ޚަބަރުސިޔާސީ

ރިޔާސީ އިންތިހާބަ ގުޅޭ 10 މީހެއްގެ ބަޔާން ލީކުވުން: ވޯޓު ކަރުދާހުގައި ސެކުއިރިޓީ ފީޗާ ނެތްކަމަށް ބުނެފައިވޭ

2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އޮޅުވާލި ކަމަށް ބުނާ މައްސަލައިގައި ފުލުހުންގެ ތަހުގީގަށް 10 މީހަކު ދީފައިވާ ބަޔާން ލީކު ކޮށްލައިފިއެވެ.

”ބޮންތި“ އަށް މި ހުރިހާ ބަޔާންތައް ވަނީ ލިބިފައެވެ.

ލީކުވި ގިނަ ބަޔާންތަކުން އެނގޭގޮތުގައި ބައެއް ވޯޓު ކަރުދާހުގައި ސެކިއުރިޓީ ފީޗާ ނެތްކަން ހާމަވެއެވެ. އެ ބަޔާންތަކުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރަޖިސްޓްރޭޝަން ޑިޕާޓްމަންޓްގެ އޮފިސަރަކަށް އޭރު މަސައްކަތް ކުރި މީހަކުވެސް ހިމެނެއެވެ. އޭނާގެ ބަޔާނުން އެނގޭގޮތުގައި އެ ޑިޕާޓުމެންޓުގެ އިސްވެރިޔާ އެދިގެން ބައެއް ލިސްޓުތައް ޕްރޮސެސް ކުރި ނަމަވެސް ފަހުން އެ ފައިލްތައް ފެންނާކަށް ނެތެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ އޮފިޝަލެއްގެ ގޮތުގައި އުޅުނު މީހަކު ދިން ބަޔާނެއްވެސް އޭގެ ތެރޭގައި ހިމެނެއެވެ. އޭނާ ބުނެފައިވާގޮތުގައި ބައެއް ވޯޓު ފޮށިތަކުގައި ވޯޓު ކަރުދާސް އިތުރުވުމާއި، އިނގިލީގެ ނިޝާން ނުޖަހާ ވޯޓުލީ ބަޔަކު ނުކުންނަން އުޅެފައިވެއެވެ. އަދި މޮނިޓަރުންނާއި އޮބްޒާވަރުންނަށް އެކަން ފާހަގަވެގެން އެކަން ހުއްޓުވާފައިވެއެވެ. އެކަމަކު ކަރުދާސްތަކުގައި ސެކިއުރިޓީ ފީޗާސް ނެތް ކަމަށް ފާހަގަވެގެން ބައެއް ކަންކަން ވޯޓުލާ މަރުކަޒުގެ ތެރޭގައި ހިނގާފައިވާކަމަށް އޭނާ ބުނެފައިވެއެވެ.

އީސީގެ ކުރީގެ ރައީސް އަހުމަދު ޝަރީފް އާއި ބައްދަލުވި އޮބްޒާވަރެއްގެ ބަޔާންވެސް ލީކުވި ބަޔާންތަކުގެ ތެރޭގައި ހިމެނެއެވެ. އެ ބަޔާނުގައި ބުނެފައިވަނީ ކަރުދާހުގައި ހޭކުމުން ފާހަގަ ޖެހޭ އަނގޮޓިތަކެއް ޝަރީފް ދިން ކަމާއި، އެކަން ކުރާނެ ގޮތް ދެއްކި ކަމާއި އޭގެ 20 އަނގޮޓި އޭނާ އަށް ދިން ވާހަކައެވެ. އަދި ވޯޓު އޮޅުވާލަން ބޭނުން ނުވާތީ އަނގޮޓިތައް އުކާލި ކަން އޭނާގެ ބަޔާނުން އެނގެއެވެ.

އީސީގެ ޕްލޭނިން، ރަޖިސްޓްރޭޝަން އަދި ސެކުއިރިޓީ ރޫމްގައި މަސައްކަތް ކޮށްފައިވާ މީހެއްގެ ބަޔާނުގައި ވާގޮތުން ބައެއް ވޯޓު ކަރުދާސްތަކުގައި ސެކުއިރިޓީ ފީޗާސް ނެތެވެ. އަދި އެ މައްސަލަ ފާހަގަވުމުން ވެސް ވޯޓު ކަރުދާސްތައް ރަށްރަށަށް ފޮނުވި އެވެ. އައިޑީ ކާޑުގެ ދަށްފުށުގެ ކޮޕީ ނެތް ފޯމުތަކެއް ޕްރޮސެސް ކުރަން އެންގި ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

