ޚަބަރުސިޔާސީ

ރައީސް ޔާމީންގެ ޝަރީޢަތްތައް ދިގުދަންމައިގެން ކުރާ އަނިޔާއަށް ރައްޔިތުން މާފެއްނުކުރާނެ: ޝިޔާމް

ކުރީގެ ރައީސް އަދި އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޔާމީންގެ މައްޗަށް ހިންގަމުންދާ ޝަރީޢަތްތައް އެތައް ގަޑިއިރަކަށް ދިގުދަންމައިގެން ސަރުކާރުން އެމަނިކުފާނަށް ދެމުންގެންދަނީ އަނިޔާ ކަމަށާއި، އެކަމަށް ދިވެހި ރައްޔިތުން މަޢާފްނުކުރާނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިފަދައިން ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ދަޢުލަތުން ކްރިމިނަލް ކޯޓުގައި އުފުލާފައިވާ ދަޢުވާގެ ޝަރީއަތް އިއްޔެ ހެނދުނުން ފެށިގެން ރޭ 22:00 އާއި ގާތްވަންދެން ކުރިއަށް ގެންދިއުމާއި، އަދި މިއަދުވެސް ހެނދުނުން ފެށިގެން ރައީސް ޔާމީންގެ ޝަރީޢަތް ގިނަ އިރުތަކަކަށް ކުރިއަށް ގެންދިއުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.

ޝިޔާމްގެ ޓްވީޓްގައި ވިދާޅުވީ ރައީސް އިބްރާހިމް މުޙައްމަދު ޞޯލިހު އިސްވެ ހުންނަވާ ރައްޔިތުންގެ މަޖިލިސް މެޖޯރިޓީ ހިއްޕަވައިގެން ސަރުކާރާ މުޢައްސަސާތައް ޖަވާބުދާރީ ނުކުރެވޭގޮތަށް މަޖިލީހުގައި ބޮޑުތަޅު އަޅުވައިގެން ޖޭ.އެސް.ސީ މެދުވެެރިކޮށް ކޯޓުތަކުން ރައީސް ޔާމީނުގެ ޝަރީޢަތްތައް 12 ގަޑިއިރަށް ދަންމައިގެން ކުރައްވަމުން ގެންދަވަނީ އަނިޔާ ކަމަށާއި، އެކަމަށް ދިވެހި ރައްޔިތުން މާފެއްނުކުރާނެ ކަމަށެވެ.

މިކަންބޮޑުވުންތައް ހިއްސާ ކުރެއްވުމަށް އިދިކޮޅުން ވަނީ މިއަދު ރައީސުލް ޖުމްހޫރިއްޔާގެ އޮފީހަށްވެސް ވަޑައިގެންފައެވެ. އެހެންނަމަވެސް އެބޭފުޅުންނާއި ރައީސް ބައްދަލު ކުރައްވާފައި ނުވެއެވެ.

މިއަދަކީވެސް ވަރަށް ހިތާމަވެރި ދުވަހެއް ކަމާއި، އެއީ އިއްޔެ އެކޭ އެއްފަދައިން މިއަދުވެސް ހެނދުނުން ފެށިގެން ރައީސް ޔާމީންގެ މައްސަލަ ކުރިއަށް ގެންދާކަން ފާހަގަކުރައްވާ ޝިޔާމް ވިދާޅުވީ މިއީ ރައީސް ޔާމީން އަށް ނިޒާމުގެ ތެރެއިން ދެމުންދާ އަނިޔާއެއް ކަމަށެވެ. އަދި ދިވެހި ރާއްޖޭގައި ހުރި މި ކަމާއި ގުޅުންހުރި މިނިވަން މުއައްސަސާތަކަށް މިކަން ނުފެންނަ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ. އަދި މިހާރުފެންނަމުން ދަނީ ރައްޔިތުންގެ މިސަރުކާރަށް ދިވެހި ރައްޔިތުންގެ ތާއީދެއް ނެތީތީވެ ދިވެހި ރާއްޖޭގެ މިލިޓަރީ ފޯސަސް ބޭނުންކޮށްގެން ރިޔާސީ ރޭހުން ރައީސް ޔާމީން ދުރުކުރަން އުޅޭކަހަލަ ގޮތަކަށް ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

 

ޝިޔާމް ވިދާޅުވީ ރައީސް ޔާމީންގެ ބުރަކަށިފުޅުގެ އާލާސްކަންފުޅެއް އެބަހުރިކަމަށާއި، އެހެން ނަމަވެސް އެކަމަކަށްވެސް ބެއްލެވުމެއްނެތި، އެމަނިކުފާނުގެ އިސްތިޢުނާފް މައްސަލަ ހިންގުމެއްނެތި ދަށުކޯޓުގަ އޮތް މައްސަލައެއް އަވަސް އަރުވާލާފަ ރެޔާ ދުވާލު ނުނިދާތިބެ މި މައްސަލަ ކުރިއަށް ގެންދާކަމަށެވެ.

 

”މިހާރުފެންނަމުން ދަނީ ރައްޔިތުންގެ ތާއީދެއް ނެތީތީވެ ދިވެހި ރާއްޖޭގެ ފޯސަސް ބޭނުންކޮށްގެން ރިޔާސީ ރޭހުން ދުރުކުރަން އުޅޭކަހަލަ ގޮތަކަށް މިހާރު މިފެންނަނީ. މިލިޓަރީ ވެރިކަމެއްގެ ސިފަތައް މިހާރު ފެންނަނީ“ ޝިޔާމް ވިދާޅުވިއެވެ.

 

ރައީސް އޮފީހަށް ވަޑައިގެންނެވީ އިހުތިޖާޖު ކުރަން ނޫންކަމާއި، އެތަނަށް ދިޔައީ ރައްޔިތުންގެ ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ރައީސުލް ޖުމްހޫރިއްޔާ އާއި ހިއްސާކުރަން ކަމަށް ޝިޔާމް ވިދާޅުވިއެވެ. ރައީސް ޔާމީން އަށް ކުރާ އަނިޔާ އާއި ދެކޮޅަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ވިދާޅުވެ އިދިކޮޅު ލީޑަރޝިޕުން ވަނީ ޖޭއެސްސީ އަށްވެސް މިއަދު ވަޑައިގެންފައެވެ.

One Comment

  1. މީތާކުންތާކު ޖެހޭ ވާހަކައެއް ދައްކާ ބަޔެއް ހެއްޔެވެ? ޝަރީޔަތް އަވަސް ކުރަނީ ޝަރީޔަތް ލަސްކުރަނީ ދެން ހަދަންވީގޮތެް ނޭގުނެއް ނޫން ހެއްޔެވެ. އެއްފަހަރު ކިޔާނެ ކޯޕެއް ނުކުރެވެޔޭ އަނެއް ފަހަރު ކިޔާނެ ފެބްރުައަރީން ފެށިގެން އެންމެ އަޑުއެހުމެކޭ! އަޅެމީ ބޯ ހަމަޖެހޭ ބަޔެއް ހެއްޔެވެ? ރަށްތަކާއި ފަޅުތައް ވިއްކައިގެން ތިޔަ ހަދާ ގަނޑުވަރާއި އެކައުންޓްތަކުގައި މިލިޔަނުން އެހެރަ ދިވެހި ރައްޔިތުންގެ ފައިސާ އަބުރާ ނުދެނީސް ދޫނުކުރައްޗެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button