ޚަބަރުސިޔާސީ

ރައިސް ނަޝީދަށް ދިން ބޮމުގެ ހަމަލާ: އަދުހަމަށް ހުކުމް ކުރުން އަންނަ އަންގާރަ ދުވަހު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް މެއި މަހުގެ 6 ވަނަ ދުވަހު ދިން ބޮމުގެ ހަމަލާގައި ދައުލަތާ އެއްކޮށް އިއުތިރާފް އެއްބަސްވުން ހަދާފައިވާ އަދުހަމް އަހުމަދު ރަޝީދަށް އަންނަ އަންގާރަ ދުވަހު ހުކުމް ކުރުމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

އަދުހަމްގެ މައްޗަށް ދައުލަތުން ހަތަރު ދައުވާއެއް ކުރިއެވެ. އެއީ ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލަން އުޅުން، ޓެރަރިޒަމްގެ އަމަލެއް ކުރުން، ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުން، އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާއެވެ. ދައުލަތާއެކު އިއްތިރާފް އެއްބަސްވުން ހެދުމުގެ ސަބަބުން އޭނާއަށް ކުރި ހަތަރު ދައުވާގެ ތެރެއިން ދެ ދައުވާ ފަހުން ވަނީ އުނިކޮށްފައެވެ. އެގޮތުން އޭނާގެ މައްޗަށް އުފުލީ ޓެރަރިޒަމްގެ އަމަލެއް ކުރި ކަމުގެ ދައުވާ އާއި އެފަދަ ޖަމާއަތަކަށް ތާއީދު ކުރުމުގެ ދައުވާއެވެ.

ކުރިން އޮތް ގޮތަށް އަދުހަމަށް އުފުލާފައިވާ ހަތަރު ދައުވާ ސާބިތުވެއްޖެނަމަ އޭނާއަށް 37 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ. އެހެން ނަމަވެސް ދެން އަންނާނީ 23 އަހަރުގެ ޖަލު ހުކުމެކެވެ.

މައްސަލައިގައި މިހާތަނަށް ޖުމްލަ 15 މީހަކު ހައްޔަރުކޮށްފައިވެއެވެ. އެންމެ ފުރަތަމަ ހައްޔަރު ކުރީ ފަސް މީހުނެވެ. އެއީ ވ. ތިނަދޫ ހިޔާ އަހުމަދު އަދުހަމް ރަޝީދުއާއި، މއ. ފޭރުގެ މުޖާޒް އަހުމަދުއާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދުއާއި، ލ. ގަން ދުންފިނި އުފާ އަހުމަދު ފާތިހާއި، ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމެވެ. އަދުހަމަކީ އަތަމާ ޕެލެސް ގޯޅީގައި ހުރެގެން ބޮން ގޮއްވާލި މީހާއެވެ. ތަހުމީނަކީ ހަމަލާދިނުމަށް ބޭނުން ކުރި ސައިކަލުގެ ވެރި ފަރާތެވެ. ހައިޝަމަކީ ބޮން ހަރުކޮށްދިނުމުގައި އުޅުނު މީހާއެވެ. މުޖާޒަކީ ހަމަލާ ދިނުމަށްފަހު އަދުހަމް ފިލުވި މީހާއެވެ. އަދި ފާތިހުއަކީ މުޖާޒްގެ ގާތާށް އަދުހަމް ގެންގޮސް ދިން މީހާއެވެ.

އެފަހުން ހައްޔަރު ކުރީ ހއ.ހޯރަފުށީ، އަލަނާސިގޭ މުހައްމަދު ތަސްލީމެވެ. އޭނާ ހައްޔަރު ކުރީ ހަމަލާ ރޭވުމުގައި އިސްކޮށް އުޅުނު ކަމުގެ ތުހުމަތުގައެވެ. ތަސްލީމަށްފަހު ހައްޔަރު ކުރީ މ.ކުދުހިގެ އިސްހާގް، އއ.މާޅޮސް އަސަރީގެ މުހައްމަދު ނާޒިމް، ގއ.ވިލިނގިލި ހުދުރުމާގެ ފަހުމީ އަލީ، އަދި ހއ.މޮޅަދޫ ބަހާރުގެ އަބްދުﷲ އަލިމަނިކެވެެ.

އަބްދުﷲ އަލިމަނިކަކީ ޖަލު ހުކުމެއްގައި ހުއްޓާ ވަރަށް ފަހުން ދޫކޮށްލި މީހެކެވެ.

މެއި 6 ގައި ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާގެ ތުހުމަތުގައި ހައްޔަރު ކުރި ފުލުހުންގެ އިންޓެލް އެއް ކަމަށް އަޑު ފެތުރުނު ލ.ގަން ދުންފިނި އުފާ އަހުމަދު ފާތިހު ވަނީ ބަންދުން ދޫކޮށްލާފައެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް ތަހުގީގީ އިދާރާއެއްގެ އޮފިޝަލަކާ ހަވާލާދީ އިތުބާރު ހުރި މަސްދަރަކުން “ބޮންތި” އަށް މީގެ ކުރިން އެނގިފައިވާގޮތުގައި ފާތިހު މާލެއިން ފުރައިގެން ދިޔައީ އޭނާގެ ރަށަށެވެ.

މިކަމާގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުންނާއި، ކަރެކްޝަނުގެ އިތުރުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ލިބިފައިވޭތޯ ބެލުމަށް “ބޮންތި” އިން މީގެ ކުރިން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ.

ފާތިހަށް ދައުވާ ނުކުރަން ނިންމާފައިވާ ކަމުގެ މައުލޫމާތު މީގެ ކުރިން “ބޮންތި”އަށް ލިބިފައިވަނިކޮށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވަނީ ބުރާސްފަތި ދުވަހު ޕީޖީ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަން ކަށަވަރުކޮށްދެއްވާފައެވެ.

ޝަމީމް ވިދާޅުވީ މި މައްސަލައިގެ ތަހުގީގު އަދި އެއްކޮށް ނުނިމޭ ކަމަށެވެ. އަދި މި މައްސަލައިގައި ފާތިހުގެ މައްޗަށް ދައުވާ ކުރެވޭ ވަރަށް ހެކިތައް ލިބިފައި ނުވާކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.

އެކަމަކު “ބޮންތި” އަށް އެނގިފައިވާގޮތުގައި ހަމަލާގެ ބައިވެރިންނާ ފާތިހު އާއި ގާތް ގުޅުމެއް އޮވެއެވެ. އަދި އެ ހަމަލާ ޕްލޭން ކުރި ޓީމުގައި އޭނާ އަމަލީ ގޮތުން ބައިވެރިވެފައިވާ ކަމުގެ ފޯނު ކޯލު ރިކޯޑިން ތަކެއް ތަހުގީގަށް ލިބިފައިވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

މި މައްސަލައިގައި ފާތިހުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާ އުފުލަން ޖެހޭ މުއްދަތު މިހާރު ވަނީ ފާއިތުވެފައެވެ. އެހެން ކަމުން މި މައްސަލައިގައި އަލުން އޭނާ ހައްޔަރު ކޮށް، ދައުވާ ކުރެވިދާނެ ކަމަކަށް ނުބެލެވެއެވެ.

ފާތިހު އަކީ ފުލުހުންގެ ވަޒީފާގައި މަސައްކަތް ކޮށްފައިވާ މީހެކެވެ. އެކަން ފުލުހުން މީގެ ކުރިންވަނީ ކަށަވަރުކޮށްދީފައެވެ. އެނގިފައިވާގޮތުގައި އޭނާ ފުލުހުންގެ ވަޒީފާއިން ވަކިވީ މިއަހަރުގެ ތެރޭގައެވެ.

ފާތިހު އަކީ ބޮންގޮއްވާލުމުގައި އިސްކޮށް އުޅުނު ވ.ތިނަދޫ ހިޔާ އަހުމަދު އަދުހަމް ރަޝީދު ފިލަން އެހީތެރިވުމަށް، މއ. ފޭރުގެ މުޖާޒް އަހުމަދު ގާތާށް އޭނާ ގެންގޮސް ދިން މީހާއެވެ.

“ފާތިހު ބުނަނީ އަދުހަމަށް ލިފްޓެއް ދިން ވާހަކަ އެކަނި. އިތުރު ކަމެއް އެނގޭ ކަމަކަށް ނަހަދާ.” ޕީޖީ އޮފިޝަލަކާ ހަވާލާދީ މައުލޫމާތު ދިން މީހާ ބުންޏެވެ.

ބޮމުގެ ހަމަލާ ދިނުމަށް ފަންޑު ކުރި މީހުންގެ ދައުވާ، ވަކި ދައުވާއެއްގެ ގޮތުގައި ކުރިޔަށް ގެންދިއުމަށް ޕީޖީ އިން ވަނީ ނިންމާފައެވެ. އެކަމަކު ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނަރ މުހައްމަދު ރިޔާޒު މީގެ ކުރިން ވިދާޅުވިގޮތުގައި މި ހަމަލާއަށް ބަޔަކު ފަންޑު ކުރިކަމަކަށް ނުބެލެވެއެވެ. އެހެން ކަމުން މި މައްސަލައިގައި ފަންޑު ކުރި މީހުން ހޯދައި، އިންސާފުގެ ކުރި މައްޗަށް ގެނައުމަށް ހުރަސްތަކެއް ދިމާވުމަކީ އެކަށީގެންވާ ކަމެކެވެ. އަދި މިކަމާގުޅިގެން ފުލުހުންނާއި ޕީޖީ އޮފީހަށް ރައީސް ނަޝީދުގެ ބައެއް ސަޕޯޓަރުންގެ ނުރުހުން ވަނީ އަމާޒުވެފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button