ކޮލަމް

އެފަދަ ”ގުންޑާއަކަށް“ ވުމަކީ ފަޚުރެއް ކަމުގައި ނުދެކޭނީ ވަކި ކާކު ހެއްޔެވެ؟

2013 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމަޔަށް ރާއްޖޭގެ ރައްޔިތުން އުޅެމުން އައިގޮތުގެ ވާހަކަތައް މިފަހަކަށް އައިސް ދައްކަން ފަށައިފިއެވެ. މީގެ ކުރިން ރައްޔިތުން ފުދިގެން އުޅުނެވެ. އުންމީދުން ފުރިގެން އުޅުނު ޒަމާނެކެވެ. ފިހާރަތަކުން ވިޔަފާރިވެއެވެ. މަސްވެރިން ބާނާ މަސްކޮޅު ކިރާލެވެއެވެ. އާސަންދަ ހުސްނުވާ ވަރަށް ލިބެއެވެ. ދަނޑުވެރިން ހައްދާ ތަރުކާރީއާއި މޭވާގެ ބާވަތްތައް މާލެ ގެނެސްގެން މާރުކޭޓު ގޮޅިއަށް ލައިގެން ވިއްކާލެވެއެވެ. އަމިއްލަ ވަންތަކަން އިހުސާސް ކުރެވެއެވެ. ކޮންމެވެސް ތަނެއްގައި މަޝްރޫއެއް ހިންގައެވެ. އެއްބަޔަކު އަވަދި ނެތި އުޅެނީ ކޮންމެވެސް ޒާތެއްގެ ޕްރޮޕޯސަލެއް ހަދައިގެން އެކި އިދާރާތަކުގެ ކައުންޓަރު ދޮށުގައެވެ. އަނެއް ބަޔަކު ތިބެނީ ޗެކުތަކެއް ހިފައިގެން ބެންކު ދޮށުގައެވެ. މަޖޫރީންނަށް ކުޅަދާނަ ނުވާވަރަށް ކޮންޓެއިނަރ ކަނޑައެވެ. ދޯނިތައް ”ޔާ ސަބީލިއްލާހި“ ކިޔާފައި މުދާ އުފުލުމުގައި ދުވާލެއް ރޭގަނޑެއް ނޯވެއެވެ. ޓެކްސް ނުދައްކާ މީހަކަށް ސަރުކާރުގެ ކުރީ ގޮނޑިބަރިއެއްގައި ނުހުރެވެއެވެ. ނަތީޖާއެއްގެ ގޮތުން ދައުލަތުގެ މާލިއްޔާ މުއްސަނދިވެ އަސާސީ ގިޔަރު 6 އަކަށް ޖައްސާލިއެވެ. ފެނާ ނަރުދަމާ ހެދިއެވެ. ބަނދަރު ހެދިއެވެ. ފަޅު ފުންކުރިއެވެ. ބިން ހިއްކިއެވެ. އެއްގަމާއި ކަނޑުގެ އެމްބިއުލާންސް ގެނައެވެ. އެސްޓިއޯ ބޭސްފިހާރަ ހުރެއެވެ. މިސްކިތް ބިނާކުރިއެވެ. ސްކޫލްތަކުގެ ކްލާސް ރޫމްތައް އިތުރުވިއެވެ. ފްލެޓް އެޅިއެވެ. 50 ވަރަކަށް ރިސޯޓު ހުޅުވި ވަޒީފާ އިތުރުވިއެވެ. ސުކޫލަށް ގޮސް ކްލާސް ރޫމުގައި ހުރެގެން ނުކިޔެވިޔަސް ހުނަރު ހުރި ދާއިރާއަކުން އާމްދަނީ ހޯދައިދިނުމަށް ބީޓެކް އަދި ކިއްސަރު ފަދަ ޕްރޮގްރާމްތައް ހިންގިއެވެ. ކަންކަންމަތިން އެކުދިން ނުފެނެއެވެ. ދައުލަތުގެ މައިބަދަ ރަނގަޅެވެ. ނުގުޑައެވެ.

