16 މަގެއްގައި ތާރު އަޅާ މަގުތައް ތަރައްގީ ކުރަން ސޮއިކޮށްފި
މާލޭގެ މަގުތައް ޒަމާނީ ފެންވަރެއްގައި ތަރައްގީ ކުރުމުގެ މަޝްރޫއުގައި މާލެ ސިޓީ ކައުންސިލާއި، މަގުތައް ހަދާ ކުންފުނި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއުގެ އެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއެވެ. އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގް ޑިރެކްޓާރ މޫސާ އަލީ މަނިކު (މޫކޭ) އެވެ.
ސިޓީ ކައުންސިލުން ބުނީ އެއްބަސްވުމުގެ ނަތީޖާގެ ގޮތުން ރައްޔިތުންނަށް ފެނިގެންދާނީ އާރޯކަމާ ފެހިކަމުގެ ހިތްފަސޭހަ މަގުތަކެއް ކަމަށެވެ. ހިނގާ މީހުންނާ ދުއްވާ މީހުންގެ ހައްގުތަށް ކަށަވަރުކޮއްދޭ މަގުތަކެއްގެ ގޮތުގައި ކަމަށެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުނާ ބަލިމީހުނަށް ޔަގީންކަމާއެކު ދޮރާށިތަކާ އޮޅިތައް ގިރާކުރެވޭނެފަދަ މަގުތަކެއްގެ ގޮތުގައި ކަމަށެވެ.
މަޝްރޫއު ނިމޭއިރު ބޭރުމަގުގެ އިތުރުން 16 މަގެއްގައި ތާރުއަޅާނެއެވެ. އަދި އުތުރުފަރާތުން ބަނދަރު ސަރަހައްދުގެ ފަރުމާގެ ބަދަލުގެނެސް ތޮށިގަނޑު ފޭއަށް ޖައްސައި މަގު ފުޅާކޮށް އެ ސަރަހައްދުގެ ތޮއްޖެހުން ހައްލު ކުރާނެ ކަމަށް ކައުންސިލުން ބުނެއެވެ.
މިބަދަލު ފާހަގަވެގެންދާނީ މާލޭގެ އައިފާނު އަތިރި ސަރަޙައްދުންނެވެ. މާލޭގެ އާރޯކަމާ ފެހިކަމަށްޓަކައި ހިންގަން ކަނޑައަޅާފައިވާ އެއްލައްކަ ގަސް ޕްރޮގްރާމާ މަގުހެދުމުގެ މަޝްރޫއު ގުޅުވާލީ އެސަރަޙައްދަކަށް ކަމުދާ ގަސް އެސަރަޙައްދެއްގައި ހުންނަންޖެހޭ ގޮތަށެވެ.
މި އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މާލޭ ސިޓީ ކައުންސިލްގެ މޭޔާރ ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ މަގުތަށް ތަރައްގީ ކުރުމުގައި ރައްޔިތުންގެ ބައިވެރިވުން ބޭނުން ކުރައްވާނެ ކަމުގައެވެ.