އުތުރު ތިލަފަޅު އެއްބަސްވުން ހާމަކުރުމަށް އައިކޮމް އިން އަންގައިފި
އުތުރު ތިލަފަޅުގައި ޑޮކްޔާޑަކާއި ބަނދަރެއް ހަދަން ސަރުކާރުން އިންޑިއާއާ އެކު ވެފައިވާ އެއްބަސްވުން ހަތް ދުވަހުތެ ތެރޭގައި ހާމަކުރުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ޑިފެންސް މިނިސްޓްރީއަށް މިއަދު އަންގައިފި އެވެ.
އެއްބަސްވުމުގައި ހިމެނޭ މައުލޫމާތު ހާމަނުކުރަން ޑިފެންސް މިނިސްޓްރީން ދެކޮޅު ހަދަމުން ގެންދިޔައީ އެމައުލޫމާތު ހާމަކޮށްފިނަމަ ގައުމީ ސަލާމަތައް ނުރައްކާ ވާނެ ކަމަށް ބުނެއެވެ.
މި މައްސަލައާ ގުޅިގެން މިއަދު އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި އޮތް އަޑުއެހުމުގައި އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު ވިދާޅުވީ މި މައްސަލާގައި ޑިފެންސް މިނިސްޓްރީން ބުނިގޮތަށް އުތުރުތިލަފަޅު އެއްބަސްވުމާ ގުޅޭ މައުލޫމާތަކީ ގައުމީ ސަލާމަތަށް ނުރައްކާވާނެ ފަދަ މައުލޫމާތު ކަމުގައި ގަބޫލުނުކުރެވޭ ކަމަށެވެ.
އުތުރުތިލަފަޅު އެއްބަސްވުމުގެ މައުލޫމާތު ހާމަކުރަން ޑިފެންސަށް އައިކޮމް އިން އެންގިއިރު ރައްޔިތުންގެ މަޖިލީހުން ވެސް މިހާރު ވަނީ އެ އެއްބަސްވުން މަޖިލީހަށް ފޮނުވުމަށް ޑިފެންސް މިނިސްޓްރީގައި އެދިފައެވެ.