މިހެންގޮސް މިކަހަލަ އެތަކެއް ވާހަކަތަކެއް މިހާރު އެކި ފިކުރުގެ މީހުންގެ ތެރޭގައި ދެކެވެން ފަށައިފިއެވެ. ބައެއް މީހުން ބުނެއުޅެއެވެ. ކޮންމެ ވެރިކަމެއްގައިވެސް މައްސަލަތަކެއް ހުރެއެވެ. އެކަމަކު ޖުމްލަގޮތެއްގައި އަސްލު އޭރު މާ ރަނގަޅެވެ. ބޮލަށް ފަސޭހައެވެ. ކަންކަން އިސްލާހު ކުރަން އައި މީހުން މުސީބާތަކަށް ވެއްޖެއެވެ. ދައުލަތުގައި ރައްޔިންނާއި ވަކިން ޚާއްސަކޮށް ޒުވާނުންގެ އަތުން ނަގާފައިހުރި ޓެކްސް ލާރިކޮޅުގެ ބޮޑުބައި ހުސްވެއްޖެއެވެ. އިތުރަށް ލިބުނު ލާރިއެއް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ނުދައްކައެވެ. ހުދު ގަމީސް ލައިގެން ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކުލަތަކުން ޓައި އަޅައިގެން މަގާމުތައް އިތުރުކުރި މީހުންނަށް ޓެކްސް ފައިސާކޮޅު ޚަރަދުވަނީއެވެ. ބައިތުލް މާލުން ވިޔަފާރިކޮށްލަން ބަދަލޭ ކިޔާފައި 2 ބިލިޔަނާ ގާތަށް ފައިސާ ބަހާލީއެވެ. ބާކީ ބައި ގުޅިފައިވާ މީހުން ނިކަން ރަނގަޅަށް ބައި އަޅައިގެން ދަތުރުކުރުމާ ޕިކްނިކް ދިއުމާ އަޗާތެޅުމުގަ ހޭދަކޮށްލަނީއެވެ. ބައިތުލްމާލު ހުސްވެ ގައުމު ބިކާރީ ވާން ކައިރިވެއްޖެއެވެ. ބައި ބަހަމުން ގޮސް މިހާރު އެކަކު އަނެކަކު ގަޔަށް އަތްލައި ކަރުގައި ހިފައިގަނެއްޖެއެވެ. ފަހުތަޅާލުން ގަނޑު ފެށުނީއެވެ. ސިޔާސީގޮތުން ކިރިޔާވެސް ދެކޮޅުވާ މީހަކު ހުރިއްޔާ އިންތިޚާބެއް ކައިރިވާއިރަށް ބައިންދަނީ ހުރަގެއަށް ލާފައެވެ. ގައުމުގަ ކުރާނެކަމެއް ނެތިގެން ލާޗާރު ބިޗާރީއަށް މީހުން ދުވެ ނަގަނީއެވެ.

ދައުލަތުގެ ދަރަނި އިންތިހާއަށް ބޮޑުވެއްޖެއެވެ. 2019 ވަނަ އަހަރު ނުލިބިއޮތް 15 ބިލިޔަން އަދިވެސް އޮތީއެވެ. ޖުމްލަ 50 ބިލިޔަން ދަރަންޏަށް އަރައިފިއެވެ. ފައިސާ ނެތީމާ މަޝްރޫއެއް ނޯންނާނެއެވެ. މުދަލެއް ނުގެނެވޭނެއެވެ. ޚިދުމަތެއް ނުދެވޭނެއެވެ. ދެން ވަޒީފާއެއް އޮންނާނީ ކިހިނަކުން ހެއްޔެވެ. ޚާއްސަކޮށް މިއީ  ޒުވާނުން ވިސްނަންޖެހޭ ވަގުތެވެ. މަހެއް ނުކިރެއެވެ. މަސް ބާނަން ޖެހެނީ ސަރުކާރުން ބުނާ ވަރަކަށެވެ. ދަނޑު ހައްދައިގެން ނެރޭ ތަރުކާރީ ކޮޅާއި މޭވާކޮޅު ވިއްކައިގެން ދެކޮޅެއް ނުޖެހެއެވެ. މިކަހަލަ ކިތަންމެ ވާހަކައެއް ރަށުތެރޭގައި ”ބޮންގޯ“ ޖަހަމުން ކިޔަން ފަށައިފިއެވެ. މިއީ ރައްޔިތުން ބޭރުކުރާ އުދާސްތަކެވެ.

