15 ކުއްޖަކު ރޭޕު ކުރި ކަމުގެ ތުހުމަތު ކުރެވޭ ދަރިވަރަށް ދިނީ ހިމާޔަތް
ސެންޓަރ ފޯރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) ގައި ކިޔަވަމުންދާ 18 އަހަރުގެ ދަރިވަރަކު 15 އަންހެން ކުދިން ރޭޕު ކުރިކަމުގެ ތުހުމަތުގެ އަޑުތައް މީސް މީޑިއާގައި ވަނީ ފެތުރިފައެވެ. މިކަމުގެ ހަގީގަތް ހޯދުމަށް ”ބޮންތި“ އިން ކުރި މަސައްކަތުން ޖިންސީ ގޯނާގެ ޝިކާރައަކަށް ވި ގިނަ ކުދިންގެ ސްޓޭޓްމެންޓް މި ނޫހަށް ވަނީ ލިބިފައެެވެ.
މައްސަލައިގެ ފެށުން
މިހާތަނަށް އެއްކުރެވުން މައުލޫމާތުތަކަށް ބަލާއިރު، 18 އަހަރުގެ ”ދަރިވަރު“ އިސްކަންދަރު ސްކޫލުގައި ކިޔަވަމުން ދިޔަ ދުވަސްވަރު 5 އަހަރު ވާންދެން އަންހެން ދަރިވަރުންނަށް އެކި ގޮތްގޮތުން ޖިންސީ ގޯނާ ކޮށްފައިވެއެވެ. އެގޮތުން ބޭއަދަބީ ފޮޓޯ ފޮނުވުމާއި، ގަދަކަމުން ޖިންސީ ގުޅުން ހިންގަން މަސައްކަތް ކުރުމާއި، ބެލްކްމެއިލް ކުރުން ހިމެނެއެވެ. އަދި އޭނާގެ އާއިލާގެ މެންބަރުންނަށް އެފަދަ ޝަކުވާތައް އައުމުން އެކަންކަން އޮއްބާލުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. ”ބޮންތި“ އަށް މައުލޫމާތު ލިބިފައިވާގޮތުގައި ”ދަރިވަރު“ގެ އާއިލާގެ ތެރޭގައި ހިމެނޭ 4 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުވެސް އޭނާގެ މައްޗަށް ކުރެވެއެވެ.
ސީއެޗްއެސްއީ ތެރޭގައި ހިނގާފައިވާ ކަންކަން
ރޭޕުގެ ތުހުމަތު ކުރެވޭ ދަރިވަރާއެއްކޮށް އުޅުނު އަންހެން ދަރިވަރަކު ”ބޮންތި“ އަށް ކިޔައިދިންގޮތުގައި އޭނާ ”ތަނަކަށް“ ގެންގޮސް ބަރަހަނާވުމަށް މަޖުބޫރު ކުރުވާ އެތައް ކަމެއް ކުރުމަށްފަހު އެ ދަރިވަރުގެ ފޮޓޯ ނެގުމަށްފަހު އޭނާ ބުނާގޮތަށް ކަންތައް ނުކޮށްފިނަމަ، ފޮޓޯތައް ލީކު ކޮށްލާނެ ކަމަށް ބުންޏެވެ. އެގޮތުން ފިރިހެން ދަރިވަރު ކުރި ޝަރުތަކީ އޭނާ ބޭނުން ކޮންމެ ގަޑިއެއްގައި ބޭނުން ކަމެއް ކުރުމުގެ ފުރުސަތު ދިނުމެވެ. އަދި މިއަދާ ހަމައަށްވެސް އޭނާ ކޮށްފައިވާ ޖިސްމާނީ އަނިޔާގެ ލަކުނުތައް ހަށިގަނޑުގައި އެބަހުރި ކަމަށް އަންހެން ދަރިވަރު ބުންޏެވެ.
