ޚަބަރުސިޔާސީ

މިނިވަންވިތާ 5 ދުވަސް ފަހުން ޔާމީން މާދަމާ ކޯޓަށް!

އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ސުޕްރީމް ކޯޓުން މިނިވަންކުރިތާ 5 ދުވަސް ފަހުން، މާދަމާ ކްރިމިނަލް ކޯޓަށް ހާޒިރު ކުރަން ނިންމައިފިއެވެ.

ކްރިމިނަލް ކޯޓުގެ ތާވަލުގައި ވާގޮތުން ރައީސް ޔާމީން އެ ކޯޓަށް ހާޒިރު ކުރަނީ މާދަމާ ހެނދުނު 09:00 ގައެވެ. އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރެއިން މާދަމާ ކުރިޔަށް ދާނީ ރިޝްވަތު ގަބޫލު ކުރިކަމުގެ ދައުވާ އާއި، މަނީ ލޯންޑަރިންގެ ކުށުގެ ދައުވާގެ އިބުތިދާއީ އަޑުއެހުމެކެވެ.

ރިޝްވަތުގެ ދައުވާގެ ގޮތުގައި ރައީސް ޔާމީންގެ މައްޗަށް ކުރާ ދައުވާއަކީ ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަން ރ.ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން މަގާމުގެ ނުފޫޒު ބޭނުންކުރައްވައި، ރިޝްވަތުގެ ގޮތުގައި 1،117،000 ޑޮލަރު ނެންގެވިކަމުގެ ތުހުމަތެވެ.

މަނީ ލޯންޑަރިންގެ ދައުވާ އަކީ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި, ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށް އެ ފައިސާ ލޯންޑާ ކުރިކަމުގެ ތުހުމަތެވެ.

މި ދެ ދައުވާ ހިމެނޭގޮތަށް ރައީސް ޔާމީންގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އުފުލަމުންދާ ހުރިހާ ދައުވާތަކަށްވެސް އެމަނިކުފާނު އިންކާރު ކުރައްވައެވެ.

ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ 5 އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން މިދިޔަ މަހު 30 ގައި ބާތިލް ކުުރުމާއެކު ހަމަ އެ ދުވަހު އެމަނިކުފާނުގެ ޕާސްޓް ޕޯޓު ހިފެހެއްޓުމުގެ 7 ދުވަހުގެ އަމުރެއް ކްރިމިނަލް ކޯޓުން ނެރެފައިވެއެވެ. އެ އަމުރު ނެރުނީ ފުލުހުން އެދިގެންނެވެ. އެކަމަކު ޝަރީއަތުގައި އޮތް މައްސަލައެއްގެ ތެރެއަށް ފުލުހުން ވަންނަން ޖެހުނީ ކީއްވެ ކަމެއް ސާފުވާ މިންވަރަށް ފުލުހުންނަށް ބުނެދެވިފައެއް ނުވެއެވެ. މައުލޫމާތު ލިބޭގޮތުގައި އެފަދަ އަމުރެއް ނެރެން ފުލުހުން އެދުނީ ޕީޖީ އޮފީހުން ބުނެގެންނެވެ.

 

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button