ދައުވާ ކުރަންޖެހޭވަރުގެ ކަމެއް ނުކުރަން: މުއިއްޒު

ހައުސިން މިނިސްޓަރުގެ މަގާމުގައި ހޭދަކުރެއްވި ހަތް އަހަރުގެ ތެރޭގައި ކުރެއްވި އެއްވެސް މަސައްކަތެއްގެ ތެރެއިން ދައުވާ އުފުލަން ޖެހޭ ވަރުގެ ކަމެއް ހިންގަވާފައި ނޯންނާނެ ކަމަށް މާލެ ސިޓީ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ލޮނުޒިޔާރަތް ކޮޅުގައި ހުންނަ ބްރިޖް ވިއު އިން ޕްލެޓްފޯމާއި ފުޑް އައުޓްލެޓް ކުއްޔަށް ދިނުމުގައި، ނިއު ޕޯޓް ހިންގި ސްޓްރާޑާ ކުންފުންޏަށް ފައިދާވާ ގޮތަށް ދިން ކަމަށް ބުނާ މައްސަލައިގެ ތަހުގީގު ނިންމައި އޭސީސީން ވަނީ މުއިއްޒުގެ މައްޗަށް ދައުވާކޮށްދޭން ފޮނުވައިފަ އެވެ.
އޭސީސީން ނިންމާފައި ވަނީ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގެ ފައިދާ ރައްޔިތުންނަށް ނުވަތަ ދައުލަތަށް ނުލިބޭ ގޮތަށް އަމަލުކުރުމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާ މުއިއްޒުގެ މައްޗަށް ކުރުމަށެވެ.
”އަޅުގަނޑު ޔަގީންކަން އަރުވަން ދައުވާއެއް އުފުލާނެ ފަދަ ކަމެއް ކޮށްފައި ނުވާނެ، މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވިގޮތުގައި ހުރިހާ ކަމެއް ގެންދަވާފައި އޮންނާނީ ގާނޫނީ އިމުގެ ތެރެއިން އުސޫލްތަކާ އެއްގޮތަށެވެ.