އިތުރު އަންހެން ދަރިވަރަކު ކިޔައިދިންގޮތުގައި މީގެ ކުރިން ފިރިހެން ދަރިވަރަކީ އޭނާގެ ރައްޓެއްސެކެވެ. އަދި އެއްދުވަހު ދެމީހުން އެކުގައި ބޭރަށް ގޮސް އުޅުމުގެ ތެރޭގައި އަންހެން ދަރިވަރުގެ ޖިންސީ ގުނަވަނުގައި ހިފައި އެކިގޮތް ގޮތުން ޖިންސީ ގޯނާ ކުރުމަށްފަހު އެވާހަކަ ބުންޏަސް ބަޔަކު ގަބޫލު ނުކުރާނެ ކަމަށް އޭނާ ބުނިކަމަށް ”ބޮންތި“ ކިޔައިދިނެވެ.
”ބޮންތި“ އަށް މައުލޫމާތު ދެމުން އެހެން އަންހެން ދަރިވަރަކު ބުނީ ރޭޕުގެ ތުހުމަތު ކުރެވޭ ފިރިހެން ދަރިވަރު އޭނާ ބްލެކްމައިލްކުރުމަށްފަހު އިތުރު އެއްވެސް ފިރިހެނަކާ ވާހަކަ ނުދެއްކުމަށާއި، އޭނާ ބުނާ ކޮންމެ ގޮތެއް ހަދަން ޖެހޭނެ ކަމަށެވެ. ސީއެޗްއެސްއީގެ ކްލާސް ރޫމެއްގެ ތެރޭގައި ފިރިހެން ދަރިވަރު ރޭޕު ކުރިކަމަށް ބުނާ އަންހެން ދަރިވަރާ މުއާމަލާތް ކުރި ދަރިވަރަކު ވަނީ ނަން ނުޖެހުމަށް ޝަރުތުކޮށް އެކަން ހިނގައިދިޔަގޮތް ”ބޮންތި“ އާއި ހިއްސާކޮށްފައެވެ.
”ސްކޫލް ތެރޭގައި އަޅުގަނޑު ދަަންނަ ކުއްޖަކަށް ޖިންސީ ފުރައްސާރައާއި ގޯނާ ކޮށްފި، ކްލާސް ރޫމެއްގެ ތެރޭގައި ކުއްޖަކު ރޭޕު ކޮށްފި. އެއްވެސް މީހަކަށް މިވާހަކަ ދައްކާކަށް ނުކެރޭ. އޭނާގެ ބައްޕަ އަކީ މޯލްޑިވްސް ޕޮލިސް ސާވިސްގައި މަސައްކަތް ކުރާ މީހެއް. މަންމަ އަކީ މި ސްކޫލުގެ ލީޑިން ޓީޗަރެއް. ދެން ބުނެބަލަ މި މައްސަލަ ބަލާނެ ގޮތެއް. އޭނާގެ ބެލެނިވެރިން މިވާހަކަ އަޑުއަހާކަށްވެސް ބޭނުމެއް ނުވޭ.“ އަންހެން ދަރިވަރު ބުންޏެވެ.
ނަން ހާމަނުކުރުމަށް އެދި ވަރަށް މުއުތަބަރު ފަރާތަކުން ފިރިހެން ދަރިވަރުގެ ބައްޕައާއި ހަވާލާދީ ”ބޮންތި“ އަށް މައުލޫމާތު ލިބިފައިވާގޮތުގައި އޭނާގެ ބައްޕައަށް ފޯނުން ގުޅައިގެން އެކަމުގެ ހަގީގަތަކީ ކޮބައިތޯ އާއި، ދަރިވަރު ފުރުވާލީ ކީއްވެތޯ ސުވާލުކޮށްފައެވެ. އެވަގުތު ބޮންތީގެ 2 ނޫސްވެރިން ވަނީ އެ ފޯނު ކޯލު އަޑު އަހާފައެވެ. ދަރިވަރުގެ ބައްޕަ ވަނީ އެވާހަކަތައް ގަބޫލު ނުކުރުމަށް ބުނެފައެެވެ.
