ރިޕޯޓްސިޔާސީ

ފުލުހުންގެ މުއައްސަސާގެ ބެލެނިވެރި ފަރާތާ ގުޅޭގޮތުން ސަރުކާރުން ދައްކާ ވާހަކަ ދިމަލެއް ނުވި!

ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ މުއައްސަސާ ވަކި ކުރީ މިމަހުގެ 14 ވަނަ ދުވަހުގައެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އާއި ހަވާލާދެއްވައި، ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ސޮއި ކުރައްވައި، ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އަށް މިދިޔަ ބުރާސްފަތި ދުވަހު ފޮނުވި ސިޓީގައި ވާގޮތުން އެގޮތަށް ނިންމީ ފުލުހުންގެ އައު ގާނޫނުގައި، އެ ހިދުމަތަކީ ވަކި މިނިސްޓްރީއެއްގެ ދަށުން ހިނގަމުންދާނެ އިދާރާއެއް ކަމުގައި ނުވާތީ އެވެ.

އެ ސިޓީގައި ބުނެފައިވަނީ ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ މުއައްސަސާ ހިނގަމުންދާގޮތަށް ފުލުހުންގެ ކުރީގެ ގާނޫނުގައި ބަޔާންކޮށްފައި އޮތް އޮތުން މިއަހަރުގެ މާޗު މަހުގެ 27 ވަނަ ދުވަހުން ފެށިގެން ރައީސް ސޯލިހު ނިމުމަކަށް ގެންނަވާފައިވާ ކަމުގައެވެ. އެހެން ކަމުން ހޯމް މިނިސްޓްރީއަށް ރަސްމީކޮށް ރައީސް ސޯލިހުގެ ނިންމެވުން އަންގަވާފައިވަނީ 6 މަސް ދުވަސް ފަހުންނެވެ. އަދި މިހާ ދިގުލައިގެން ދިޔަ ސަބަބެއް ރައީސް އޮފީހުން ހާމައެއް ނުކުރެއެވެ.

ރައީސް ސޯލިހު ނިންމެވީ ޣައިރު ގާނޫނީ ނިންމެވުމެއް؟

ފުލުހުންގެ އައު ގާނޫނުގައި، އެ ހިދުމަތަކީ ވަކި މިނިސްޓްރީއެއްގެ ދަށުން ހިނގަމުންދާނެ އިދާރާއެއް ކަމުގައި ކަނޑައަޅާފައި ނެތް ކަމަށް ކަނޑައަޅުއްވައި ރައީސް ސޯލިހު ނިންމެވި ނިންމެވުން އެ ގާނޫނާ ފުށޫއަރައެވެ. ސަބަބަކީ އައު ގާނޫނުގެ 68 ވަނަ މާއްދާގައި ވަޒީރުގެ ދައުރު ބަޔާންކޮށްފައިވާތީއެވެ. އެ މާއްދާގެ ހ ގައި ވާގޮތުން ފުލުހުންގެ ހިދުމަތް ދިނުމުގެ ހުރިހާ ކަންކަމުގެ ޒިންމާ ސަރުކާރުގެ ފަރާތުން އުފުލާ އެންމެ އިސް ފަރާތަކީ ވަޒީރެވެ. އަދި ކުރީގެ ފުލުހުންގެ ގާނޫނުގެ 16 ވަނަ މާއްދާގައިވެސް ވާގޮތުން ފުލުހުންގެ ދައުރު އަދާކުރުމުގެ ސިޔާސަތު ކަނޑައެޅުމާއި ހިދުމަތުގެ ފެންވަރު ދެމެހެއްޓުމުގެ އެންމެ އިސްވެރިޔަކީ މިނިސްޓަރެެވެ. 

