ޚަބަރުސިޔާސީ

ކައުންސިލްގެ އިހްތިސާސްގެ ތެރެއަށް ވަތް މައްސަލައިގައި ފުލުހުން ޖަވާބު ދާރީ ކުރުވާނަން: މުއިއްޒު

ކައުންސިލްގެ އިހުތިސާސުގެ ތެރެއަށް ވަތް މައްސަލައިގައި ފުލުހުން ޖަވާބު ދާރީ ކުރުވާނެ ކަމުގައި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކައުންސިލްގެ އިހްތިސާސްގެ ތެރޭގައިއޮންނަ ސަރަހައްދެއްގައި ސިޔާސީ ޕާޓީއަކުން ޖަލްސާއެއް ބާއްވަން އެދުމުން، އެކަމަށް ކައުންސިލުން ދީފައިވާ ހުއްދަ ތަންފީޒުކުރުމަށް ފުލުހުން ހުރަސް އަޅަމުން ދާތަން ފެންނަމުންދާ ކަމުގައެވެ. 

”އެކަމުގައި ޕޮލިސް ގާނޫނީގޮތުން ޖަވާބުދާރީ ކުރުވާނެކަމުގައި ދަންނަވަން“ މުއިއްޒު ވިދާޅުވިއެވެ.

ޑރ.މުއިއްޒު މިހެން ވިދާޅުވީ ހުކުރު ދުވަހުގެ ރޭ ހުޅުމާލެ ފޭސް 2 ގައި ކޮތަރު ކޮށީގެ ނަމުގައި ޕީޕީއެމުން ހުކުރު ދުވަހުގެ ރޭ 21:00 ގައި ބާއްވަން އުޅޭ ޖަލްސާއަށް ސިޓީ ކައުންސިލުން ހުއްދަ ދީފައި ވަނިކޮށް، ޖަލްސާގެ ތައްޔާރީތަކަށް މިއަދު ހަވީރު ފުލުހުން ހުރަސް އެޅުމާ ގުޅިގެންނެވެ.

ފުލުހުން ވަނީ އެ ސަރަހައްދަށް ގޮސް ސިޓީ ކައުންސިލްގެ ހުއްދައިގެ އިތުރުން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ހުއްދަ އޮންނަން ޖެހޭނެ ކަމަށް ބުނެފައެވެ. އެކަމަކު އެޗްޑިސީ އަށް ދޫކޮށްފައިވާ ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލްކޮށް މާލެ ސިޓީ ކައުންސިލްގެ ބާރުގެ ދަށަށް ހުޅުމާލެ ފޭސް 1 އަަދި ފޭސް 2 ގެންނަން މިއަދު ރަސްމީ ގަޑީގައި ވަނީ ފާސްކޮށްފައެވެ. އެގޮތަށް ފާސްކުރީ މިއަދު ބޭއްވުނު މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 30 ވަނަ ރަސްމީ އާއްމު ޖަލްސާގައެވެ. އެ ނިންމުން ފާސްކުރީ 12 ކައުންސިލަރުންގެ އަޣުލަބިއްޔަތުންނެވެ.

ބެލެވޭގޮތުގައި އެޗްޑީސީއަށް ދޫކޮށްފައިވާ ހުޅުމާލޭގެ 2 ފޭސްގެ ރަޖިސްޓްރީ ސިޓީ ކައުންސިލުން ބާތިލްކުރީ ޕީޕީއެމުން ހުކުރު ދުވަހުގެ ރޭ ހުޅުމާލެ ފޭސް 2 ގައި ބާއްވަން އުޅޭ ޖަލްސާ އަށް އެޗްޑީސީއިން ހުރަސް އެޅުމާގުޅިގެންނެވެ.

ފުލުހުން މިގޮތަށް އަމަލު ކުރިއިރު، ލާމަރުކަޒީ ގާނޫނުގެ ދަށުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ގަރާރު ނަންބަރު 3/2020 ގައި ވަނީ ކައުންސިލް އިދާރާތަކުގެ އިހުތިސާސްތައް ކަނޑައަޅާފައެވެ. އެގޮތުން ހުޅުމާލެ އަކީ މާލެ ސިޓީ ކައުންސިލްގެ އިހުތިސާސުގެ ތެރޭގައި އޮތް ރަށެކެވެ.

މިކަމާގުޅޭ މައުލޫމާތު ގަނޫނީ ވަކީލު އާދަމް ޝަމީމް ވަނީ އޭނާގެ ޓުވީޓެއްގައި ހިއްސާ ކުރައްވާފައެވެ.

ޕީޕީއެމުން ޖަލްސާގެ ތައްޔާރީތައް ކުރިޔަށް ގެންދާ ސަރަހައްދުގައި ފުލުހުން މިހާރުވެސް ދަނީ ހަރަކާތްތެރި ވަމުންނެވެ.

 

މިކަމާ ގުޅިގެން ރަސްމީ ސިފައެއްގައި ފުލުހުން އަދި މިހާތަނަށް އެއްޗެއް ނުބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button