފަށް ފުލުހުންގެ ސިއްކަ ބޭނުންކޮށްގެން އުފައްދާފައިވާ ލިޔުމެއް ކަމަށްވާތީ އެ މައްސަލަ ތަހުގީގު ކުރާނެ ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.
ފުލުހުންގެ ރިޕޯޓުގެ އިތުރުން އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައިސް އަހުމަދު ޝަރީފްގެ ބަޔާނެއްވެސް ވަނީ ލީކު ކޮށްލާފައެވެ. މީގެ އިތުރުން މި މައްސަލައާއި ގުޅޭގޮތުން 10 މީހަކު ފުލުހުންނަށް ދީފައިވާ ބަޔާންތަކެއްވެސް ލީކުވިއެވެ. އެ ބަޔާންތަކުގައި ބަޔާން ނެގި ފުލުހުންގެ ނަމާ ސާވިސް ނަންބަރުވެސް ވަނީ ޖަހާފައެވެ.