ޚަބަރުސިޔާސީ

ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ގޮވާލި ކުއްލި މައްސަލަ މަޖިލީހުން ބަލައިނުގަތް

ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ގޮވާލި ކުއްލި މައްސަލަ މަޖިލީހުން ބަލައެއް ނުގަތެވެ.

އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމެވެ.

މިފަދަ ކުއްލި މައްސަލައެއް މަޖިލީހަށް ހުށަހަޅުއްވާފައިވަނީ، މިދިޔަ ހޮނިހިރު ދުވަހު އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވެސްގެ ހުޅުމާލެ ދާއިރާގެ ރައީސް އަބްދުއްސަމަދު (ސަމަދުބެ) އާއިލާއާއެކު އިންޑިއާގެ ބެންގަލޫރުގެ މަނިޕާލް ހޮސްޕިޓަލުގައި ހުންނަވަނިކޮށް، އިންޑިއާގެ އިމިގްރޭޝަނުން އެތަނަށް ގޮސް ސަމަދުބެ އެމީހުންގެ ބެލުމުގެ ދަށަށް ގެންގޮސް، އެތައް އިރެއްވަންދެއް ހަރުކަށިކަމާއި އިހާނެތިކަމާއެކު ސަމަދުބެއާމެދު އަމަލުކޮށް އޭގެ ފަހުން އިންޑިއާއިން ޑީޕޯޓުކޮށްލި މައްސަލައާ ގުޅިގެންނެވެ.  

ރާއްޖެއިން ބޭރުގައި ދިރިއުޅޭ އަދި ރާއްޖެއިން ބޭރު ގައުމުތަކަށް ދަތުރުކުރާ ދިވެހިން ދިވެހި ޖުމުހުރިއްޔާގެ ގާނޫނު އަސާސީން ކަށަވަރުކޮށްދޭ ހައްގެއް ބޭނުން ހިފާފައިވާ ގޮތަކާ ގުޅިގެން ތައައްސުފީ ގޮތެއްގައި ފިޔަވަޅުއަޅައި އެހެން ދައުލަތަކުން އެ ރައްޔިތުންނަށް އަދަބުދީފިނަމަ އެކަން ހުއްޓުވައި އެފަދަ ހައްސާސް ކަންކަމުގައި ޑިޕްލޮމެޓިކް އުސޫލުތަކުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި ކޮންމެ ފަސްގަނޑެއްގައި ތިއްބަސް ދިވެހިންނަށްވީތީ ދިވެހި ދައުލަތުން ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަން ތަފާތުކުރުމެއްނެތި ހުރިހާ ދިވެހިންނަށް ލިބޭނެ މަގުން އަމަލުކުރުމަށް، މެމްބަރު ޝަމީމްވަނީ ދިވެހި ސަރުކާރަށް ގޮވާލާފައެވެ.

”ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނާއި ބޭރު ގައުމުތަކަށް ދަތުރުކުރާ ދިވެހިން ރާއްޖޭގެ ގާނުނޫ އަސާސީގެ 27 ވަނަ މާއްދާއިން ލިބިދޭ ހިޔާލި ފާޅުކުރުމުގެ މިނިވަންކަމާއި، 32 ވަނަ މާއްދާއިން ލިބިދޭ އެއްވެއުޅުމުގެ މިނިވަންކަން، ބޭނުން ހިފައިގެން ރާއްޖޭގެ ސިޔާދަތު އޮންނަ ސަރަހައްދުގައި ފާޅުކުރާ ހިޔާލަކާ ގުޅިގެން އެ މީހުންނާމެދު ތައައްސުފީ ގޮތެއްގައި ބައެއް ބޭރު ގައުމުތަކުން ފިޔަވަޅުއަޅަމުންދާ ދިއުމާމެދު ކަންބޮޑުވާ“ ކަމަށް މެމްބަރު ޝިޔާމް މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވިދާޅުވެފައިވެއެވެ.

އަދި ބޭރު ގައުމުތަކުން ދިވެހިންނާމެދު އެފަދަ ފިޔަވަޅުތައް އަޅައި، ދިވެހިންގެ ހައްގުތަކާއި ރައްކާތެރިކަން ޔަގީންކޮށް ކަށަވަރުކޮށްދިނުމަށް، ދިވެހި ސަރުކާރުން ފިޔަވަޅު ނޭޅުމަކީ ރާއްޖޭގެ ސަރަހައްދޔުގަޔާއި ސަރަހައްދުން ބޭރުގައި ދިވެހިންގެ މިނިވަންކަމާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ދިވެހި ޖުމްހޫރިއްޔާއަށް ގާނޫނޫ އަސާސީއިން މަތިކޮށްފައިވާ ޒިންމާއަށް ހިޔާނަތްތެރިވުން ކަމަށްވެސް މެމްބަރުގެ މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، މިފަދަ ކަންކަމަށް އަޅަންޖެހޭ ފިޔަވަޅުތައް ނޭޅި، ދިވެހިންގެ ރައްކާތެރިކަމާއި މިނިވަންކަމަށް ބޭރުގެ ދައުލަތްތަކުން ތައައްސުފީ ނިންމުންތައް ނިންމަން ދޫކޮށްލެވިއްޖެނަމަ، އެކަމުގެ ރައްދުގައި ރާއްޖޭގެ ރައްޔިތުންގެ ހިތްތަކުގައި އެ ގައުމާއި ގައުމުގެ ރައްޔިތުންނާދެމެދު ނަފްރަތުކަން އުފެދި އެ ކަމުގެ ޖަޒުބާތުގައި ހިނގައިގެންނުވާނެ ނުރަނގަޅު ކަމެއް ހިނގައިދިއުމުގެ އިހުމާލު އޮވެދާނެކަމަށާއި، ދިވެހިންގެ ދިވެހި ފަސްގަނޑުގައި ފާޅުކުރާ ހިޔާލުތަކާއި ގުޅިގެން އެ ހިޔާލު ފާޅުކުރާ މީހުންނަށް ވަކިން އަމާޒުކޮށްގެން ބޭރުގެ ދައުލަތަކުން އެ ދިވެހިންނަށް އަދަބު ދޭން ފަށައިފިނަމަ އެކަމުގެ ސަބަބުން ގާނޫނު އަސާސީން ކަށަވަރުކޮށްދޭ ހައްގުތައް ބޭނުންކުރުމާއި ނުކުރުމުގެ އިހްތިޔާރު ދިވެހިންގެ އަތުން ބީވެ އެ ހައްގުތައް ލިބުމާއި ނުލިބުން އެހެން ދައުލަތެއްގެ ރުހުމާއި ނުރުހުމުގެ މައްޗަށް ބަރޯސާވުމުގެ ބިރު އޮތްކަމަށްވެސް އޭނާ ފާހަގަކުރައްވާފައިވެއެވެ.

އިއްޔެގެ މަޖިލިސް ޖަލްސާގައި މެމްބަރު ޝިޔާމް، އެ މައްސަލަ މަޖިލީހަށް ހުށަހެޅުމުން އެ މައްސަލަ ބަލައިގަތުމާމެދު މެމްބަރުންގެ ވޯޓަކަށް އެދުމުން، ވޯޓު ލުމުގައި ބައިވެރިވި 45 މެމްބަރުންގެ ތެރެއިން  މެމްބަރަކު އެ މައްސަލަ ބަލައިގަންނަން ނުފެންކަމަކަށް ވޯޓުދެއްވާފައިވާއިރު، ބަލައިގަންނަން ފެންނަކަމަށް ވޯޓު ދެއްވީ އެންމެ 6 މެންބަރެކެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button