ޚަބަރުސިޔާސީ

ޕްލޭން ބީ އަކީ މުއިއްޒު ކަމަކަށް ޕީޕީއެމް ޕީއެންސީއިން އަދި ނުނިންމާ

އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަދި ޕީޕީއެމުން އިންތިހާބުގައި ވާދަ ނުކުރެވިދާނެ ހާލަތެއް އައިސްފިނަމަ ބަދަލުގެ ކެންޑިޑޭޓެއްގެ ގޮތުގައި ނެރުމަށް ނިންމި މާލެ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒުއަކީ ”ޕްލޭން ބީ“ ގެ ގޮތުގައި އަދި ނުނިންމާކަން ”ބޮންތި“ އަށް އެނގިއްޖެއެވެ.

ޕީޕީއެމްގެ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށާއި އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވިދާނެ އެއްވެސް ހާލަތެއް އައިސްފިނަމަ، ޕްލޭން ބީ އަކީ ޕީޕީއެމުން އިތުރު ކެންޑިޑޭޓެއް ނެރުމުގެ ފުރުސަތު ސުޕްރީމް ކޯޓުން ހޯދުން ކަމަށާއި، ޕްލޭން ސީ އަކީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް, މޭޔަރު ޑރ.މުއިއްޒު ކަމަށް ކަނޑައަޅާފައި އޮތް އޮތުން ބަދަލުކޮށް، ޕްލޭން ބީ އަކީ މުއިއްޒު ކަމަށް އެ ދެޕާޓީން ނިންމި ހަބަރަކީ ދޮގު ހަބަރެއް ކަމަށް ދެޕާޓީގެ ލީޑާޝިޕުން ”ބޮންތި“ ނޫހަށް ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.

އެގޮތުން ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވީ އެއީ ހަގީގަތެއް ނެތް ވާހަކައެއް ކަމަށާއި، ކަމެއް ނިންމެވިޔަސް ނިންމަވާނީ ރައީސް ޔާމީން ކަމުގައެވެ.

”ރައީސް ވިދާޅުވާ މަގަކުން ހިނގީމާ އެ ނިމުނީ. ރައީސަށް ތާއީދު ކުރުމަކީ ރައީސް ވިދާޅުވާގޮތެއްވެސް ކެތްތެރިކަމާއެކީ އަޑު އަހާ ގަބޫލުކޮށްލުން.“ މުންދު ވިދާޅުވިއެވެ.

މިކަމާ ގުޅޭގޮތުން ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް އާއި ސުވާލު ކުރުމުން ވިދާޅުވީ، އެއީ ބޮޑު ދޮގެއް ކަމުގައެވެ.

”ބޮޑަށް ވައްތަރީ ބަޔަކު އަނބުރާ ގޭސްގަނޑަކާ.“ ޝިޔާމް ވިދާޅުވިއެވެ.

ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ވާދަކުރެއްވޭނެކަން ކަށަވަރުވާނީ ސުޕްރީމް ކޯޓުގައި ރޭ އަޑުއެހުންތައް ނިންމާލި މައްސަލައިގެ ހުކުމް އަންނަ ގޮތަކުންނެވެ.އެއީ އިލެކްޝަންސް ކޮމިޝަނުން ރައީސް ޔާމީންގެ ކެންޑިޑޭސީ ބަލައިނުގަތް މައްސަލައިގައި އިސްތިއުނާފު އަޑުއެހުމެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button