ޚަބަރު

ވެކްސިން ޖަހަން ދިޔައިރު ހުޅުމާލެ ފްލޫ ކްލިނިކް ހުރީ ބަންދުކޮށްފަ!

ހުޅުމާލެ ފްލޫ ކްލިނިކް ބަންދުކޮށްފައި ހުރުމުގެ ސަބަބުން ވެކްސިން ޖަހަން ދިޔަ އާންމުންނަށް ހިދުމަތް ނުލިބުނުކަން ހާމަ ވެއްޖެއެވެ.

ކޯވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިން ޖެހުމަށް މިއަދު ހެނދުނު 09:30 އަށް އެޕޮއިންޓްމެންޓު ހަމަޖެހިގެން ދިޔަ މީހުން ގިނަ އިރުތަކެއް ވަންދެން ހުޅުމާލެ ފްލޫ ކްލިނިކް ބޭރުގައި މަޑުކޮށްފައިވެއެވެ.

”ބޮންތި“ އަށް މައުލޫމާތު ދިން އާންމުންގެ މީހަކު ބުނީ ހަމަޖެހިފައިވާ ގަޑިއަށް ވެކްސިން ޖެހުމަށް ފްލޫ ކްލިނިކަށް ދިޔަ އިރު ތަން ބަންދުކޮށްފައި ހުރުމުގެ ސަބަބުން ހަދަންވީ ގޮތެއް ނޭނގި ގިނައިރު މަޑު ކުރަން ޖެހުނު ކަމަށެވެ.

”މިތަނަށް އައި އިރު ޖަވާބުދާރީ ވާނެ ވެރިއެއް ނެތް. ވާންވީ ކިހިނެއް ކަމެއް ނޭނގެ. ދެން މިއެންގީ ވެކްސިން ދިނުން ހުޅުމާލެ ހޮސްޕިޓަލަށް ބަދަލު ކުރިކަން. އެކަމަކު ގުޅާލާފަ ބުނެލަންވާނެ ދޯ.“ އޭނާ ބުންޏެވެ.

މިކަމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރި ޓުވީޓެއްގައި ބުނީ ހުޅުމާލޭގައި ވެކްސިން ދިނުން މިހާރު އެ ރަށު ހޮސްޕިޓަލަށް ބަދަލުކުރެވިފައިވާ ކަމަށެވެ.

”މިކަމުގައި ދިމާވަމުންދާ ދަތިތަކަށް މައާފަށް އެދެން.“ އެޗްޕީއޭއިން ބުންޏެވެ.

ކޯވިޑް-19 އިން ރައްކާތެރިވުމަށް ގިނަ ބަޔަކު އަންނަނީ ސަރުކާރުގެ ވެކްސިން ޕްރޮގްރާމުގައި ބައިވެރިވަމުންނެވެ. އަދި ވީހާވެސް ގިނަ ބަޔަކު ވެކްސިން ޖެހުމަކީ ސަރުކާރުގެ ވަރަށް ބޮޑު އެދުމެކެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button