ޚަބަރުސިޔާސީ

ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު 4 އެއްބަސްވުމެއްގައި ސޮއި ކޮށްފި

ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު 4 އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞޯލިހުގެ ދަޢުވަތަކަށް ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާބެހޭ 4 އެއްބަސްވުމެއްގައި މިއަދު ސޮއިކުރައްވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި ސޮއިކުރެއްވުމުގެ މި ރަސްމިއްޔާތުގައި ރައީސް ޞޯލިޙާއި، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ ބައިވެރިވެވަޑައިގެންނެވިއެވެ.

ރާއްޖެއާއި ބަންގްލަދޭޝްއާ ދެޤައުމުގެ ދެމެދުގައި މިއަދު ސޮއިކުރެވުނު މިއެއްބަސްވުންތަކުގެ ތެރެއިން ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު ޤާބިލު ޞިއްޙީ ޚިދުމަތްތެރިން ހޯދުމަށް ”މެމޮރަންޑަމް އޮފް އަންޑަސްޓެންޑިންގ އޮން ދަ ރިކްރޫމަންޓް އޮފް ކޮލިފައިޑް ހެލްތް ޕްރޮފެޝަނަލްސް“ ގައި ސޮއިކުރެއްވެވިއެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވީ، މިނިސްޓަރ އޮފް ހެލްތް އަޙްމަދު ނަސީމް އާއި ބަންގްލަދޭޝްގެ މިނިސްޓަރ އޮފް ހެލްތް އެންޑް ފެމިލީ ޒާހިދު މާލިކް އެވެ.

ދިވެހި ސަރުކާރާއި ބަންގްލަދޭޝް ސަރުކާރާ ދެމެދު ޞިއްޙީ ދާއިރާއިން މީހުން ބިނާކުރުމަށް ވެފައިވާ އެއްބަސްވުން އާކުރުމަށް ”ރިނިއުވަލް އޮފް މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ އިން ދަ އޭރިއާސް އޮފް ހެލްތްކެއަރ އެންޑް މެޑިކަލް ސައިންސް“ ގައި ސޮއިކުރެއްވެވިއެވެ. މި އެއްބަސްވުމުގައިވެސް ސޮއިކުރެއްވީ މިނިސްޓަރ އޮފް ހެލްތް އަޙްމަދު ނަސީމް އާއި ބަންގްލަދޭޝްގެ މިނިސްޓަރ އޮފް ހެލްތް އެންޑް ފެމިލީ ޒާހިދު މާލިކް އެވެ.

ދިވެހި ސަރުކާރާއި ބަންގްލަދޭޝް ސަރުކާރާ ދެމެދު ކުޅިވަރާއި ޒުވާނުން ތަރައްޤީކުރުމުގެ ރޮނގުން ގުޅުން ބަދަހިކުރުމަށް “ މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ އޮން ކޯޕަރޭޝަން އިން ދަ އޭރިއާ އޮފް ޔޫތް އެންޑް ސްޕޯޓްސް ޑިވެލޮޕްމަންޓް“ ގައި ސޮއިކުރެއްވެވިއެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، އަޙްމަދު މަޚްލޫފް އާއި ބަންގްލަދޭޝްގެ ފޮރިން ސެކްރެޓަރީ މައްޞޫދު ބިން މޮމެން އެވެ.

ދެ ސަރުކާރުގެ ދެމެދު ޓެކްސްއަށް މަކަރު ހެދުމުގެ ފުރުޞަތު ނައްތާލުމަށާއި، ޑަބަލް ޓެކްސޭޝަން ނައްތާލުމަށްވެސް އެއްބަސްވުމެއްގައި ސޮއިކުރެއްވެވިއެވެ. މިއެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުޙުﷲ ޖަމީލް، އަދި ބަންގްލަދޭޝްގަ ފަރާތުން ސޮއިކުރެއްވީ ބަންގްލަދޭޝްގެ ނެޝަނަލް ބޯޑް އޮފް ރެވެނިއުގެ ޗެއަރމަން އެމް.ޑީ ރަހްމަތުލް މުނީމް އެވެ.

މި އެއްބަސްވުމުގެ އިތުރުން ބަންގްލަދޭޝްއިން ރާއްޖެއަށް ހަދިޔާކުރި އަސްކަރީ އުޅަނދުތަކުގެ ތަޅުދަނޑި ރަމްޒީގޮތުން ހަވާލުކޮށްދެއްވުންވެސް މި ރަސްމިއްޔާތުގައި ކުރިއަށްދިޔައެވެ. އެގޮތުން ރާއްޖެއިން މި އަސްކަރީ އުޅަނދުތަކުގެ ރަމްޒީ ތަޅުދަނޑިއާ ހަވާލުވެވަޑައިގަތީ ރާއްޖޭގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުالله ޝަމާލެވެ. ތަޅުދަނޑި ހަވާލުކޮށްދެއްވީ ބަންގްލަދޭޝްގެ ޗީފް އޮފް އާރމީ ސްޓާފް ޖެނެރަލް އެސް.އެމް ޝާފިޢުދީން އަޙްމަދެވެ.

ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު އެއްބަސްވުންތައް ބަދަލުކުރެއްވުމުގެ ކުރިން ރައީސް ޞޯލިހު އާއި ބަންގްލަދޭޝްގެ ބޮޑުވަޒީރު ވަނީ ރައީސް އޮފީހުގައި ރަސްމީގޮތުން ބައްދަލުކުރައްވާފައެވެ. އަދި މި ބައްދަލުކުރެއްވުމަށްފަހު، ދެޤައުމުގެ ސަރުކާރުގެ މެދުގައި ވަނީ ރަސްމީ ވާހަކަފުޅުތައްވެސް ބާއްވަވާފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button