ރާއްޖޭގެ ގިފިލި ފުޅަށް ވައްޓައިލީ ކާކު؟
1940ގެ އަހަރުތަކުގައި އިނގިރޭސީން އައްޑޫ ގަމުގެ އެއަރޕޯޓުގެ މަސައްކަތަށް ޕާކިސްތާނު މީހުން ގެނައި ހިސާބުންފެށިގެން، އިންޑިއާއިން ރާއްޖޭގެ ފުޅަފުން ބާ ހަދައިގެން ނަމަވެސް ގިފިލި ބަލާނޭ ފުރުޞަތަކަށް ފާރަލާލާ ތިބެން ފެށިއެވެ. ބުޅާ މަސްގަނޑަށް ފާރަވެރިވާހެން، އިންޑިއާއިން ރާއްޖެއަށް އަތްގަދަކުރާނެ ފުރުޞަތަކަށް ބަލަބަލައި ތިއްބާ، 1976 ވަނައަހަރު ލަންކާއާއި ރާއްޖެއާ ދެމެދު މެރިޓައިމް އެގްރީމަންޓެއްގައި ސޮއިކުރި ހިސާބުން ފެށިގެން، ރާއްޖެއަށް އަތްގަދަ ކުރުމުގެ މަސައްކަތުގެ މަރުޙަލާތައް ރަސްމީ ސިފައެއްގައި ފެއްޓިއެވެ.
ރާއްޖެއާއި އިންޑިއާ ދެމެދު އިންފާރުގެ މައްސަލަ އިންޑިއާގެ ސަމާލުކަމުގައި އަބަދުވެސް ބަހައްޓައި ވަގުތުން ވަގުތަށް އެޅެންހުރި ފިޔަވަޅުތައް އަޅަން ފެށިއެވެ. މިގޮތުން ހަމައެއަހަރު (1976ގައި) އިންޑިއާގެ ޑިޕްލޮމެޓިކް މިޝަނެއް ރާއްޖޭގައި ހުޅުވިއެވެ. އެމިޝަން ހުޅުވައި މަސައްކަތް ތަރުތީބުކުރެވުނު ތަނާހެން 1978 ގައި ހުޅުލޭ އެއަރޕޯޓް ރަންވޭ ބޮޑުކުރުމުގެ މަސައްކަތުގެ ނަމުގައި އިންޑިއާއިން ރާއްޖެއައިސް ރާއްޖޭގައި ފައިހަރުކުރުމުގެ މަސައްކަތް ފެއްޓިއެވެ. ހުޅުލޭ އެއަރޕޯޓްގައި ތާރުކޮޅެއް ފަތުރައިލަން 3 އަހަރަށް ވުރެ ގިނަދުވަސް ހޭދަކުރުމަށް ފަހު 1981 ގައި އެމަސައްކަތް ނިންމައިލަން ޖެހުމުން، ރާއްޖެއިން އުޅެނީ އިންޑިއާގެ މަލިކަށް އަތްގަދަކޮށް މަލިކަކީ ރާއްޖޭގެ ބައެއްގެ ގޮތުގައި ހެދުމަށް ކަމަށް ބުނެ އެބަހަނާގައި ރާއްޖެއަށް އަތްގަދަކުރުމުގެ މަސައްކަތް ފުޅާ ކުރިއެވެ. މި ބަހަނާގެ އަޑުތައް ފަނޑުކުރަން މަޖުބޫރުވީ، މަލިކަކީ އެއްވެސް ގޮތަކުން ރާއްޖޭގެ ބައެއްގެ ގޮތުގައި ބަލައިގަތުމުގެ ވިސްނުމެއް ދިވެހިން ނުގެންގުޅޭކަމަށާއި، ޘަޤާފީ ގޮތުން އެއްގޮތްކަންތަކެއް ހުއްޓަސް މަލިކަކީ ރާއްޖޭގެ ބައެއްކަމުގައި ދުވަހަކުވެސް ދަޢުވާ ނުކުރާނެކަމަށް އޭރުގެ ރައީސުލް ޖުމްހޫރިއްޔާ، ރ.މައުމޫން އެތައް ފޯރަމެއްގައި އެތައްފަހަރަކު ވިދާޅުވެގެންނެވެ.
އިންޑިއާއިން ދޫނުކޮށް ރާއްޖެއާ ދިމާކޮށް އެމީހުންގެ އަސްކަރިއްޔާ ރާއްޖޭގައި ފައިހަރުކުރުމަށް ކުރަމުންއައި މަސައްކަތުގެ ނަތީޖާ ފެންނަންފެށީ 1991 ގައި ދެޤައުމުގެ މެދުގައި ވެވުނު ”ދޯސްތީ“ އެއްބަސްވުމާއެކު ތަމްރީނު ދިނުމުގެ ނަމުގައި ބޭނުން ކޮންމެ ހިނދަކު އެމީހުންގެ އަސްކަރިއްޔާ ރާއްޖޭގައި ޙަރަކާތްތެރިވުމުގެ ފުރުޞަތު ފަހިވި ހިސާބުންފެށިގެންނެވެ.
