އެހެން ދީންތައް ފެތުރުމާއި ދެކޮޅަށް ގުޅިގެން މަސައްކަތް ކުރަން ޖެހޭ: އެމްއާރުއެމް
ރާއްޖޭގައި އެހެން ދީންތައް ފެތުރުމާއި ދެކޮޅަށް އަބަދުވެސް ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރުއެމް) އިން ބުނެފިއެވެ.
ރާއްޖެ އިސްލާމްވީ ދުވަހުގެ މުނާސަބަތާއި ގުޅިގެން އެމްއާރުއެމުން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ ރާއްޖެ، މިނިވަން މުސްތަގިއްލު ގައުމެއްގެ ގޮތުގައި މިއަދާ ހަމައަށް ވެސް ދެމިއޮތުމުގެ އަސްލަކީ މާތްވެގެންވާ އިސްލާމް ދީން ކަމެވެ. އަދި ރާއްޖޭގެ ރައްޔިތުންގެ މެދުގައި ޒަމާނުއްސުރެ އުފެދިފައިވާ އަޚުވަންތަކަމުގެ ގުޅުމުގެ ރަމްޒަކީ، އިސްލާމްދީން ކަމަށް އެމްއާރުއެމްގެ ބަޔާނުގައިވެއެވެ.
”އެހެންކަމުން، އަޅުގަނޑުމެންގެ މެދުގައި މިއޮތް އަހުވަންތަކަމުގެ ގުޅުމުގެ ރޫހު ވަރުގަދަކޮށް، އިސްލާމް ދީން ނޫން އެހެން ދީންތަކަށް މި ދިވެހި ފަސްގަނޑުން ޖާގަ ހޯދުމަށް އެކިއެކި ފަރާތް ތަކުން ކުރަމުންދާ މަސައްކަތާއި މެދު ހޭލުންތެރިވެތިބެ، އެކަމާ ދެކޮޅަށް އަބަދުވެސް އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތް ކުރުންޖެހޭނެއެވެ.“ އެމްއާރުއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.
ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ ތަހުނިޔާއާއި މުބާރަކުބާދީ އެންމެހާ ދިވެހި ލޮބުވެތި ރައްޔިތުންނަށް ދަންނަވަން. pic.twitter.com/dNyEgpEjXo
— Maldives Reform Movement (MRM) 🇲🇻 (@MRM_Office) November 6, 2021
ރާއްޖެ އިސްލާމް ވީ ކަމަށް ތާރީހީ ފޮތްތަކުން އެނގިފައިވަނީ ހިޖުރައިން 548 ވަނަ އަހަރުގެ ރަބީއުލް އާހިރު މަހުގެ ދެ ވަނަ ދުވަހުއެވެ.