ކިއްލާގެ 6 ވަނަ ރަސްމީ ”ގިގު“ އާދީއްތަ ދުވަހު ކްލަބް ހައުސްގައި ބާއްވަނީ!
ކިއްލާގެ 6 ވަނަ ރަސްމީ ”ގިގު“ އާދީއްތަ ދުވަހު ކްލަބް ހައުސްގައި ބާއްވަން އެ ކްލަބުން ނިންމައިފިއެވެ.
ކްލަބް ހައުސްގެ ކްލަބެއް ކަމަށްވާ ”ކިއްލާ“ އިން އާޓިސްޓުންނަށް އަމާޒުކޮށްގެން ފެށި ގިގު ނައިޓްގެ 6 ވަނަ ޝޯ އޮންނާނީ އަންނަ އާދީއްތަ ދުވަހުގެ 22:30 އިން 00:00 ހަމައަށެވެ.
މި ޝޯވ ލައިވްކޮށް ހުށަހަޅައިދޭ ދެ ފަންނާނުންނަކީ ”ފެވިފާ“ ލަވައިން ބޮޑު މަގުބޫލުކަމެއް ހޯދި ލުވެއިޒް ހަސަން އާއި މުހައްމަދު ޝާޒު އެވެ. ޝާޒު އަކީވެސް މިފަހަކަށް އައިސް ކްލަބްހައުސްގައި ޕާފޯމް ކުރަމުން އަންނަ އާޓިސްޓެކެވެ.
ހުނަރުވެރި މިއުޒިޝަން މުހައްމަދު މާޖިދު ނުވަތަ މެޒޯ މުހައްމަދުގެ ބޮޑު އެހީތެރިކަމާއެކު ކުރިޔަށްދާ މި ޝޯވްގައިވެސް އޯޑިއެންސާ ހަމައަށް ހިތްގައިމު ލަވަތަކެއް މި ދެ އާޓިސްޓުން ހުށަހަޅައިދޭނެކަމަށް ”ކިއްލާ“ އިން ބުންޏެވެ.
އެ ކްލަބުން މިހާރު ވަނީ މި ގިގަށް ސްޕޮންސަރ ކުރުމުގެ ފުރުސަތު ހުޅުވާލާފައެވެ.
ގެސްޓް ހައުސްތަކާއި ސަފާރީ ބޯޓުތަކަށް އަމާޒުކޮށްގެން ”ކިއްލާ“ އިން ކޮންމެ ބުދަ ދުވަހެއްގައި ހުށަހަޅައިދޭ ލައިވް ލޯންޖު ޝޯވް ގެ ފުރަތަމަ ޝޯވް ރޭ ގެނެސްދީފައިވާކަންވެސް ފާހަގަކޮށްލެވެއެވެ. ރޭގެ ޝޯވްގައި މެޒޯ މުހައްމަދުގެ އިތުރުން 5 އާޓިސްޓަކު ވަނީ ބައިވެރިވެފައެވެ. އަދި އެ ޝޯވް ސުވިޒަލެންޑް ފަދަ ރާއްޖެއިން ބޭރު ގައުމުތަކުގެ ކްލަބްތަކުގައިވެސް ލައިވް ކޮށްފައިވެއެވެ.