އެމްއެމްޕީއާރްސީގެ ފައިސާ ބަހަން ބޭނުންކުރި ކަމުގެ ތުހުމަތު އޮތް އެސްއޯއެފްގެ މައްޗަށް ދައުވާ ނުކުރާން ދައުލަތުން ނިންމުމުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރި ދައުވާ ބާޠިލްވެއްޖެ ކަމަށް ޕީޕީއެމްގެ ޕީޖީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް ވިދާޅުވެއްޖެއެވެ.
ހޯމަ ދުވަހު ޕީޕީއެމް އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސަލީމް ވިދާޅުވީ ދައުލަތުގެ ވަކީލުން މަނީ ލޯންޑަރ ކުރި މީހުންނަށް ދައުލަތުން ދައުވާކުރަންވެސް ބޭނުން ނުވާ ކަމަށާއި އެހިސާބުން ހުރިހާ މައްސަލައެއް ބާތިލްވީކަމުގައެވެ.
”އެސްއޯއެފްގެ މައްސަލަ ނުބަލައެއް އެހެން މައްސަލައެއް ކުރިއަކަށް ނުގެންދެވޭނެ. ކިހިނެއްތޯ ގެންދާނީ؟ މައްސަލައިގެ އަސްލު ގެއްލުނީމަ ދެން ކޯޗެއްތޯ ކުރިއަށް ގެންދާނީ؟ މަކަރާ ހީލަތް އޭގެ ތެރެއަށް ވަދެއްޖިއްޔާ އިސްލާމީ ޝަރީއަތުގައި އެ ހުރިހާ ކަމެއް ބާތިލްވީ“ ސަލީމް ވިދާޅުވިއެވެ.
ސަލީމް ވިދާޅުވީ ރައީސް ޔާމީންގެ މައްސަލަ މިހާރު އޮތީ ސުޕްރީމް ކޯޓުގައި ނިމިފައި ކަމަށާއި ދެން އެމައްސަލަ އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އަދި އެމްއެމްޕީއާރްސީގެ ކޭސްގައި އެއްވެސް މީހަކާ ގުޅޭގޮތުން މަނީ ލޯންޑަރިންގ މައްސަލަ ކުރިއަކަށް ނުދެވޭނެ ކަމުގައެވެ.
އެސްއޯއެފުން ފައިސާ ޖަމާވި ލިސްޓުގައި ހިމެނޭ ކަމަށް ބުނެ ސަލީމް ވެސް އޭސީސީއަށް ހާޒިރު ކުރި ކަމުގައި އޭނާ ވިދާޅުވިއެވެ.
ސަލީމް އިތުރަށް ވިދާޅުވީ އެމްއެޕީއާރްސީގެ ހިޔާނާތުގެ 35 މިލިއަން ރުފިޔާގެ ވާހަކަވެސް އެބަދެކެވޭ ކަމަށާއި 3 ހަތަރު ކަޅު ދަބަސް ގެންދިޔަ ކަމުގެ ވާހަކަތައް ދެކެވެމުންދާ ކަމަށެވެ. އެދަބަސް ހިފައިގެން ދިޔަ މަންޒަރު ދުށްމީހުން އެބަތިބި ކަމަށާއި އެކަން ސާބިތުކޮށްދޭނެ ކަމުގައެވެ.