ޚަބަރުސިޔާސީ

ފޯޅަވައްސަކީ ރާއްޖޭގެ ރަށެއް ކަމަށް ބުނުމަށް ތާރީހީ އަދި ސަގާފީ ގުޅުމުގެ ހެކި އެބަހުރި: ރައީސް ނަޝީދު

ދިވެހިރާއްޖޭގެ ދެކުނުގައި އޮންނަ ޗާގޯސް އައިލެންޑްސް ގައި ހިމެނޭ ފޯޅަވައްސަކީ ރާއްޖޭގެ ރަށެއް ކަމަށް ބުނުމަށް ތާރީހީ އަދި ސަގާފީ ގުޅުމުގެ ހެކި އެބަހުރި ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 

ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފޯޅަވައްސަކީ އިހު ޒަމާނުގައި މީހުން ދިރިއުޅުނު ތިޔާގި ރަށެއް ކަމުގައެވެ. 1500 ގެ އަހަރު ތަކަށް ފަހުން ކުރަހަމުން އައި ގިނަ ދިވެހި ޗާޓުތަކުގައި އައްޑޫގެ ދެކުނުގައި ވާ އަތޮޅަކީ ފޯޅަވަހިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ފޯޅަވައްސަކީ މިވަގުތު ވަކި ގައުމެއްގެ ތަނެއް ނޫން ކަމަށާއި އެތަން ބަލަހައްޓަނީ އިނގިރޭސިން ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. 

”ފޯޅަވަހި އެއީ ރާއްޖޭގެ ތަނެއް ނޫން ކަމަށް ބުނެވޭނެ ޖާގައެއް ނެތް. އެއީ ޗާގޯސްގެ އަތޮޅުތަކުގެ ތެރެއިން އަތޮޅެއް. ޔޫރަޕް މީހުން އެތަނަށް ކިޔަން ފެށީ ޕެރޯސް ބަންހޯސް ނަމުން.“ ރައީސް ނަޝީދު ވިދާޅުވިއެވެ. 

ނަޝީދު ވިދާޅުވިގޮތުގައި 1560 ވަނަ އަހަރު 9 ވަނަ ހަސަން ރަސްގެފާނުގެ ސިޓީ އެއްގައި އެ ރަދުން ބަޔާންކުރައްވަނީ ފޯޅަވަހީގެ 7 ރަށަކީ ރާއްޖޭގެ ރަށްރަށުގެ ގޮތުގެއެވެ. އަދި ދިވެހި ނެވިން ރާއްޖޭގެ ސަރަހައްދު ބަޔާން ކުރަނީ ފޯޅަވައްސާ އެކު ކަމުގައެވެ. 

ފޯޅަވަހީގެ މައްޗަށް ސިޔާދަތީ ބާރު ހޯދަން އެ އަތޮޅާއި އެތައް މޭލެއް ދުރުގައި އޮންނަ މޮރިޝަސްއިން މަސައްކަތް ކުރަމުން އަންނަ އިރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކޯލިޝަން ސަރުކާރުން ވަނީ އެ މައްސަލައިގައި ދައުލަތުގެޒަމާންވީ ސްޓޭންޑް ބަދަލުކޮށް، މޮރިޝަސްއަށް ތާއީދު ކުރާކަން ބައިނަލްއަގްވާމީ ޓްރައިބިއުނަލްގައި ހާމަކޮށްފައެވެ. 

މޮރިޝަސްއާ އެއްކޮޅަށް އދ. ގައި ވޯޓު ދޭން ރާއްޖެއިން ނިންމާފައިވާ ކަން ހާމަކުރީ މިމަހުގެ 20 ވީ ބުރާސްފަތި ދުވަހުގައެވެ. ބައިނަލްއަގްވާމީ ޓްރައިބިއުނަލްގައި އެކަން އިއުލާން ކުރެއްވީ އެ ޓްރައިބިއުނަލްގައި ރާއްޖޭގެ އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތެވެ.

ޗާގޯސްގެ އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު އުފެދިފައިވާ މައްސަލާގައި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއިން މޮރިޝަސްއާ އެއްކޮޅަށް ނެރެފައިވާ ލަފާ ތަންފީޒުކުރަން އދ. ގައި މީގެކުރިން ރާއްޖެއަކުން ވޯޓެއް ނުދެ އެވެ. އެންމެ ފަހުން 2019 ވަނަ އަހަރާއި އަދި އޭގެކުރިން އެ މައްސަލާގައި ނެގި ވޯޓުގައި ވެސް ރާއްޖެއިން ވޯޓު ދިނީ އިނގިރޭސިވިލާތާ އެއްކޮޅަށެވެ. ރާއްޖެއިން މިގޮތަށް ވޯޓު ދިން ސަބަބެއް ކަމަށް އޭރު ބުނެފައިވަނީ ކަނޑުގެ ސަަރަހައްދުގެ ސަރަހައްދީ އިމުގެ މައްސަލާގައި ރާއްޖެއާ ދެކޮޅަށް މޮރިޝަސްއިން ބައިނަލްއަގްވާމީ ކަނޑުގެ ގާނޫނާ ބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅާފައިވުމެވެ. އެ މައްސަލާގެ އަޑުއެހުންތައް މިހާރު ދަނީ ކުރިއަށެވެ.

މޮރިޝަސް އިން ވަނީ މި މައްސަލަ އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ)އަށް ހުށަހަޅާފައެވެ. އެ ކޯޓުން 2019 ވަނަ އަހަރު ނެރުނު އެޑްވަޒަރީ އޮޕީނިއަންގައި ބުނެފައިވަނީ ޗާގޮސްގެ މައްޗަށް ހިނގާނީ މޮރިޝަސްގެ ސިޔާދަތުކަމަށެވެ. އެކަމަކު އަދިވެސް އިނގިރޭސިން އެ ނިންމުމަށް އަމަލެއް ނުކުރެއެވެ.

ކުރީގެ ބަންޑާރަ ނައިބު ޑރ.މުނައްވަރު ތުހުމަތު ކުރެއްވި ގޮތުގައި ސަރުކާރުން އެ ނިންމުން ނިންމީ އިންޑިއާގެ ނުފޫޒުންނެވެ. އެބޭފުޅާ ވިދާޅުވިގޮތުގައި މޮރިޝަސް އަކީ އިންޑިއާގެ ޕްރޮކްސީ ގައުމެކެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button