ޚަބަރުވިޔަފާރިމުނިފޫހިފިލުވުން

ރެސިން- އޮންލައިން ޕޭޖަކުން ފިހާރައަކަށް

ރާއްޖޭގައި މުޅިން އަލަށް ރެސިން އާޓަށް ހާއްސަ ފިހާރައެއް ހުޅުވައިފިއެވެ. މިއީ ރެސިން އާޓަށް ހާއްސަކޮށް ރާއްޖޭގައި ހުޅުވި ފުރަތަމަ ފިހާރައެވެ.

ރާއްޖޭގައި ރެސިން އާޓްގެ މަސައްކަތް ކުރާ އަދި މިކަމަށް ޝައުގުވެރިވާ ފަރާތްތައް މަދުން ނަމަވެސް އުފެދެމުން އަންނައިރު އެންމެ ދަތިވެފައިވާ ކަމަކީ މިކަމަށް ބޭނުންވާ ސާމާނު ރާއްޖެއިން ލިބެން ނެތުމެވެ. 

ރެސިން އާޓަށް ހާއްސަކޮށް މާފަންނު ޗަނބޭލީ ހިނގުމުގައި ރޭ ހުޅުވިގެން ދިޔަ މޯލްޑިވްސް އާޓް ރެސިން ފިހާރަ އާއި ގުޅިގެން ”ދިވެހި ޗެނަލް“ އަށް ދިން އިންޓަވިއުއެއްގައި މި ވިޔަފާރީގެ މޭސްތިރި ޝާނީ ބުނީ މިއީ ގާތް ގަނޑަކަށް 4 އަހަރު ދުވަހުގެ މަސައްކަތް ކަމަށާއި، މި ހުޅުވިގެން ދިޔަ މޯލްޑިވްސް އާޓް ރެސިން ފިހާރައިގެ ސަބަބުން  ރާއްޖޭގައި މި މަސައްކަތްކުރާ އެންމެންނަށްވެސް ފަސޭހަވެގެން ދާނެ ކަމަށް އުންމީދު ކުރާ ކަމުގައެވެ.

މޯލްޑިވްސް އާޓް ރެސިން ފިހާރަ ހުޅުވުމުގެ ކުރިންވެސް ޝާނީ ދިޔައީ އޮންލައިން ޕޭޖަކުން މި ތަކެތި ވިއްކަމުން ކަމަށާއި، މިފަދަ ފިހާރައެއް ހުޅުވަން ނިންމީ މިކަމަށް ވަރަށް ގިނަ ބައެއްގެ ތަރުހީބު ލިބުމުން ކަމަށް ފާހަގަކުރަމުން ޝާނީ ބުނީ މި ފިހާރައިން ރެސިން އާޓަށް ބޭނުންވާ ހުރިހާ ސާމާނެއް ލިބިގެން ދާނެ ކަމަށެވެ. ފިހާރަ ހުޅުވި ނަމަވެސް އަދިވެސް އިންސްޓަގްރާމް ޕޭޖް  Epoke_art_maldives މެދުވެރިކޮށްވެސް ރެސިން އާޓަށް ބޭނުންވާ ސާމާނު ލިބޭނެ ކަމަށް ޝާނީ ބުންޏެވެ.

މާލޭގައި ރެސިން އާޓްގެ ފިހާރައެއް ހުޅުވިއިރު އެންމެ ކަންބޮޑުވާ ކަމެއްގެ ގޮތުގައި ޝާނީ ފާހަގަކުރީ މިފަދަ ވިޔަފާރިއަކަށް ޚާއްސަކޮށް ކެމިކަލް ފަދަ ތަކެތި ރާއްޖެ އެތެރެ ކުރުމުގައި ދިމާވާ ގޮންޖެހުންތަކެވެ. އެގޮތުން ޝާނީ ބުނީ މިހާރު ކުރެވޭ އެންމެ ބޮޑު އުންމީދަކީ މިފަދަ  ކުދި ވިޔަފާރިތަކަށް ލުއި ފަސޭހަ ވާނެފަދަ ގޮތަކަށް ގާނޫނުތައް ފަރުމާ ކުރެވުން ކަމަށެވެ. އެގޮތުން ކެމިކަލް އެތެރެ ކުރާއިރު ހުރިހާ ވައްތަރެއްގެ ކެމިކަލް ތައް އެއް ގާނޫނެއްގެ ދަށުގައި އޮންނަ އޮތުމަކީ އުނދަގޫ ވާ ކަމެއް ކަމުގައި ޝާނީ ފާހަގަކުރިއެވެ. އަދި މިހާ މަދު އަދަދެއްގެ ކެމިކަލްވެސް މާލޭގައި ގުދަންކޮށްފައި ނުބެހެއްޓުމަކީ މި ވިޔަފާރިއަށް ދިމާވާ ގޮންޖެހުމެއް ކަމަށާއި، މިކަމަށް ހައްލެއް ލިބިގެން ދިއުމަކީ ރާއްޖޭގައި ރެސިން ވިޔަފާރި ކުރަން ޝައުގުވެރިވާ ފަރާތްތަކަށް ވެސް ލިބިގެންދާނެ ވަރަށް ބޮޑު ލުއި ފަސޭހައަކަށް ވެގެންދާނެކަން ޝާނީ ވަނީ ފާހަގަކޮށްފައެވެ.

ޝާނީ ބުނީ މި ވިޔަފާރި ފަށައިގަތުމަށް އެންމެ ބޮޑު ހިތްވަރެއް ލިބިގެން ދިޔައީ ރާއްޖޭގައި އުޅޭ ރެސިން އާޓިސްޓުންގެ ފަރާތުން ކަމުގައެވެ. އަދި މިއާއި އެކު މިފަދަ ވިޔަފާރިއެއް ފަށައިގަތުމަށް އެންމެ ބޮޑު އެހީތެރި ކަމެއް ލިބުނީ ފިރިމީހާގެ ފަރާތުން ކަން ޝާނީ ވަނީ ފާހަގަކޮށްފައެވެ.

މާލޭގައި އަލަށް ރެސިން އާޓަށް ބޭނުންވާ ސާމާނު އެއް ފުރާޅެއްގެ ދަށުން ލިބިގެން ދިއުމަކީ މި ކަމަށް ޝައުގުވެރިވާ ކުދިންނާއި އަދި މިކަމަށް ހިތްވަރުދޭ ހުރިހާ ފަރާތްތަކަށްވެސް ލިބިގެން ދާނެ ލުއިފަސޭހައެކެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button