ރިޕޯޓް

ނޭވާހޮޅިން ކުރި ވައްކަން: މިއަދާ ހަމައަށް ވެސް އަދަބެއް ނުދެވޭ!

ކޮވިޑް-19 ދުނިޔޭގައި ފެތުރެމުން އަންނަތާ މިހާރު 2 އަހަރާއި މިވަނީ ގާއިވެފައެވެ. ރާއްޖެ އެންމެ ނުރައްކާތެރި ހާލަތަށް ތައްޔާރުވަމުން އަންނަތާ މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސްވެފައި ވާއިރު، މި ނުރައްކާތެރި ބަލިން އަރައިގަތުމަށްޓަކައި ސަރުކާރުން ވަނީ އެތަކެއް ހޭދައެއް ކޮށްފައެވެ. ނަމަވެސް ހިތާމައަކީ މި ނާޒުކު ދަނޑިވަޅުގައި ވެސް މިކަމުގެ ނާޖާއިޒު ފައިދާ ބަޔަކުމީހުން ނަގާފައި ވާކަމެވެ. ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތުގައި ހިދުމަތް ފޯރުކޮށްދިނުމުގެ ބަދަލުގައި ފެނިގެން ދިޔައީ ރައްޔިތުންގެ ފައިސާއަށާއި މުދަލަށް ސަރުކާރުން ހިޔާނާއިތެރިވި މަންޒަރެވެ.

2020 ވަނަ އަހަރު ނެރުނު އޮޑިޓް ރިޕޯޓުގައި ވާގޮތުގެ މަތިން މިކަމާއި ގުޅޭ ސިއްހީ ސާމާނު ގަތުމަށްޓަކައި ސަރުކާރުން ވަނީ 32 މިލިއަން ރުފިޔާ ހަރަދު ކޮށްފައެވެ. މި ފައިސާ ދައްކާފައި ވަނީ ވެސް އެޑްވާންސްކޮށެވެ. ނަމަވެސް ސާމާނުތަކުގެ ތެރެއިން ލިބިފައިވަނީ އެންމެ 2 ހާސް ސާޖަން ކެޕް އެކަންޏެވެ. ދެން ހުރި ސާމާނުތަކަށް ވީނުވީއެއް ނޭނގެއެވެ.

މީގެ އިތުރުން ސަރުކާރުން ވަނީ 75 ވެންޓިލޭޓަރު ގަތުމަށްޓަކައި 2 މިލިއަން ޑޮލަރު ހަރަދުކޮށްފައެވެ. އެކަމަކު ލިބުނީ އެންމެ 10 ވެންޓިލޭޓަރެވެ. އަދި މި 10 ވެންޓިލޭޓަރުގެ ފެންވަރު ދަށްވެފައި ބައެއް ވެންޓިލޭޓަރުތައް ބޭނުން ނުކުރެވޭ ކަމަށް ވެސް މައުލޫމާތު ލިބެއެވެ. ވެންޓިލޭޓަރުގެ އިތުރުން ޓެސްޓުކިޓު ގަތުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާކަން އެންޓި ކޮރަޕްޝަން ކޮމިޝަންގެ ސަމާލުކަމަށް ވަނީ އައިސްފައެވެ. އެންމެ ފަހުން އޮކްސިޖަން ސިލިންޑަރުތައް ގެނައުމުގައިވެސް 16 މިލިއަން ރުފިޔާގެ ހިޔާނާތެވެ. ރިސޯޓް ތަކުގައި ކަރަންޓީން ވެފައި ތިބި މީހުންނަށް ކާންދިނުމަށްޓަކައި ސަރުކާރުން ކާބޯތަކެތި ބޮޑު އަގުގައި ގަނެފައިވެއެވެ. އޭގެ އެއް މިސާލަކީ ހަކުރު ކިލޯއެއް 16 ރުފިޔާއަށް ގަތުމެވެ.

މިއަދު ރައްޔިތުމީހާގެ ހިތުގައި އުފެދޭ ސުވާލުތައް ބައިވަރެވެ. ސިއްހީ ސާމަނު ގަތުމުގެ ނަމުގައި ދައުލަތުގެ ބަޖެޓުން ހަރަދުކުރި ފައިސާއަށް ކުރީ ކީއްހެއްޔެވެ؟ ޖަވާބު ސާފެވެ. އެކަމުގައި އޮތީ ކޮރަޕްޝަނެވެ. ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުން ނެގީ ނާޖާއިޒް ފައިދާއެވެ. ލިބުނު ހިލޭ އެހީތަކުންނާއި ލޯނު އެހީތަކުން ކޮވިޑުގެ ހާލަތުން އަރައިގަތުމަށް ހަރަދު ނުކުރެއެކޭ ނުބުނަމެވެ. މައްސަލައަކީ ހަރަދުތައް ކުރި ގޮތެވެ. ނުވަތަ އެފައިސާގެ ހަގީގީ މަންފާ ލިބުނު ފަރާތްތަކެކެވެ. އަދި އެފަރާތްތަކަކީ ސަރުކާރުގެ އިސް ބޭފުޅުންނަށް ވެގެން ދިޔުމެވެ. ހާއްސަކޮށް ކޯލިޝަންގެ ބައިވެރިންނަށް ލިބުނު ފައިދާތަކާއ އިމްތިޔާޒުތަކެވެ. އާދައިގެ ރައްޔިތުމީހާއަށް ވީ ފައިދާއަށް ވުރެ ލިބުނު ގެއްލުން ބޮޑެވެ. މި ކަންކަމުގައި ޒިންމާ ނަގަންޖެހޭ މީހުންނަކީ ކޮބާ ހެއްޔެވެ؟ އޭރުގެ ހެލްތު މިނިސްޓަރު މިއަދު ކޮބާ ހެއްޔެވެ؟ މިއަދާހަމައަށް އައި އިރުވެސް އެ މައްސަލަ ކުރިޔަކަށް ނުދެއެވެ. މިކަންކަމަށް އަވަސް ފިޔަވަޅުތައް އެޅި، ގެއްލުނު ފައިސާ އަނބުރާ ހޯދަން އެބަޖެހެއެވެ. އެކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ލީޑަރޝިޕް ދައްކަވަން އެބަޖެހެއެވެ. އެކަމުގައި ރައީސް ފެއިލްވެއްޖެ ނަމަ އެއީ، ކޮރަޕްޝަންގެ ނުބައި އަމަލެއްގައި އެމަނިކުފާނު ބައިވެރިވުން ފަދަ ކަމެކެވެ.

ކޮންމެއަކަސް މިއީ ބަޔަކުމީހުން ދިވެހި ރައްޔިތުނަށް ވެފައިވާ ބޮޑު ހިޔާނާތެކެވެ. ނާޒުކު ދަނޑިވަޅެއްގައި އަމިއްލަ ފައިދާއަށްޓަކައި ރައްޔިތުންނަށް ވެފައިވާ އިހުމާލެކެވެ. ދިވެހި ރައްޔިތުން އެންމެހާލުގައި ޖެހުނު ދުވަހު ބޮޑުންގެ ތެރެއިން ބަޔަކު ކޮށްފައިވާ ވައްކަމެކެވެ. މި ހިޔާނާތް ދިވެހި ތާރީހުގައި ކަޅު އަކުރުން ލިޔެވިގެން ދާނީ ރައްޔިތުންގެ ނޭވާހޮޅިން ސަރުކާރުގެ ބޮޑުން ކުރި ވައްކަމުގެ ގޮތުގައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button