ރިޕޯޓްދުނިޔެ

ފަލަސްތީނަށްޓަކައި އަޑު އުފުލުން ޓްރެންޑަކަށް

މިނިވަންކަންމަތީގައި 56 ވަނަ އަހަރު ގުނަމުން އަންނަ ބަޔަކަށް އަޅުވެތިކަމުގެ ވޭނަކީ ކޮބައިކަން ނޭނގިދާނެއެވެ. ބޭނުންވާ ކޮންމެ އިރަކު ބޭނުން ކަމެއް ކުރުމުގެ ފުރުސަތު އޮންނަ ބަޔަކަށް، ޒަރޫރީ ބޭނުންތައް ވެސް ނުފުދި ހުރުމަކީ ކޮބައިކަން ނޭނގިދާނެއެވެ. އަދި ހިތް ހަމަ ޖެހުމާއި އާމާން ކަމާއި އެކު އުޅޭ ބަޔަކަށް، ފުރާނަ ގެއްލިދާނެ ކަމުގެ ބިރުވެރިކަމުގައި އަބަދުމެ ހުރުމުގެ އިހުސާސު ވެސް ކޮށްލަން ނޭނގިދާނެއެވެ. ފަލަސްތީނުގެ މުސްލިމު ރައްޔިތުންނަކީ މިނިވަންކަމެއް ނެތި، ބިރުވެރިކަމުގައި އެތައް އަހަރުތަކެއް މިއަދާއި ހަމައަށް ވެސް ގުނަމުން އަންނަ ބައެކެވެ. އަޅުގަނޑުމެން ފަދަ ގައުމަކަށް އެކަމުގެ ވޭން އަންދާޒާ ނުކޮށްލެވުނަސް އެމީހުންގެ ހައްގުގައި އުފުލޭ އަޑަކީ، ފަލަސްތީނު މިކަމުން ސަލާމަތްވުމާއި ހަމައަށް ކުރަން ޖެހޭ ކަމަކަށް ވާން ޖެހެއެވެ. ނަމަވެސް އެވަރުވެސް ނުވާކަން މިއަދު މިދަނީ ފެންނަމުންނެވެ.

ފަލަސްތީނުގެ ރައްޔިތުން އުޅެމުންދާ ދަތި ހާލަކީ އެއްވެސް ބަޔަކަށް ނޭނގޭނެ އާ ވާހަކައެއް ނޫނެވެ. 73 އަހަރު އަނިޔާވެރި ކަމުގެ ދުވަސްތައް ފަލަސްތީނުގެ ރައްޔިތުން ގުނަމުން ދާއިރު، އެކަމުގެ ވާހަކަ ދައްކާ އަޑު ވަކި ދުވަސްވަރެއްގައި އަޅުގަނޑުމެންނަށް އިވި ފެނިގެންދެއެވެ. ނަމަވެސް އޭގެ އަޑު މަޑުވެ، އެ ގައުމުގެ ރައްޔިތުންގެ އަމިއްލަ ހާލަށް ދޫކޮށްލެވޭ މަންޒަރު ފެނިގެންދެއެވެ. އަޅުގަނޑުމެންގެ ރާއްޖެއަކީ އަބަދުވެސް ފަލަސްތީނަށްޓަކައި ތިބޭ ބައެއްކަން އެކި ފަހަރުތަކުގެ މަތިން ސާބިތުކޮށްދީފައެވެ. ބައެއް ފަހަރަށް އެމީހަކަށް ދެވެން އޮތް އެހީއެއް ދީގެންނެވެ. އަނެއްބައި ފަހަރަށް އެންމެން އެކުގައި ނިކުމެ އަޑު އުފުލައިގެންނެވެ. މީގެން އެއްވެސް ކަމެއް ކުރުމަށް ތަން ނުދޭ މީހުން، މުސްލިމުންގެ އެންމެ ވަރުގަދަ ހަތިޔާރު ކަމަށްވާ ހެޔޮ ދުއާ ފަލަސްތީނުގެ ރައްޔިތުންނަށްޓަކައި ކޮށްދީގެންނެވެ. ނަމަވެސް މި ހުރިހާ ކަމެއް އަބަދުވެސް ދެމިގެންދަނީ މަދު ދުވަސްކޮޅަކަށެވެ. ވަކި މިންވަރަކަށެވެ. ފަލަސްތީނަށްޓަކައި ކޮންމެ ގޮތަކަށް އެހީވި ނަމަވެސް، ވަކި ދުވަސްވަރަކަށް އެކަން ފެށި ކުޑަ ދުވަސްކޮޅެއް ވުމުން އެކަމަށް ނިމުމެއް އާދެއެވެ. ނަމަވެސް އެ ރައްޔިތުން އުޅޭ ދަތި ހާލަކަށް ނިމުމެއް ނާދެއެވެ.

