ޚަބަރުސިޔާސީ

މި ފަސް އަހަރު ނޫސްވެރިން ހައްޔަރުކުރިކަން ވެލިދޫ ދާއިރާގެ މެމްބަރަށް ނޭނގުނު

ރައީސް އިބްރާހިމް މުޙައްމަދު ޞޯލިހުގެ ވެރިކަމުގެ ފަސް އަހަރު މީޑިއާތަކަށް ދިން އަނިޔާ އާއި، މީޑިއާތަކަށް ފޯރުވި ނުފޫޒާއި، ނޫސްވެރިން ހައްޔަރުކުރިކަން ރައްޔިތުންގެ މަޖްލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޢަބްދުﷲ ޝަފީޤް އަށް އެނގިވަޑައި ނުގެން މަޖިލީހުގައި ވާހަކަފުޅު ދައްކަވައިފިއެވެ.

މެމްބަރު ޝަފީޤް މިފަދައިން ވިދާޅުވެ އިތުރުފުޅު ހައްދަވާފައިވަނީ ޗެނަލް-13 އިން ދައްކާ ބައެއް ލަވަތަކުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ޗޯރެއް ނުވަތަ ވަގެއްގެ ގޮތުގައި ދޭހަވާ ކޮންޓެންޓު ހުރިކަމަށް ބްރޯޑްކޮމް އިން ނިންމައި އެ ސްޓޭޝަނަށް އިންޒާރު ދިން މައްސަލަ ނައިފަރި ދާއިރާގެ މެމްބަރު ޝިޔާމް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި މައްސަލައިގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޝަފީޤް މިފަދައިން ވިދާޅުވެފައި ވާއިރު މި ސަރުކާރުން މިހާތަނަށް ޗެނަލް-13 ބޮންތި ނޫސް، އަވަސް ނޫސް ހިމެނޭހެން 4 ނޫސްވެރިޔަކު ހައްޔަރުކޮށް ޗެނަލް-13 ގެ ސީއޯއޯ ގޭބަންދުކޮށްފައި ވާކަން އެނގިވަޑައި ނުގެންނެވިކަން ފާހަގަކޮށްލެވެއެވެ. އަދި ޓްވީޓް ކޮށްގެން މީހުންގެ މައްސަލަ ނުބަލާނެ ކަމަށް ޝަފީޤް ވިދާޅުވިއިރު ޓްވީޓް ކޮށްގެން ބައެއް މީހުންގެ މައްޗަށް ޓެރަރިޒަމްގެ ދަޢުވާ އުފުލާ، ނޫސްވެރިންގެ ފޯނު ކޯޓު އަމުރުގެ ދަށުން ބަލާ ފާސްކޮށްފައިވާކަންވެސް މެމްބަރު ޝަފީޤަށް އެނގިވަޑައިނުގެންނެވިއެވެ.

”މިއަދު ކޮން ނޫސްވެރިއެއްތޯ ގެންގޮސް ޖަލަށްލީ، މި ސަރުކާރުން ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އަޅާތީއެއް ނުފެނޭ، ސޯޝަލް މީޑިއާގައި ބޭނުން އެއްޗެއް ލިޔުނަސް އެކަމަށް ފިޔަވަޅު އަޅާތަނެއް ނުފެނޭ“ -މެމްބަރު ޝަފީޤް-

ނިމިދިޔަ ސަރުކާރުން މީޑިއާގެ މިނިވަންކަމަށް ހުރަސް އެޅިނަމަވެސް މިސަރުކާރުން އެފަދަ ކަމެއް ނުކުރާ ކަމަށާއި މި ފަސް އަހަރަކީ މީޑިއާގެ މިނިވަންކަން ކަށަވަރުވި ފަސް އަހަރުކަމަށް ޝަފީޤު ވިދާޅުވި އިރު، މިފަސް އަހަރު މީޑިއާތައް ކޮންޓްރޯލް ކުރަމުންދަނީ އިންޑިއާގެ އެމްބަސީން އަންގަވާ ގޮތަށް ސަރުކާރުގެ ކުންފުނިތައް ބޭނުންކޮށްގެން ކަން ގިނަ ރައްޔިތުން މިއަދު ޤަބޫލުކުރެއެވެ. އަދި ސަރުކާރު ޕްރޮމޯޓް ކުރާ ނޫސްތައް ފިޔަވާ ބާކީ ތިބި މީޑިއާތަކަށް ދަތި ކުރުމަށް އެކި ފިޔަވަޅުތައް އަޅާ ނޫސްތައް ޖޫރިމަނާކޮށްފައިވެއެވެ.

މީގެ ކުރިން ”މަޑިސީލަ“ގެ ނަމުގައި ޗެނަލް 13 އިން ގެނެސްދިން ޓޯލްކްޝޯގެ މައްސަލަ ބްރޯޑްކޮމްއިން ބަލައި އެ ޝޯ ގެނައުން މަނާކުރުމާ ގުޅިގެން ޗެނަލް13 އިންވަނީ އެ ޝޯ އަލުން ބްރޭންޑުކޮށް ހަޖަމްގެ ނަމުގައި ފަށާފައެވެ. މީގެ އިތުރުން ޗެނަލް 13 ގެ ލައިވް ޝޯ އަކަށް ގުޅާ ރައީސް އިބްރާހިމާއި ގުޅޭގޮތުން ދައްކަން ނުޖެހޭ ވާހަކައެއް ދެއްކި މައްސަލައިގައިވެސް ޗެނަލް 13 އަށް އިންޒާރުދީ ފިޔަވަޅުއަޅާފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button