21 ސިވިލް ސާވިސް މުވައްޒަފުން ކަނޑާލި ނޯޓިސް ދިނީ ވަޒީފާއިން ވަކި ކުރި ދުވަހު
ޖެންޑާ މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ކުޑަކުޑިންގެ ހިޔާގައި މަސައްކަތް ކުރާ 21 ސިވިލް ސާވިސް މުވައްޒަފުން ކަނޑާލި ނޯޓިސް ދިނީ ވަޒީފާއިން ވަކި ކުރި ދުވަހު ކަން ހާމަވެއްޖެއެވެ.
ޖެންޑާ މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރ ރިޒްނާ ޒަރީރު އާއި ހަވާލާދީ ބައެއް މީޑިއާތަކުގައި ރިޕޯޓު ކޮށްފައިވަނީ، އެ މުވައްޒަފުންނަށް ކުރިން އެކަން އަންގާފައިވާނެ ކަމުގައެވެ. އެކަމަކު ”ބޮންތި“ އެނގިފައިވާގޮތުގައި ކަނޑާލި މުވައްޒަފުން ކުރިން ވަޒީފާއިން ވަކި ކުރާނެ ކަމުގެ އެއްވެސް ނޯޓިސް އެއް ދީފައެއް ނުވެއެވެ. އަދި ވަޒީފާއިން ވަކި ކުރަން ނިންމި ކަމަށް ބުނީ އަންގާރަ ދުވަހު އޮފީހަށް ހާޒިރު ކުރުމަށް ފަހުގައި ކަމަށް މައުލޫމާތު ލިބެއެވެ.
ޖެންޑާ މިނިސްޓްރީ އިން ބުނާގޮތުގައި އެ މުވައްޒަފުން ވަކިކުރީ ކުޑަކުދިންގެ ހިޔާގައި ތިބި ގިނަ ކުދިންތަކެއް ދާދި ފަހުން އެ މިނިސްޓްރީން ހުޅުވި އަމާން ހިޔާއަށް ބަދަލުކުރުމާ ގުޅިގެންނެވެ. އަދި 21 މުވައްޒަފުންނަށް ނޯޓިސް ދިނީ ސިވިލް ސާވިސް ކޮމިޝަނުން ނިންމުމުން ކަން މިނިސްޓްރީ އިން ފާހަގަކުރެއެވެ.
ވަޒީފާއިން ވަކި ކުރި މުވައްޒަފުންގެ މައްސަލަ ބަލައިދިނުމަށް އެދި އެ މީހުންގެ ފަރާތުން ސިޓީއެއް ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް މިއަދު ވަނީ ހުށަހަޅާފައެވެ. އަދި ސަރުކާރުގެ ކަމާބެހޭ އެކި މުއައްސަސާތަކުގެ ވެރިންނާ ބައްދަލު ކުރުމަށް މިހާތަނަށް ކުރެވުނު މަސައްކަތް ނާކާމިޔާބު ވެފައިވާ ކަމަށް ވެސް މުވައްޒަފުންނާ ހަވާލާދީ ނޫސްވެެރިއެއްގެ ފަރާތުން ”ބޮންތި“ އަށް ވަނީ ކަށަވަރުވެފައެވެ.
މިހާތަނަށް އެ މުވައްޒަފުންނާ ބައްދަލުކޮށް އެކަމަށް ހައްލެއް ލިބޭތޯ މަސައްކަތް ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައިވަނީ މާލެ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒުއެވެ.