ޚަބަރުސިޔާސީ

އިދިކޮޅުގެ ކޮތަރު ކޮށި ޖަލްސާ ކާނިވަލަށް ބަދަލުކޮށްފި

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ކޮތަރު ކޮށި ޖަލްސާ އަލިމަސް ކާނިވާ ސަރަހައްދަށް ބަދަލުކޮށްފިއެވެ.

އިދިކޮޅުން މާދަމާ މާދަމާ ރޭ 21:00 ގައި ހުޅުމާލެ ފޭސް 2 ގައި ބާވަން އުޅުނު ޖަލްސާ ކާނިވަލަށް ބަދަލު ކުރީ ފުލުހުންގެ އެހީތެރިކަމާ އެކީ އެމްޑީޕީގެ އެކްޓިވިސްޓުން ހުރަސް އެޅުމާ ގުޅިގެންނެވެ.

މި ޖަލްސާ ބާއްވަން ސިޓީ ކައުންސިލުން ހުއްދަ ދީފައި ވަނިކޮށް، ޖަލްސާގެ ތައްޔާރީތަކަށް އިއްޔެ ހަވީރު ފުލުހުން ވަނީ ހުރަސް އަޅާފައެވެ. އަދި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ ރައީސް ހަސަން އިއާދުގެ އިތުރުން އެމްޑީޕީ އެކްޓިވިސްޓުން ޕީޕީއެމްގެ ދިދަތައް އުފުރި އިރު ފުލުހުން ތިބީ ބަލަހައްޓައިގެންނެވެ.

ފުލުހުން ވަނީ އެ ސަރަހައްދަށް އިއްޔެ ގޮސް ސިޓީ ކައުންސިލްގެ ހުއްދައިގެ އިތުރުން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ހުއްދަ އޮންނަން ޖެހޭނެ ކަމަށް ބުނެފައެވެ. އެކަމަކު އެޗްޑިސީ އަށް ދޫކޮށްފައިވާ ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލްކޮށް މާލެ ސިޓީ ކައުންސިލްގެ ބާރުގެ ދަށަށް ހުޅުމާލެ ފޭސް 1 އަަދި ފޭސް 2 ގެންނަން އިއްޔެ ވަނީ ފާސްކޮށްފައެވެ. އެގޮތަށް ފާސްކުރީ އިއްޔެ ބޭއްވުނު މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 30 ވަނަ ރަސްމީ އާއްމު ޖަލްސާގައެވެ. އެ ނިންމުން ފާސްކުރީ 12 ކައުންސިލަރުންގެ އަޣުލަބިއްޔަތުންނެވެ.

ބެލެވޭގޮތުގައި އެޗްޑީސީއަށް ދޫކޮށްފައިވާ ހުޅުމާލޭގެ 2 ފޭސްގެ ރަޖިސްޓްރީ ސިޓީ ކައުންސިލުން ބާތިލްކުރީ ޕީޕީއެމުން ހުކުރު ދުވަހުގެ ރޭ ހުޅުމާލެ ފޭސް 2 ގައި ބާއްވަން އުޅޭ ޖަލްސާ އަށް އެޗްޑީސީއިން ހުރަސް އެޅުމާގުޅިގެންނެވެ.

ފުލުހުން މިގޮތަށް އަމަލު ކުރިއިރު، ލާމަރުކަޒީ ގާނޫނުގެ ދަށުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ގަރާރު ނަންބަރު 3/2020 ގައި ވަނީ ކައުންސިލް އިދާރާތަކުގެ އިހުތިސާސްތައް ކަނޑައަޅާފައެވެ. އެގޮތުން ހުޅުމާލެ އަކީ މާލެ ސިޓީ ކައުންސިލްގެ އިހުތިސާސުގެ ތެރޭގައި އޮތް ރަށެކެވެ.

ހުޅުމާލޭ ރަޖިސްޓްރީ ބާތިލް ކުރި މައްސަލަ އެޗްޑިސީ އިން ވަނީ ސިވިލް ކޯޓަށް ހުށަހަޅާފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button