ރިޕޯޓް

މެޖޯރިޓީ ހިއްސާ ބޭރުބައެއްގެ އަތްމަތީގައި އޮންނަ ދިރާގުގެ އަމަލުތަކުން ކުދި ވިޔަފާރިތައް ބަނގުރޫޓުވުމާ ދިމާލަށް!  

ވިޔަފާރިއަކީ ވާދަވެރިކަން ބޮޑު ދާއިރާއެއް ކަމާއި މެދު ދެބަސްވާނެ މީހަކު ނުހުންނާއެވެ. ވިޔަފާރިވެރިންގެ ތެރޭގައި އޮންނަ ވާދަވެރިކަމުގެ ސަބަބުން ތަކެތީގެ ކޮލެޓީއާއި، އަގާއި، ހިދުމަތުގެ ފެންވަރު ވަކި ހަމައެއްގެ ތެރޭގައި ގެންގުޅެވެއެވެ. އެއް ވައްތަރެއްގެ ވިޔަފާރިއެއްގެ ތެރޭގައި ރަނގަޅު ވާދަވެރިކަމެއް އުފެދިފައިވާ ގައުމުތަކަކީ ހަރުދަނާ އުސޫލުތަކެއް ދަމަހައްޓާ ގައުމުތަކެވެ. އެއާ ހިލާފަށް ބޮޑު މަސް ކުޑަ މަސް ކާލާ ބީދައިން ބޮޑެތި ވިޔަފާރިތަކުގެ ވަކިތަކުން ކުދި ވިޔަފާރިތަކަށް ސަލާމަތް ނުވެވިގެން އުޅެނީ ހަމައެއް ލަމައެއް ނޯންނަ ގައުމުތަކުގައެވެ. ނުވަތަ ގާނޫނުތަކާއި ގަވައިދުތަކެއް ހެދިފައި ހުއްޓަސް ބަހުން މެޓާ ކަމުން ރެކޭ އުސޫލުން ކަންކަން ހިނގަމުން އަންނަ ގައުމުތަކެވެ.

ރާއްޖޭގައިވެސް ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ގާނޫނެއް 2020 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 31 ވަނަ ދުވަހު ވުޖޫދު ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ވިޔަފާރީގެ ދާއިރާގައި ވާދަވެރި ސަގާފަތެއް އުފައްދައިގެން ދިވެހި ވިޔަފާރިވެރިން ކުރިއެރުވުމެވެ. ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން ހަނިވާގޮތަށް އެއް ބަޔަކު އަނެއް ބަޔަކު ފިއްތަން ކުރާ އަމަލުތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ދުވެލީގައި ބުރަކި ނުޖެހޭނެ އުސޫލުތަކެއް ގާނޫނަކުން ހެދުމަށެވެ. އަދި އެ އުސޫލުތައް ތަންފީޒު ކުރުމަށެވެ. ކަން މިހެން އޮތަސް ދިވެހިރާއްޖޭގެ ގުޅުން ޕްރައިވެޓް ލިމިޓެޑް (ދިރާގު) އިން ޓީވީ ޗެނަލް ތަކުގެ ހިދުމަތް ދެނީ، މި ހިދުމަތްދޭ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންގެ ވިޔަފާރިތައް ބަނގުރޫޓު ކޮށްލުމުގެ ސިޔާސަތުގެ ދަށުންނޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ސަބަބަކީ ދިރާގުން އަމަލު ކުރަމުންދާ ގޮތުން އެކަން ސާބިތުވާތީއެވެ.

