ޓިކެޓްތައް ފަސޭހައިން ލިބޭނެ ގޮތެއް ރާވާދޭނަން: މަހްލޫފް

މިހާރު ރާއްޖޭގައި ކުރިއަށްދާ އުރީދޫ ސާފް ޗެމްޕިއަންޝިޕް2021 ގެ ޓިކެޓްތަށް މިހާރަށް ވުރެ ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖައްސައި ދޭނެ ކަމުގައި 4 މަސް ދުވަހު ސަސްޕެންޝަނުގައި ހުންނެވުމަށްފަހު މިއަދު ރަސްމީ މަސައްކަތަށް ނުކުންނެވި ޔޫތް މިނިސްޓަރ މަހްލޫފް ވިދާޅުވެއްޖެއެވެ.
މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިއްޔަ ހެނދުނު ކިއު ޖެހިގެން އެތަށް އިރަކު ހުރުމަށްފަހު އަނެއްކާ ވެސް ރޭގަނޑު ކިއޫ އަށް އަރަން ޖެހިގެން ޓިކެޓް ނަގަން ޖެހުމުން ސަޕޯޓަރުންގެ ކިބައިން މައާފަށް އެދޭކަމުގައެވެ.
އެފްއޭމް އާއި ވާހަކަ ދައްކައިގެން މިހާރަށްވުރެ ގިނަ ބަޔަކަށް ފަސޭހައިން ޓިކެޓް ލިބޭނެ އިންތިޒާމް ހަމަޖައްސައިދޭން މަސައްކަތް ކުރައްވާނެ ކަމުގައި ވެސް މަހްލޫފް ވިދާޅުވިއެވެ.
ގަލޮޅު ދަނޑު ކައިރީގައި އިއްޔަ ހެނދުނު ޓިކެޓް ވިކަން ފެށިތާ 1 ގަޑިއިރު ނުވަނީސް ޓިކެޓް ހުސްވެއްޖެ ކަމަށް ބުނެކައުންޓަރު ވަނީ ބަންދުކޮށްފައެވެ. މިކަމާއި ގުޅިގެން އާންމުންގެ އެތަށް ބަޔަކު ވަނީ ގަލޮޅު ދަނޑު ސަރަހައްދުގައި އިހުތިޖާޖް ކޮށްފައެވެ.