ޚަބަރު

ދަރަންޏަށް ނަގާފައިވާ ފައިސާއާއި އެކު ރާއްޖޭގެ ރިޒާވުގައި 219 މިލިއަން ޑޮލަރު

މަރުކަޒީ ބޭންކް އެމްއެމްއޭއިން ހާމަކޮށްފައިވާ ގޮތުގައި ފާއިތުވި ނޮވެމްބަރު މަހުގެ ނިޔަލަށް ދައުލަތުގެ ރިޒާވްގައި ބޭނުންކުރެވޭ ގޮތަށް ހުރީ އެސްބީއައިއިން ދަރަންޏަށް ނެގި ފައިސާއާއި އެކު ހަމައެކަނި 219 މިލިއަން ޑޮލަރެވެ.

ނޮވެމްބަރު މަހުގެ ނިޔަލަށް އެމްއެމްއޭއިން އާންމު ކޮށްފައިވާ ހިސާބުތަކަށް ބަލާއިރު ރިޒާވްގައި ހުރީ 604 މިލިއަން ޑޮލަރެވެ. މީގެ ތެރެއިން ބޭނުންކުރެވޭ ގޮތަށް ހުރީ ހަމައެކަނި 219 މިލިއަން ޑޮލަރެވެ. ބާކީ 100 މިލިއަން ޑޮލަރަކީ ބޮންޑަށް ދޫކުރެވިފައިވާ ޑޮލަރެވެ. މި ރިޒާވް އިތުރުވެފައިވަނީ އެ ލޯނު ފައިސާއިންނެވެ.

މި ބޮންޑުގެ ކޫޕަން ރޭޓާއި މެޗުއަރވާ ތާރީހު ސަރުކާރުންވަނީ ސިއްރުކޮށްފައެވެ. ސަރުކާރުން މިކަމާއި ގުޅިގެން ބުނެފައިވަނީ އެ ފައިސާ އަނބުރާ ދައްކަން ޖެހޭއިރު ހިލޭ އެހީއަށް ބަދަލުވާނެ ކަމަށެވެ, އެހެން ނަމަވެސް, އެފަހުން 2 އަހަރު ވީއިރުވެސް ހިލޭ އެހީއަކަށް ބަދަލުވެފައިނުވެއެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިތުރަށް ބޮޑުވެއްޖެ ނަމަ ރިޒާވް އަނެއްކާވެސް ވަރަށް ބޮޑަށް ދަށަށް ދިއުމަކީ އެކަށީގެންވާ ކަމެކެވެ. ދުނިޔޭގެ މާލީ އިދާރާތަކުން އަންނައަހަރަނީ އިގްތިސާދީ ގޮތުން އުނދަގޫ އަހަރަކަށް ވާނެކަމަށް ލަފާކޮށްފައިވާއިރު ސަރުކާރުން އަންނަ އަހަރަށް ފާސްކުރި ބަޖެޓުގައި އެކަންކަމަށް ވިސްނާފައި ނެތްކަމަށް ގިނަ އިގްތިސާދީ މާހިރުން އަދި މަރުކަޒީ ބޭންކުންވެސް ވަނީ ބުނެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button