
ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ފެބްރުއަރީ 7، 2012 ގައި އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ”ބަގާވާތަކުން“ ވައްޓާލުމުގައި ބައިވެރިވިކަމުގެ ތުހުމަތުކޮށް ހުށަހެޅި މައްސަލަ ނުބަލަން އިންތިގާލީ އިންސާފުގެ އޮފީހުން ނިންމައިފިއެވެ.
އެ މައްސަލަ ނުބަލަން ނިންމައިފައިވަނީ އިމްރާނަކީ އޭރު ދައުލަތުގެ މުއައްސަސާއެއްގައި ހުންނެވި ބޭފުޅަކަށް ނުވާތީ އެ އޮފީހުގެ އިހްތިސާސްގެ ތެރެއަށް އެ މައްސަލަ ނުވަންނަ ކަމަށް ބުނެއެވެ.
ނަޝީދުގެ ވެރިކަން ނިމުމަކަށް އައީ އޭރުގެ އިދިކޮޅު ފަރާތްތަކުން މުޒާހަރާތަށް ކުރުމާއި ހިނގި އެކިއެކި ހަމަނުޖެހުންތަކަށްފަހު އެމަނިކުފާނު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.
ރައީސް ސޯލިހުގެ ސަރުކާރުގެ އިސް މަގާމުތަކުގައި އޭރުގައި އިދިކޮޅުގައި ހަރަކާތްތެރިވި އެތަށް ބަޔަކު އެބަތިއްބެވެ. އިމްރާން އަކީ އޭގެ ތެރެއިން އޭރުގެ އިދިކޮޅު ހަރަކާތްތަކުގައި އެންމެ އިސްކޮށް އުޅުއްވި ބޭފުޅުންގެ ތެރެއިން އެކަކެވެ.