އެގައުމުގެ ރައްޔިތުންގެ ދަތި ހާލަށް ނިމުމެއް ނައިސް، އަނިޔާވެރިކަން ދިގުދެމިގެން ދިޔަ ނަމަވެސް ފަލަސްތީނުގެ ވާހަކަ ދެއްކުމަށް ވަކި ދުވަސްކޮޅެއް ފަހުން ނިމުން އައުމަކީ ދެރަ ކަމެއްގެ ގޮތުގައި ފާހަގަކުރާ މީހުން އެޅެއެވެ. އެމީހުން ގަބޫލު ކުރާ ގޮތުގައި، ވަކި ހާލަތެއްގެ ސަބަބުން އަޑު އުފުލާއިރު އެކަމަށް ހެޔޮ ބަދަލެއް ނާންނަހައި ހިނދަކު އެކަމާއި ބެހޭ ގޮތުން އަޑު އުފުލުން ހުއްޓާލުމަކީ، އަޑު އުފުލާ މަގުސަދު ހާސިލުވުން ކަމުގައި ނުވާނެތީއެވެ. އަދި ފަލަސްތީނަކީ އެކަން ހާމަކޮށްދޭ އެންމެ ލާމަސީލު މިސާލެވެ. ހުރިހާ ގޮތަކުން ބެލިޔަސް އެގައުމުގެ ރައްޔިތުން އުޅެމުންދަނީ އަނިޔާވެރި ދިރިއުޅުމެއްގަވެ. އެއްވެސް ކަހަލަ ކުށެއް ނެތި ތަހައްމަލު ކުރަމުން ދަނީ، ނުހައްގުން ދެވޭ އަނިޔާއެވެ. އަމިއްލަ ފަސްގަނޑުގައި ބިކަވެ ނިކަމެތިވެގެންދަނީ ބޭއިހުތިޔާރުގައެވެ. އަމިއްލަ ނަފުސުގެ ދިފާއުގައި އެއްވެސް ކަމެއް ނުކުރެވި އެ ރައްޔިތުން ތިބެނީ މަޖުބޫރުކަންމަތީގައެވެ. ނަމަވެސް މިހާރު ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނަށްޓަކައި އަޑު އުފުލުން ޓްރެންޑަކަށް ވެފައިވާކަމަށް ގިނަ ބަޔަކު ސިފަކުރަމުންދެއެވެ.

”އަހަރުމެންނަށް ކާއެތިކޮޅު ލިބޭތީ ވަރަށް އުފާވޭ. ނުވެސް ދަންނަ ބައެއްގެ ފަރާތުން އެވަރު އެހީއެއް ލިބޭތީ ޝުކުރުވެރިވަން. އަހަރުމެންގެ ހައްގުގައި ބަޔަކު އަޑު އުފުލާ ކަމުގެ އިހުސާސު މިކަންކަމުގެ ސަބަބުން އަހަރުމެންނަށް ކުރެވޭ.“ ސޯޝަލް މީޑީއާގައި ދައުރުވާ ވީޑިއޯއެއްގައި ފަލަސްތީނުގެ ކުއްޖަކު ބުންޏެވެ.

ފަލަސްތީނުގެ މައްސަލައިގައި އަޑު އުފުލުމުގެ ކަންކަން ސޯޝަލް މީޑީއާގައި ކުރިއަށް ދިޔަކަން ފާހަގަކޮށްލެވެއެވެ. އަދި އެންމެ ފަހުން ސޯޝަލް މީޑިއާއަކީ މިކަމާއި މެދު އަޑު އުފުލުމަށް ވަރަށް އަކަށީގެންވާ އެއްޗެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރިއެވެ. އޭގެ ފަހުން ކޯވިޑުގެ މި ހާލަތުގައި ސޯޝަލް މީޑިއާ ވެގެން ދިޔައީ ހުރިހާ ކަމެއް ފަސޭހަ ކޮށްދިން އެއްޗަކަށެވެ. ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމު ތަކުގައި ފަލަސްތީނާއި އެކު ވާކަން އަންގަމުން ގިނަ ބަޔަކު ދިޔައެވެ. ނަމަވެސް އެކަމަށް ވެސް ހުއްޓުމެއް އައިސް، އެކަން ވެސް ވެގެންދިޔައީ މަދު ދުވަސްކޮޅެއްގެ ކަމަކަށެވެ.

ހަގީގަތަކީ މީކަމުގައި ވާއިރު، މީހުންގެ އަމަލުތައް މިހެން ހުންނަނީ ކީއްވެތޯ ގިނަ ބަޔަކު ސުވާލުކުރެއެވެ. ބައެއް ވާހަކަ ތަކަކީ ޓްރެންޑަކަށްވާ އުސޫލުން، މިކަންވެސް ޓްރެންޑަކަށް ހެދީތޯވެސް ގިނަ ބަޔަކު ސުވާލުކުރެއެވެ. ނަމަވެސް މިކަން ޓްރެންޑަކަށް ހަދަންވީ ކީއްވެތޯއެވެ. މިދެކެވެނީ އިންސާނިއްޔަތުގެ ވާހަކައެވެ. މިއަދު އިންސާނިއްޔަތުގެ ދަރަޖަ ހަމަ ހަގީގަތުގައި ވެސް ޓްރެންޑަކަށް ވެއްޓުނީތޯއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button