”މީހުން ދައްކާނެ ފާޑު ފާޑުގެ ވާހަކަ. އަޅާނުލާބަލަ. އަހަރުންނަށްވެސް އެއްޗެއް ކްރިއޭޓް ކޮށްފަ ފަޅާލެވިދާނެ ޕަބްލިކަށް. ދެން އެވާހަކަ ވީ ގަބޫލު ކުރަންތަ.“ ދަރިވަރުގެ ބައްޕަ ބުންޏެވެ.
ދަރިވަރު ފުރުވާލީ ކީއްވެތޯ ކުރި ސުވާލަށް އޭނާގެ ބައްޕައަކަށް ޖަވާބެއް ނުދެވުނެވެ.
ފުލުހުން އަމަލު ކުރިގޮތް
މި މައްސަލައާއި ގުޅިގެން ފުލުހުންގެ ސީދާ ބަހެއް ”ބޮންތި“ ނޫހަކަށް ލިބިފައެއް ނުވެއެވެ. މި ނޫހުން ފުލުހުންނާ ކުރި ސުވާލުގެ ޖަވާބުގައި ފުލުހުން ބުނީ އެ މައުލޫމާތު ހިއްސާ ކުރެވިފައިވާ ކަމަށެވެ. އެކަމަކު އެފަދަ އެއްވެސް މައުލޫމާތެއް ފުލުހުންގެ ވަޓްސްއެޕް ގްރޫޕުގައިވެސް އަދި ފޯނު ކޯލެއް މެދުވެރިކޮށް ނުވަތަ މެސެޖަކުންވެސް ފުލުހުން މީޑިއާ އޮފިޝަލެއްގެ ފަރާތުން އެފަދަ އެއްވެސް މައުލޫމާތެއް މި ނޫހަކަށް ނުލިބެއެވެ.
ކަން މިހެން އޮތް އިރު، މި މައްސަލައިގައި ކަށަވަރު ނުވާ މައުލޫމާތުތައް ”މީސް މީޑިއާ“ ގައި ނުފެތުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
Hence, we urge public to be more responsible and abstain from spreading unfounded information on social media. 2/2
— Maldives Police (@PoliceMv) November 29, 2021
އެކަމަކު ”ބޮންތި“ އިން ބެލި ބެލުމުން އެނގުނީ މީސް މީޑިއާގައި އާންމުކޮށްފައިވާ މައުލޫމާތުތަކުގެ ތެރޭގައި އަސްލު ކަން ހިނގާފައިވާ ގޮތުގެ ބޮޑު އިންސައްތައެއް އެކުލެވިގެންވާކަމެވެ. ފުލުހުން ބުނިގޮތުގައި އެ މައްސަލަ މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.
އުފެދޭ ސުވާލަކީ ދަރިވަރު ފުރުމަށްފަހު، ފުލުހުންގެ ތަހުގީގަށް ކިހާވަރެއްގެ ކުރިއެރުމެއް ލިބިދާނެ ތޯއެވެ. މި މައްސަލައިގައި ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، ދަރިވަރުގެ ބެލެނިވެރިންގެ އިހުމާލު ބޮޑެވެ. އަދި ބެލެނިވެރިން އަދާ ކުރާ ވަޒީފާގެ މަގާމަކީ، އެފަދަ މަގާމެއްގެ ނުފޫޒު ބޭނުންކޮށްގެން ކުށުގެ ތުހުމަތު ކުރެވޭ ދައިވަރަކަށް ކުށުން ބަރީއަވެވެން އޮތް މަގެކެވެ. އެންމެ ބޮޑު ސުވާލަކީ އަވަސް ގޮތަކަށް ދަރިވަރު ފުރުވާލީ ކީވެގެން ހެއްޔެވެ؟
ކުޑަ ކުދިންނަށް ކުރެވޭ ޖިންސީ ގޯނާގެ ވާހަކަތަކީ އާންމުކޮށް ޝާއިކު ކުރެވޭ މައުލޫމާތުތަކަށް ނުވާތީ، މި ރިޕޯޓު ގެނެސްދިނުމުގައި 18 އަހަރުން ދަށުގެ ކުޑަކުދިންނާ ބެހޭ މައުލޫމާތުތައް ވާނީ އުނިކޮށްފައެވެ.