ދިރާގު އުފެއްދުމުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގައި ޓެލެކޮމިއުނިކޭޝަންގެ ހިދުމަތް ދިނުމެވެ. ފޯނު ލައިނުން މޯބައިލްގެ ހިދުމަތަށް ބަދަލުވެ، އިންޓަނެޓްގެ ހިދުމަތް ފުޅާވެގެން ގޮސް ސާފު ފައިދާގެ ގޮތުގައި ހިންގަމުން އައި ދިރާގުގެ މެޖޯރިޓީ ހިއްސާ މީގެ ކުރިން އޮތީ ސަރުކާރުގައެވެ. އެހެން ނަމަވެސް 2008 ވަނަ އަހަރުގައި ވެރިކަން ބަދަލުވެ، ދިރާގުގެ މެޖޯރިޓީ ހިއްސާ ބޭރުބައެއްގެ މުށުތެރޭގައި ތާށިވީ ހިސާބުން އެ ކުންފުނިން އަންނަނީ ތަފާތު އައު ހިދުމަތްތައް ތައާރަފް ކުރަމުންނެވެ. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކޭބަލް ޓީވީގެ ހިދުމަތް ދެމުން އަންނަ ކުދި ވިޔަފާރިވެރިންގެ ވިޔަފާރީގެ ތެރެއަށްވެސް އެ ކުންފުނިން ވަދެގަތީއެވެ.

ދިރާގުގެ ކޮރޮސް ސަބްސިޑައިޒިންގެ މޮޑިއުލަކީ ކޭބަލް ޓީވީ އޮޕަރޭޓަރުންގެ ވިޔަފާރިއަށް އޮތް ބިރެއް

ދިރާގު ޓީވީގެ ނަމުގައި އަލަށް ތައާރަފް ކުރި ހިދުމަތް ދެމުން އަންނަ ގޮތަށް ބަލާއިރު، އެ ކުންފުނިން އިންޓަނެޓުގެ ހިދުމަތް ހޯދަމުން އަންނަ ކަސްޓަމަރުންނަށް 6 މަސް ދުވަސް ވަންދެން ދިރާގު ޓީވީގެ ހިދުމަތް ހިލޭ ފޯރުކޮށްދެއެވެ. ޖޯއީ ބޮކްސްވެސް ހިލޭ އެވެ. އެކަމަކު ރަށްފުށުގައި މި ހިދުމަތްދޭ ކޭބަލް ޓީވީ އޮޕަރޭޓަރަށް މިކަން ކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ. މޯބައިލްގެ ހިދުމަތާއި އިންޓަނެޓްގެ ހިދުމަތް ކޭބަލް ޓީވީ އޮޕަރޭޓަރެއް ނުދޭނެއެވެ. އެއާ ހިލާފަށް ދިރާގުން މޯބައިލް ޑާޓާ އަދި ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތުން ބޮޑު ފައިދާއެއް ނަގައެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓާގައި ދިރާގަށް އާމްދަނީގެ ގޮތުގައި މި ދެ ހިދުމަތުން 645 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އެއީ މޯބައިލް ހިދުމަތުގެ އާމްދަނީ އިން 390 މިލިއަން ރުފިޔާ އަދި ފިކްސްޑް ބޯރޮޑްބޭންޑް އެންޑް