ލީކުކޮށްލި ބަޔާންތަކުގެ ތެރޭގައި އީސީގެ ރަޖިސްޓްރޭޝަން ޑިޕާޓްމަންޓްއާއި ކޮމްޕްލޭންސް ބިއުރޯގައި މަސައްކަތް ކުރި މީހެއްގެ ބަޔާން ވެސް ހިމެނެއެވެ. އޭނާ ބުނެފައިވަނީ ރީރަޖިސްޓްރޭޝަންގެ މުއްދަތު ނިމުނު ފަހުން ރަޖިސްޓްރޭޝަން ޑިޕާޓްމަންޓްގެ ވެރިޔާ 1،500 އެއްހާ ފޯމު ދިނުމަށްފަހު ޕްރޮސެސް ކުރަން އެންގި ކަމުގައެވެ.

އިންތިހާބުގައި ވޯޓު އޮޅުވާލާފައިވާކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފުލުހުން ހިންގި ތަހުގީގަށް އެކި މީހުން ދީފައިވާ ބަޔާނުގެ މައްޗަށް ރިއާޔަތްކޮށް ތައްޔާރުކޮށްފައިވާ ރިޕޯޓުގައި ވާގޮތުން އީސީގެ ކޮމްޕްލެއިންސް ބިއުރޯގައި މައްސަލަތައް ބަލަމުންދަނިކޮށް ކުއްލިއަކަށް އިލެކްޝަން ކޮމިޝަންގެ ވެރިން ވަގުތުން ދަރުބާރުގެއަށް ބިއުރޯގެ މަސައްކަތް ބަދަލު ކުރުމަށް އެންގިއެވެ.

ދަރުބާރުގޭގައި އިންޓަނެޓާއި ފޯނު ލައިން ނެތުމުން އެއްވެސް މަސައްކަތެއް ސިސްޓަމުން ނުކުރެވޭކަމާއި، އެތަނަށް ބިއުރޯގެ މަސައްކަތް ބަދަލުކުރި ފަހުން އީސީގެ ވެރިން ޝަކުވާ ފޯމުތަކެއް ހިފައިގެން އައުމުން އުނދަގޫވާނެ ކަމަށް މުވައްޒަފުން ބުނުމުން “މިއީ މިއަދު މިކަން އޮތް ގޮތޭ.” ބުނެފައިވާކަމަށް އެ ރިޕޯޓުގައި ހިމަނާފައިވެއެވެ.

ރިޕޯޓުގައި ބުނީ، ބިއުރޯއިން އީސީގެ އިދާރާއަށް ޑިސްޕެޗް ކުރަން ފޮނުވި މައްސަލަތަކުގެ ތެރެއިން 105 މައްސަލައެއްގެ ޖިނާއީ ތަހުގީގު ހިންގަން ފުލުހުންނަށް ހުށަހަޅައިގެން ކުރިޔަށް ގެންދާން ފެންނަ ކަމަށް އީސީ އިން ނިންމި ނަމަވެސް އެއިން އެއްވެސް ޖަވާބެއް އެ މައްސަލަ ހުށަހެޅި ފަރާތަށް  ރައްދުކޮށްފައި ނުވާކަން އެދުވަހުގެ ބައްދަލުވުމުގައި ޝަރީފް ދެއްކެވި ވާހަކައިން އެނގުނު ކަމުގައެވެ.

މީގެ އިތުރުން އެ ހުރިހާ ކަމެއް ހިނގިއިރު، ޝަރީފް ނޫސްވެރިންނާއި ބައްދަލުކޮށް އެއްވެސް މައްސަލައެއް ވޯޓާ ގުޅިގެން ހުށަހެޅިފައި ނުވާ ކަމަށް ވިދާޅުވެފައިވާކަން އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އަދި މުވައްޒަފުންނާއި ބައްދަލުކޮށް ޝަރީފް ދެއްކެވި ވާހަކައިގެ އޯޑިއޯއެއް ފުލުހުންގެ ތަހުގީގަށް ލިބިފައިވާއިރު، ހުށަހެޅިިފައިވާ ޝަކުވާގެ އަދަދު އޭނާގެ ވާހަކައިން ދޭހަވާ ކަމާއި ކަންކުރަންވާ ގޮތް ކިޔައިދީފައިވާކަންވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ފުލުހުންގެ ރިޕޯޓު ލީކުވުމާ ގުޅިގެން އެ އިދާރާއިން އަދި މިހާތަނަށް އެއްވެސް އެއްޗެކޭ ނުބުނެއެވެ. އަދި މިކަމާ ގުޅިގެން ޝަރީފް ވެސް އަދި އެއްޗެކޭ ވިދާޅެއް ނުވެއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button