ޚަބަރުސިޔާސީ

ޓީޗަރުން ކުރަނީ މުދަލާއި ފައިސާއިން ވަޒަން ކުރެވޭ ވަރަށް ވުރެ މާތް ޖިހާދެއް: ރައީސް

ޓީޗަރުން ކުރަނީ މުދަލާއި ފައިސާއިން ވަޒަންކުރެވޭ ވަރަށްވުރެ އަގު މާތް ޖިހާދެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިފަދައިން ވިދާޅުވީ މިއަދު ފާހަގަ ކުރަމުން ގެންދާ ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައެވެ.

ދަރިވަރުންނަށް ކިޔަވައިދެއްވުމަށް މުދައްރިސުން އެ ކުރައްވާ މަސައްކަތަކީ، ދުލަކުން އަދި ގަލަމަކުން ބަޔާންކުރެވޭ ވަރަށްވުރެ މާބުރަ މަސައްކަތެއްގެ ގޮތުގައި ރައީސް ސިފަ ކުރެއްވިއެވެ.

”ގައުމުގެ އިންސާނީ ވަސީލަތް ތަރައްގީކޮށް ބިނާކުރުމުގެ އެންމެ މުހިންމު މަސައްކަތް ކުރައްވާ ބަޔަކީ މުދައްރިސުންނެވެ. އެކަމަށްޓަކައި، ދިވެހިރާއްޖޭގެ ހީވާގި އެންމެހައި މުދައްރިސުން އެ ކުރައްވާ މިންނެތް މަސައްކަތުގެ އަގު ވަޒަންކޮށް، ވަރަށް އިހްލާސްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ.“ ރައީސް ވިދާޅުވިއެވެ.

ކޯވިޑް-19ގެ ބަލިމަޑުކަން އަޅުގަނޑުމެން ވަށައިލި ހިނދުވެސް، އެތައް ދަތިތަކެއް ތަހައްމަލު ކުރައްވައިގެން، ގައުމުގެ ދަރިންނަށް ކިޔަވައިދެއްވުމުގައި، މުދައްރިސުން އެ އުފުއްލެވި ބުރައަށްޓަކައި، މުޅި ގައުމު އެ ބޭފުޅުންނަށް ޝުކުރުވެރިވާނެކަން ޔަގީންކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މުދައްރިސުން އަދާކުރާ މަސައްކަތަކީ ހަމައެކަނި ކިޔަވައިދިނުން ނޫންކަމަށާއި މުޖުތަމައަށް އެންމެ ބޭނުންތެރި ގޮތަށް ދަރިން ތަރުބިއްޔަތު ކުރުމުގައިވެސް، މުދައްރިސުން އަދާކުރައްވަނީ ގައުމީ ހިދުމަތުގެ ވަރަށް މުހިންމު ވާޖިބެއް ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button