އެމް.ޑީ.ޕީގެ ދެ ވެރިކަމުގެ ނޭއްގާނީ އެއްބަސްވުންތަކުގެ ކުރިން، ރ.މައުމޫނުގެ ވެރިކަން ނިމުމަކާ ގާތްވެފައިވަނިކޮށް 2007 ވަނައަހަރު އިންޑިއާއިން އެމީހުންގެ ފުރަތަމަ ރާޑަރު އައްޑޫ ގަމުގައި ހަރުކޮށް ނިންމިއެވެ. މިރާޑަރަކީ ރަސްމީ ސިފައެއްގައި، ރާއްޖޭގެ ސިންގާސަނާގެ ހުއްދަފަތާއެކު ދިވެހީންގެ ”ގިފިލިބަލަން“ އިންޑިއާއިން ފެށި މުޅީން އައު މަރުޙަލާއެކެވެ. މިމަސައްކަތް އިތުރަށް ދިރުން ލިބި ފުޅާވެގެން ދިޔައީ ރ.ނަޝީދުގެ ވެރިކަމުގައި 2009 ވަނައަހަރު އޯގަސްޓް މަހު އިންޑިއާގެ އޭރުގެ ޑިފެންސް މިނިސްޓަރ އޭކޭ ކުމާރު ރާއްޖެ ކުރި ޒިޔާރަތުގައި ރާއްޖޭގެ 20 އަތޮޅުގައި 26 ރާޑާރު ހަރުކުރުމުގެ ހުއްދަ ފަތުގައި ސޮއިކުރެވުނު ހިސާބުންފެށިގެންނެވެ. ހަމަ މިދަތުރުގައި މަޝްހޫރު ދިވެހިންނަށް ދުއްވަން ނޭނގޭ ހެލިކޮޕްޓަރުގެ އެއްބަސްވުމާއި، ރާއްޖޭގައި މިލިޓަރީ ހޮސްޕިޓަލުގެ ނަމުގައި 25 އެނދުގެ ހޮސްޕިޓަލެއް ޤާއިމުކުރުމުގެ އެއްބަސްވުމެއްގައިވެސް ސޮއިކުރެވުނެވެ. ރ.ނަޝީދުގެ ވެރިކަމުގައި އެއްބަސްވެވުނު 26 ރާޑަރު މަޝްރޫޢުގެ ފުރަތަމަ ރާޑަރު ހަރުކުރެވުނީ 2012 ވަނައަހަރު ހއ. އުލިގަމުގައެވެ. އިންޑިއާގެ ޕްލޭންތައް ރާއްޖޭގައި ތަންފީޛު ކުރުމަށް ލޮޅުންތަކެއް އެރީ 2013 ގައި ރ.ޔާމީން ވެރިކަމަށް އައުމާއެކު ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބަދަލުވެ މިފަދަ އެއްބަސްވުންތަކަށް ބުރޫއަރައި އަދި 2014 ގައި މޯދީ އިންޑިއާގެ ވެރިކަމަށް އައިސް ދެގައުމުގެ ގުޅުން ހީނަރުވުމުގެ ސަބަބުންނެވެ.
މަތީގައި މި ބަޔާންކުރީ، ރ.އިބްރާހީމް ”ބިރިޔާނީ ތައްޓަކަށް“ ރާއްޖޭގެ ސިޔާދަތު ވިއްކާލައި އިންޑިއާއިން ރާއްޖޭގައި ހަންފަތުރައި އަތްގަދަކުރުމުގެ މުޅިން އައު ސިލްސިލާއެއް ފެށުމުގެ ކުރިން ހިނގާފައިވާ މުހިންމު ބައެއް ޙާދިޘާތަކުގެ ޚުލާސާއެކެވެ. މިހާހިސާބުން އުފެދޭ ސުވާލަކީ ރާއްޖޭގެ ގިފިލިފުޅަށް ވައްޓާލީ ކާކުހެއްޔެވެ؟ ރ.މައުމޫން ހެއްޔެވެ؟ އެމަނިކުފާނު ”ހައްޕު“ ވިދާޅުވެގެން އެހުންނަވަނީ އެހެންވެގެން ހެއްޔެވެ؟ ރ.ނަޝީދުހެއްޔެވެ؟ އެމަނިކުފާނު ރޭކާގެ ބްލެކް އެންޑް ވައިޓް ފޮޓޯ ބައްލަވަނީ އެހެންވެގެން ހެއްޔެވެ؟ ރ.އިބްރާހީމް ހެއްޔެވެ؟ ނޫނީ މިތިން ރައީސުން އެކުވެގެން ހެއްޔެވެ؟ އެނގޭހާވެސް އެއްޗަކީ ”ފަތިސްވާންވާއިރަށް“ ރާއްޖޭގެ ގިފިލިފުޅައް ވައްޓާލައިފިކަމެވެ. ރައްޔިތުންނަށް ހޭމިލެވުނީ ރަށްމެދުވި ފަތިހަކަށެވެ. ހަމަ ރަނގަޅަށްވެސް ރަށްމެދު ކުރުވި ރަށްމެދު ފަތިހެކެވެ.