މިއަދު ވައުދުނާމާއާއި އެޖެންޑާ 19 ގެ މީރު ރަހަ ލީ ދިވެއްސެއް ނެތެވެ. ޕާޓީ ކުދިބަޔަކަށް ފައިދާ ނުވާ ވާހަކައެއް ނޫނެވެ. އިންތިގާލީ އިންސާފު ގާއިމްކުރުމަކީ ތިމާގެ ވިސްނުމާ ދެކޮޅު މީހާ ހަނާކޮށްލުންތޯއެވެ. ޕަބްލިކް ޑީފެންޑާސް އޮފީސް ކޮބައިތޯއެވެ. މުއައްސަސާތައް އިސްލާހު ކުރީ ތިމާގެ މީހުންނާއި އައުލާދުންނާއި ލާދީނީ 3 އަކުރު އުވާލިއިރު އެ ބައިގައި ހިމެނޭ ބަޔަކު ލައިގެން ރައްޔިތުންގެ ޓެކްސް ފައިސާ ދީގެންތޯއެވެ. ކޯޓުތައް އިސްލާހުކުރީ ތިމާމެން ބޮޑެތި ކުށްގޮށްގެން ހުރަގެއަށް ބެދުމުން އެ ހުކުމް ކުރި ފަނޑިޔާރުން ކަންފަތު ފޫޅުގައި ހިފައި ދަމާ ހަލާ ކޯޓު ގޭޓު ކުރިމައްޗަށް ނެރެ ގިރުވާނުގައި ހިފާ ހޫރާލައިގެންތޯއެވެ. އަމިއްލަ އާމްދަނީއިން ޓްކެސް ނެގީ ކުއްޔަށް އުޅޭ އާދައިގެ ދެރަ ނިކަމެތި ރައްޔިތުންނާއި ކެޔެޅުން ގަންބާލަންތޯއެވެ. ޓުއަރިޒަމާއި ގެސްޓު ހައުސްގެ ވިޔަފާރި ފުޅާކުރަނީ ކުރީ ސަރުކާރުގެ އިންގިލާބީ މަސައްކަތުގެ ރިބަން ކަނޑައިގެންތޯއެވެ. ނ.މަނަދޫ ކުނިގޮނޑު ސާފުނުކޮށް 6 މަސްދުވަސްވަންދެން ބާއްވާފައި ކުނިން އާމްދަނީ ހޯދީ އިތުރަށް އެ ކުނިގޮނޑުގައި ހުރި ކުނިތައް ކޮންނަ ބޯޓު ދަތްގަނޑުން ކޮށްފާ ކުރުގަޅުވައިގެންތޯއެވެ. ފެނާއި ކަރަންޓު އަގު ހެޔޮކުރީ ކޮންމެ ޔުނިޓެއްގެ އަގު 2.50 ގެ އުސޫލުންތޯއެވެ. މަހަށް ހަމަ އަގު ހޯދައިދިނީ މަސްވެރިން ބާނަ މަސް ނުކުރިގެން އަތޮޅު އޮފީސްތެރެއަށް މަސްކިރާލި ގޮތަށް ތޯއެވެ. އެގްރި ވިޔަފާރި ފަހިކޮށްދިނީ މާރުކޭޓު ގޮޅި ބަންދުކޮށްގެންތޯއެވެ. އެންމެ ކުޑަ އުޖޫރަ ކަނޑައެޅީ ލިބޭ ސަރވިސް ޗާޖު ކުޑަވެގެން އެވާހަކަ ދެއްކި ޒުވާނާ ރައީސް އޮފީހުގެ މިނިސްޓަރުގެ ރިސޯޓުން ތަޅައި ބޭރުކޮށްގެންތޯއެވެ. ވަޒީފާ ހޯދާ ފަރާތްތަކަށް އިނާޔަތް ކަށަވަރުކުރީ ޒުވާނުންގެ ސައިކަލުގައި ބަރިބަރިއަށް ސްޓިކަރ ޖަހައިގެންތޯއެވެ. ބޯހިޔާވަހިކަން ކަށަވަރުކުރީ ކުރީ ސަރުކާރުގެ ކޮތަރު ކޮށިތަކުގެ ޑިޒައިނަށް ބަދަލު ނުގެނެސްތޯއެވެ.