އެންޓަޕްރައިސް ހިދުމަތުން 255 މިލިއަން ރުފިޔާ އެވެ. އެ ކުންފުނީގެ ހިންގުމުގެ ހަރަދު ކަމަށްވާ 299 މިލިއަން ރުފިޔާ އުނި ކުރުމަށްފަހު ހަމައެކަނި މި ދެ ހިދުމަތުން ފައިދާގެ ގޮތުގައި 219 މިލިއަން ރުފިޔާ ދިރާގުން ވަނީ ހޯދާފައެވެ. އެހެން ކަމުން ދިރާގު ޓީވީގެ ހިދުމަތާ ގުޅޭ ހިލޭ ޕްރޮމޯޝަންތަކެއް އެ ކުންފުނިން ހިންގަމުން އަންނަނީ ކްރޮސް ސަބްސިޑައިޒިން ނުވަތަ އެހެން ހިދުމަތްތަކުން ލިބޭ ސާފު ފައިދާއިން މިންވަރެއް ނަގައިގެންނެވެ. މިއީ ކަސްޓަމަރުން ހިފެހެއްޓުމުގައި ގިނަ ވިޔަފާރިތަކުން ގެންގުޅޭ އުކުޅެކެވެ. އެކަމަކު ދިރާގުން އަމަލު ކުރަނީ ކަސްޓަމަރުންނަށް ވަގުތީ ހިތްހަމަޖެހުމެއް ދިނުމަށްފަހު ދާއިމީ ފައިދާ އުމުރު ދުވަހަށް ކަސްޓަމަރުންގެ އަތުން ނެގުމުގެ ހީލަތްތެރި ވިސްނުމުގައެވެ. މިކަމުގެ އެންމެ ބޮޑު ނުރައްކަލަކީ ދިރާގު ފަދަ މާކެޓުގައި ނުފޫޒު ފޯރުވޭ ފަދަ މަގާމެއް ލިބިފައިވާ ވިޔަފާރިއަކުން އެ މަގާމުގެ ބޭނުން ނަހަމަގޮތުގައި ހިފައި، ކޭބަލް ޓީވީގެ ހިދުމަތްދޭ ކުދި ވިޔަފާރިވެރިން ”ނޮޅާލުމެވެ.“  ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ގާނޫނުގައިވާގޮތުން ވާދަވެރި ވިޔަފާރިއެއް އެ މާކެޓުން ބޭރުކޮށްލުމުގެ ގޮތުން ނުވަތަ ހުރަސްއެޅުމުގެ ގޮތުން ނުކަތާވަރުގެ ޝަރުތުތަކެއް މާކެޓުގެ ތެރެއަށް ދޫކޮށްލުމަކީ ޣައިރު ގާނޫނީ އަމަލެކެވެ. އެހެން ކަމުން ކޭބަލް ޓީވީ އޮޕަރޭޓަރުންނަކީ އެންމެ ހިދުމަތެއް ދޭ ބަޔަކަށްވެފައި، އެފަރާތްތަކަށް މިފަދަ ހިލޭ ޕްރޮމޯޝަންތައް ދެވޭ މިންވަރު ލިމިޓުވެފައި، ކޮރޮސް ސަބްސިޑައިޒިންގެ މޮޑިއުލަކީ ތަކުލީފަކަށް ވާނެއެވެ. އެހާލަތުގައި ކޭބަލް ޓީވީގެ ހިދުމަތްދޭ ފަރާތްތަކަށް ދިރާގުން ދޭ  ”ދުވަސްކޮޅެއް ހިލޭ، ފަހުން ލާރި ދައްކަން ޖެހޭ“ ފަދަ ޕެކޭޖެއް ޝަރުތުކޮށް މާކެޓަށް ދުލެއް ނުކުރެވޭނެއެވެ. މިހަމަތަކުން އެކަނި ބެލިޔަސް ދިރާގުން މާކެޓުގައި ދަތި އަޅުވަން އުޅޭކަން ސާބިތުވެއެވެ.

