ކިއްލާ ލައިވް ލޯންޖު މިރޭ ކްލަބް ހައުސްގައި ބާއްވަނީ!

ގެސްޓް ހައުސްތަކާއި ސަފާރީ ބޯޓުތަކަށް އަމާޒުކޮށްގެން “ކިއްލާ” އިން ކޮންމެ ބުދަ ދުވަހެއްގައި ހުށަހަޅައިދޭ ލައިވް ލޯންޖު ޝޯވްގެ ދެވަނަ ޝޯވް ކްލަބްހައުސްގައި މިރޭ 21:00 ގައި ބާއްވަން ނިންމައިފިއެވެ.
ދިވެހި މިއުޒިޝަނުންނާއި ލަވަކިޔުންތެރިން ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ”ކިއްލާ“ ގެ ލައިވް ލޯންޖް ޝޯވގައި މިރޭ 5 އާޓިސްޓަކު ބައިވެރިވާނެއެވެ. މިރޭގެ ޝޯވް ސްޕޮންސަރ ކޮށްފައިވަނީ ހުޅުމާލޭގައި ގެސްޓްހައުސްގެ ވިޔަފާރި ކުރަމުން އަންނަ ޔޫއައި ހޮޓެލްސްގެ ފަރާތުންނެވެ.
”ކިއްލާ“ އިން ބުނީ ލައިވް ލޯންޖުގެ ކޮންސެޕްޓަކީ ގެސްޓްހައުސެއް ނުވަތަ ސަފާރީއެއްގައި ތިބޭ ފަތުރުވެރިންނަށް ކްލަބްހައުސް މެދުވެރިކޮށް ވާޗުއަލް ލައިވް އޯޑިއޯ ޝޯވއެއް އަޑު އިއްވާލުމުގެ މަގްސަދުގައި ފެށި ކަމެއް ކަމުގައެވެ. އެގޮތުން ގެސްޓްހައުސް ނުވަތަ ސަފާރީގެ ސައުންޑު ސެޓަޕެއް މެދުވެރިކޮށް ފަތުރުވެރިންނަށް ޝޯވް އަޑުއިވޭނެ އިންތިޒާމް އެތަނެއްގެ ވެރިފަރާތުން ހަމަޖައްސައިދޭކަމަށް ”ކިއްލާ“އިން ބުންޏެވެ. އަދި މި ޝޯވް ފަރުމާކޮށްފައިވަނީ ސްކްރީނެއް މެދުވެރިކޮށް ކިއްލާގެ ޝޯވް ކުރިޔަށްދާގޮތް ފެންނާނެގޮތްވެސް ހަމަޖެހިގެންދާ ގޮތަށެވެ.
ޝޯވްގެ ލިންކު
https://www.clubhouse.com/join/killaa/OAUmTCRa/xpQvzVd5
މިފަދަ ޝޯވްތައް އިންތިޒާމް ކުރުމުގައި އެންމެ ބޮޑަށް ވިސްނަނީ ކޮން ކަމަކާތޯ ”ކިއްލާ“ގެ މެނޭޖުމެންޓާ ސުވާލު ކުރުމުން ބުނީ އެންމެ ބޮޑު އިސްކަމެއް ދެނީ ކްލަބްހައުސް މެދުވެރިކޮށް އާޓިސްޓުން ކުޅޭ ލަވަތަކުގެ އޯޑިއޯ ކޮލެޓީ އެއް މިންގަޑެއްގައި ހިފެހެއްޓުމަށް ކަމުގައެވެ.
”އެނގިވަޑަައިގަންނަވާނެ. ކްލަބް ހައުސް އަކީ ފޯނު އެކަނި ބޭނުންކޮށްގެން އެއްޗެއް ކުޅެލައިފިއްޔާ ރަނގަޅަށް އަޑުވެސް ނީވޭ ކަހަލަ އެޕްލިކޭޝަނެއް. އެހެންވީމަ މިހަދާގޮތަކީ ލަވައެއް ކިޔާއިރު މިފަދަ އެޕްލިކޭޝަނަށް ހާއްސަ އާލާތްތައް ހޯދައިގެން އެ ކުޅޭ އިންސްޓްރޫމެންޓަކަށް ގުޅައިގެން ބޭނުންކުރަނީ. ވިޔަފާރި އުސޫލުން ކުރާ ކަމެއްގަ ކޮލެޓީއެއް ހުންނަންވާނެ ދެއްތޯ.“ ކިއްލާގެ ފަރާތުން ބުންޏެވެ.
ކިއްލާގެ ލައިވް ލޯންޖު ޝޯވްގެ ހާއްސަ ކަމަކީ ކޮބައިތޯ ”ބޮންތި“ އިން ސުވާލު ކުރުމުން ބުނީ، އާންމުކޮށް ހުޅުވާލައިގެން ކުޅޭ ޝޯވްއަކަށް ވުމުން ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރި މީހަކަށްވިޔަސް މި ޝޯވް އަޑުއެހުމުގެ ފުރުސަތު އޮންނާނެ ކަމުގައެވެ. އަދި ސްޕޮންސަރ ކުރާ ގެސްޓްހައުސެއް ނުވަތަ ސަފާރީއެއް، އޯޑިއެންސަށް ޕްރޮމޯޓު ކުރުމުގެ ފުރުސަތު ސްޓޭޖުން ލިބޭނެ ކަމުގައެވެ.
ކިއްލާގެ ކުޑަދަށުގައި ކުޅޭ ކޮންމެ އާޓިސްޓަކީ ކްލަބްހައުސް އިން އެކަށީގެންވާ އާމްދަނީއެއް ލިބޭ ބައެއްކަން ފާހަގަކޮށްލެވެއެވެ. މި ލައިވް ޝޯވްތައް އިންތިޒާމްކޮށް މެނޭޖު ކުރުމުގެ މުގުލުގައި ހުންނެވީ ހުނަރުވެރި މިއުޒިޝަން މުހައްމަދު މާޖިދު (މެޒޯ މުހައްމަދު) އެވެ.
ކޮންމެ ބުދަ ދުވަހެއްގެ ރޭގަނޑު ދެގަޑިއިރަށް ދެމިގެންދާ މި ޝޯވް ސްޕޮންސަރ ކުރައްވަން ބޭނުންވާ ގެސްޓްހައުސްތަކާއި ސަފާރީތަކުން ކިއްލާގެ މާކެޓިން ހެޑް އަބްދުﷲ ޒިޔާދު 7594405 އާއި ގުޅުއްވައިގެން ކުރިޔަށް ގެންދިޔުމަކީ އެ ކްލަބްގެ ވަރަށް ބޮޑު އެދުމެކެވެ.