ބަންޑާރަ ނައިބުގެ ނިންމެވުން  

ވަގުތު ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ވިދާޅުވީ ފުލުހުން ޖަވާބުދާރީވާންޖެހޭނީ ހޯމް މިނިސްޓަރަށް ކަމުގައެވެ. ރިފްއަތު ހަވާލާދެއްވާފައިވަނީ ގާނޫނު އަސާސީގައި 140 ވަނަ މާއްދާ އަދި 242 ވަނަ މާއްދާއަށެވެ. 140 ވަނަ މާއްދާގައި ވާގޮތުން މުއައްސަސާތަކާއި މަސްއޫލުވާނެ ވަޒީރަކު ހުންނަން ޖެހޭނެއެވެ. އަދި 242 ވަނަ މާއްދާގައި ބުނެފައިވަނީ ސަލާމަތީ ކޮންމެ ހިދުމަތެއް ހިންގަންޖެހޭނީ ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ ބެލުމުގެ ދަށުން ކަމުގައެވެ. ފުލުހުންގެ ބެލެނިވެރިޔާގެ މައުޟޫގައި އައު ފުލުހުންގެ ގާނޫނު ވެސް އޮތީ ގާނޫނު އަސާސީ އާއި ތައާރަޒު ނުވާގޮތަށް ވަޒީރަށް އެ ބާރު ދީފައެވެ. އެކަމަކު ފުލުހުންގެ ގާނޫނުގެ ދަށުން  ހޯމް މިނިސްޓްރީގެ ބެލުމުގެ ދަށުން ފުލުހުންގެ މުއައްސަސާ ވަކި ކުރި މައްސަލައިގައި ބަންޑާރަ ނައިބަށްވެސް އެއްޗެއް ވިދާޅުވާކަށް ކެރިވަޑައެއް ނުގެންނެވިއެވެ، އެބޭފުޅާ ވިދާޅުވަނީ އެގޮތަށް ކަން ކުރިޔަސް ހޯމް މިނިސްޓަރަށް ޖަވާބުދާރީ ވާންޖެހޭ ވާހަކައެވެ.

ރައީސް ސޯލިހުގެ ނިންމެވުން ބަދަލުވުން

14 އޮކްޓޯބަރުގެ ސިޓީ މީޑިއާއަށް ތިލަވުމާގުޅިގެން ރައީސް އޮފީހުން އިއްޔެ ހޯމް މިނިސްޓްރީއަށް ދެވަނަ ސިޓީއެއް ފޮނުވުމަށްފަހު ހޯމް މިނިސްޓްރީގެ އިހުތިސޯސުން ފުލުހުންގެ މުއައްސަސާ ވަކި ކުރަން ރައީސް ސޯލިހު ނިންމެވި ނިންމެވުން ދޮގު ކުރިއެވެ. ރައީސް އޮފީހުން މިނިސްޓަރ އިމްރާނަށް އެޑްރެސް ކުރައްވައި ފަހުން ފޮނުވި ސިޓީގައި ބުނެފައިވަނީ ފުލުހުންގެ ގާނޫނުގެ ދަށުން އުފެދިފައިވާ ދިވެހި ފުލުހުންގެ ހިދުމަތަށް ޒިންމާވާނެ ވަޒީރަކީ މިނިސްޓަރ އޮފް ހޯމް އެފެއާޒް ކަމުގައި، 27 މާރިޗު 2021ގައި ރައީސް ސޯލިހު ކަނޑައަޅުއްވާފައިވާ ކަމުގައެވެ. އެކަމަކު ކުރީގެ ސިޓީގައި އޮތީ ދިމާ އިދިކޮޅު ނިންމެވުމެކެވެ.

ހޯމް މިނިސްޓަރުގެ ސިޔާސީ ވަރަ ބިނދުނުކަމުގެ މަލަމަތި

އިމްރާނަކީ ހޯމް މިނިސްޓަރުގެ އިތުރުން ރައީސް ސޯލިހުގެ ކޯލިޝަން ސަރުކާރުގެ އެއް ހިއްސާދާރެވެ. ރައީސް ސޯލިހު ވިދާޅުވާގޮތުގައި އެމަނިކުފާނު އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ކޯލިޝަން ދެމެހެއްޓެވުމަށެވެ. އެކަމަކު ގާނޫނު އެފުށް މިފުށަށް ޖެއްސެވުމަށްފަހު ހޯމް މިނިސްޓްރީގެ އިހުތިސޯސުން ފުލުހުންގެ އިދާރާ ވަކި ކުރުމަށް އެމަނިކުފާނު ނިިންމެވި ނިންމެވުމަކީ އޮޅުމަކަށްވުރެ ބޮޑަށް ސުވާލުތަކެއް އުފެދޭ ކަމެކެވެ. ގާނޫނީ ނަޒަރަކުން ބަލާއިރު އެއީ ކުރެވޭނެ ކަމެއް ނޫނެވެ. އެކަމަކު ގާނޫނާ އެއްގޮތަށް ވިޔަސް ނުވަތަ ގާނޫނާ ހިލާފަށް ވިޔަސްވެސް އެވަރުގެ ނިންމެވުމެއް ރައީސް ސޯލިހު ނިންމެވުމާއި، އެ ނިންމެވުން ފަހުން ބަދަލުވުމުގައި ކޯލިޝަނަށް ލޮޅުން ނާރާނެ ހަމަ އެއްގޮތެއްވެސް ނޯންނާނެއެވެ. ސުވާލު އުފެދޭ ހިސާބަކީ އެއީ އެވެ.   

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button