ދިރާގާއި ކޭބަލް ނެޓްވޯކް ވިޔަފާރިތަކުން ހިދުމަތް ދޭ މޮޑިއުލްގެ ފަރަގު

ދިރާގު ޓީވީގެ ހިދުމަތް ދޭ މޮޑިއުލް އަށް ބަލާއިރު، އެ ކުންފުންޏަށް ބޮޑެތި އިހުތިޔާރުތަކެއް ލިބިފައިވެއެވެ. އެގޮތުން މޯބައިލްގެ ހިދުމަތްތަކާއި، ޓީވީ ޗެނަލް ތަކުގެ ހިދުމަތާއި އިންޓަނެޓްގެ ހިދުމަތް ދިރާގުން ފޯރުކޮށްދެނީ އެ ކުންފުނީގެ 100 އިން ސައްތަ ނެޓްވޯކަކުންނެވެ. މި ހުރިހާ ހިދުމަތްތަކެއްވެސް ދިރާގުން ފޯރުކޮށްދެނީ އާމްދަނީގެ އެއްވެސް މިންވަރެއް އިތުރު ބަޔަކަށް ލިބޭ މޮޑިއުލްއަކުން ނޫނެވެ. އާމްދަނީގެ މައުޟޫގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންގެ ބައިވެރިވުމެއް ނޯވެއެވެ. ޓެލެކޮމް ފްރިކުއެންސީ އަކީ ދިރާގުގެ އެންޓެނާތައް މެދުވެރިކޮށް ދެވޭ ފްރިކުއެންސީތަކެވެ. އަދި ދިރާގުގެ އިންޓަނެޓް ކަސްޓަމަރުންނަށް އިންޓަނެޓްގެ ޒަރީއާއިން ގިނަ ހިދުމަތްތަކެއް ފޯރުކޮށްދެވޭއިރު، ޓީވީގެ ހިދުމަތް ވަކި މުއްދަތެއް ވަންދެން ދެނީ ކްރޮސް ސަބްސިޑައިޒް އުސޫލުންނެވެ. އެކަމަކު މިއާ ހިލާފަށް ކޭބަލް ޓީވީގެ ހިދުމަތް ފޯރުކޮށްދޭ ވިޔަފާރިތަކުގެ ތެރެއިން މީޑިއާ ނެޓް ފަދަ ކުންފުނިތަކަކީ އެންމެ ހިދުމަތަކަށް ބަރޯސާވެފައިވާ ބައެކެވެ. އެ ވިޔަފާރީގައި އޮންނަނީ އާމްދަނީގެ 50 އިން ސައްތަ ރަށްފުށުގައި ދިރިއުޅޭ ކޭބަލް ޓީވީ އޮޕަރޭޓަރަށް ލިބޭ މޮޑިއުލެކެވެ. މީގެ އިތުރުން ސެޓަލައިޓަށް އަޕްލިންކް ކުރުމުގެ ހަރަދާއި، ލައިސެސްންސް އެކުއިޒިޝަން ފީ އަކީ އެފަދަ ވިޔަފާރިތަކުން ބޮޑު ހަރަދެއް ކުރާ މީޑިއަމެކެވެ. އެހެން ކަމުން އެންމެ ހިދުމަތެއް ފޯރުކޮށްދޭ ކޭބަލް ޓީވީ އޮޕަރޭޓަރުންނަށް ދިރާގާ އެއްވަރަކަށް މާކެޓުގައި ފައި ހިއްޕާލާކަށް ކުޅަދާނައެއް ނުވާނެއެވެ. އަދި މިކަމުގެ ސަބަބުން މުޅި ސަޕްލައިން ޗެއިނަށް އޭގެ ނޭދެވޭ އަސަރު ކުރާނެއެވެ. ހާއްސަކޮށް ޓީވީ ޕެކޭޖުތަކުގެ އަގު ވައްޓާލުން ފަދަ ކަންކަމަކީ ކުދި ވިޔަފާރިތަކުގެ ޖަނާޒާގެ މަލަމައްޗެވެ. ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ގާނޫނުގައި ވާގޮތުން ވާދަވެރި އެހެން ވިޔަފާރި ހިންގާ ފަރާތެއްގެ ވިޔަފާރި ނައްތާލުމުގެ ގޮތުން ހިދުމަތުގެ އަގު ވައްޓައެއް ނުލެވޭނެއެވެ. އަދި ވާދަވެރި އެހެން ވިޔަފާރި ހިންގާ ފަރާތެއްގެ ވިޔަފާރި ނައްތާލުމުގެ ގޮތުން އިންސާފުވެރި ނޫން އަގެއް ކަނޑަނޭޅޭނެކަމަށްވެސް ގާނޫނުގައި ބުނެފައިވެއެވެ.

މި ގާނޫނު ތަންފީޒު ކުރުމުގެ އިސް ޒިންމާ އިކޮނޮމިކް މިނިސްޓަރަށް މަތިކޮށްފައިވާއިރު، ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވައިދުތައް ހަދައި ހިންގުމުގެ ޒިންމާވެސް އޮތީ މިނިސްޓަރަށެވެ. އެގޮތުން ގާނޫނުގައި ވާގޮތުން ވިޔަފާރީގެ ވާދަވެރިކަމަށް ހުރަސް އަޅާ ފަރާތްތަކުގެ އަމަލުތައް މިނިސްޓަރު ހުއްޓުވަން ޖެހެއެވެ.

