ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ދިވެހި ދައުލަތް ދަރުވާލައިފި ކަމުގައި ހާރިޖީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅެއްކަމުގައިވާ އައްބާސް އާދިލް ރިޒާ ވިދާޅުވެއްޖެއެވެ.
އައްބާސް މިފަދައިން ވިދާޅުވީ އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ކާނިވާ ސަރަހައްދުގައި ކުރިއަށް ގެންދާ ”މިނިވަންކަމުގެ ދިފާއުގައި ދިވެހިން“ މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އައްބާސް ވިދާޅުވީ ރައީސް ސޯލިހު ވެރިކަމާއި ހަވާލުވެވަޑައިގަތް ފަހުން ފާއިތުވެދިޔަ 3 އަހަރު ދުވަސް ތެރޭގައި ދައުލަތުގެ ދަރަނި 30 ބިލިއަނަށް ރުފިޔާއަށް އަރައިފި ކަމުގައެވެ. އެހެންނަމަވެސް މި ގައުމަށް ލިބުނު ތަރައްގީއެއް ނެތް ކަމުގައި އައްބާސް ވިދާޅުވިއެވެ.
”3 އަހަރު ތެރޭގައި 30 ބިލިއަނަށް ދައުލަތުގެ ދަރަނި އަރައިފި.. އެޅުނު މަދަރުސާއެއް ނެތް, އެޅުނު ހޮސްޕިޓަލެއް ނެތް, އެޅުނު ބަނދަރެއްނެތް“ އައްބާސް ވިދާޅުވިއެވެ.
އައްބާސް ވަނީ ސަރުކާރު ކޯލިޝަނަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަވަށްޓެރި އިންޑިއާ އަށް ދިވެހި ގައުމު ވިއްކާލައިފައިވާކަމުގައި ވެސް އައްބާސް ވިދާޅުވިއެވެ.