ކޭބަލް ޓީވީ އޮޕަރޭޓަރުންގެ ޕެޓިޝަން ކަމާބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް

މި އަހަރުގެ ޖޫން މަހުގެ 6 ވަނަ ދުވަހު ދިރާގާއި ދެކޮޅަށް 100 ކޭބަލް ޓީވީ އޮޕަރޭޓަރުންގެ ސޮޔާއެކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ހުށަހެޅި ޕެޓިޝަންގައިވެސް ސިނާއަތުގެ ވާދަވެރިކަން ގެއްލިގެން ހިނގައިދާނެ ކަމުގެ ބިރު އޮތްކަން ފާހަގަކޮށްފައިވެއެވެ. އެގޮތުން އެފަރާތްތަކުން މިހާރު ހިދުމަތް ފޯރުކޮށްދެނީ މީޑިއާނެޓާއި އެކީ ވެވިފައިވާ ޕާޓްނަރޝިޕް އެއްބަސްވުމެއްގެ ދަށުން، ދެފަރާތަށް މަންފާ ވާގޮތަށް ކަމަށް ޕެޓިޝަންގައި ބުނެފައިވެއެވެ. މި ޕެޓިޝަނުގައި، ކޭބަލް އޮޕަރޭޓަރުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދައިދިނުމަށް އެކަށައަޅަންޖެހޭ ސިޔާސަތުތަކާއި، އަޅަން ޖެހޭ ފިޔަވަޅުތައް ވީ އެންމެ އަވަހަކަށް އަޅައިދިނުމަށް ވަނީ އެދިފައެވެ. އަދި ރައީސް ސޯލިހުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށާއި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް ފައްޔާޒު އިސްމާއިލަށްވެސް ޕެޓިޝަން ހުށަހަޅާފައިވެއެވެ. އެކަމަކު މި ޕެޓިޝަން އަދިވެސް އޮތީ ރައީސް އޮފީހުގެ އިކޮނޮމިކް ކައުންސިލްގައެވެ.

ދެން އޮތް ސުވާލަކީ ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ގާނޫނުގެ ދަށުން ކޭބަލް ޓީވީ އޮޕަރޭޓަރުންނަށް ހައްލެއް ލިބިދާނެ ހެއްޔެވެ. އެ ގާނޫނުގެ ހަދަން ޖެހޭ ގަވައިދު ހެދިފައިވޭތޯ ތަކުރާރުކޮށް ސުވާލު ކުރުމުންވެސް އިކޮނޮމިކް މިނިސްޓްރީގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ. އެކަމަކު އެ ގަވައިދު ހެދުމުގެ މަސައްކަތް ކުރަމުން ދާކަމަށް މުއުތަބަރުގޮތަކަށް މައުލޫމާތު ލިބިފައިވެއެވެ. އެކަމަކު ނޭނގެނީ އެ ފަދަ ގަވައިދެއް ހެދުމަށްފަހު އަމަލު ކުރާނެ ދުވަހަކެވެ. އެހެން ކަމުން ސަރުކާރަށް މުހިންމުވަނީ 100 ކުދި ވިޔަފާރިވެރިންގެ ހައްގުތޯ، ނުވަތަ މެޖޯރިޓީ ހިއްސާ ބޭރުބައެއްގެ އަތްމަތީގައި އޮތް ކުންފުންޏެއްތޯ ސުވާލު އުފައްދަން އެބަޖެހެއެވެ. ނުވަތަ ދިރާގުގެ ސޮޕޮންސަރ މެދުވެރިކޮށް ކޭބަލް ޓީވީގެ ހިދުމަތް ދޭ ފަރާތުގެ ހައްގުގެ ވާހަކަ ދައްކާ ފަރާތްތަކުގެ އަނގަމަތީގައި ޓޭޕު އަޅުވާނީ ހެއްޔެވެ؟

 

 

 

 

 

 

One Comment

  1. އިންޓަނެޓް ޕްރޮވައިޑާސް އަކީ މިހާރު ސްރީމިންގް ސާވިސްވެސް ދޭ ބައެއް. އޭޓީ އެންޑް ޓީ، ވެރިޒޯން، މީ މީހުންވެސް ދީ އުޅޭ. ދިރާގުން ދިނީމަ ރަށްފުށު ގަ އުޅޭ މީހުން ގަޔަށް ހިނި އަރާނެ ކަމެއްނެތް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button