މިހާ ހިސާބުން އަހަރެންގެ ހިތަށް އަރައެވެ. އިދިކޮޅު ސިޔާސީ ލީޑަރު ރައީސް އަބްދުﷲ ޔާމީންގެ 5 އަހަރުގެ ރަނގަޅުކަމުގެ ވާހަކަ މިއަދު ކުއްލިޔަކަށް ރައްޔިތުން މިދައްކަނީ ކީއްވެގެން ބާއެވެ. އެދުވަހު އެމްޑީޕީއިން ބުނީ އެއީ ގުންޑާ ސަރުކާރެއް ކަމަށެވެ. ޕީޕީއެމްގައި ތިބީ ހުސް ގުންޑާއިން ކަމަށެވެ. ކުރީ ވައްކަން ކަމަށެވެ. ހިންގީ ފަސާދަކަމަށެވެ. މީގެން މިއެނގެނީ ރައީސް ޔާމީންގެ ސަރުކާރުގައި ގެންނަން ފެށި ”ރިވޮލިއުޝަން“ ފުރާ ފުރިހަމަ ވި ނަމަ މިވެރިންނަށް ވެރިކަމުގެ ވަސްވެސް ދުވާ ހިސާބަށް ނާދެވޭނެ ކަމެވެ. ރައްޔިތުން ވާވެއްދި ކަމެވެ. މިއަދު ރައްޔިތުން ހޭއަރައިގެން އެވާހަކަ ދައްކަން ފެށީމާ މިކިޔަނީ ކުރީ ސަރުކާރު، ކުރީ ސަރުކާރު، މިހެންނެވެ.

ދަންނަވަން ހެއްޔެވެ. މިގައުމުގައި އިސްލާމްދީން ބާއްވަން ބޭނުންވަނީ އެމްޑީޕީގެ ރޫހާނީ ލީޑަރު އެ ވިދާޅުވާ ޕީޕީއެމްގެ ގުންޑާއިންތަކެވެ. އެއީ ރައްޔިތުންނަށް އޯގާތެރިކަމާއެކު ޚިދުމަތްދިން ގުންޑާއިންނެވެ. އިސްރަށްވެހިންނަށް ގަދަރާ އިއްޒަތް ދިން ގުންޑާއިންނެވެ. ޒުވާނުންނަށް އުންމީދެއް ގެނެސްދިން ގުންޑާއިންނެވެ. އެއީ މުޅި ރާއްޖޭގެ އުމްރާނީ ވެށި ބަދަލުކޮށްލި ގުންޑާއިންނެވެ. އެއީ އަދުލަކީ އެންމެންގެ ކުރިމަތީގައިވެސް ހަމަހަމައެއްޗެއްކަން ސާބިތުކޮށްދިން ގުންޑާއިންނެވެ. ވަތަން ދެކެ ލޯބިވާ ދިވެހި ސިފަވަންތަ ތަރައްގީ ގެނެސްދިނުމަށް ރައީސް ޔާމީނާއި އެއްކޮށް ރެޔާ ދުވާލު މަސައްކަތްކުރި ގުންޑާއިންނެވެ. އެފަދަ ގުންޑާއަކަށް ވުމަކީ ފަހުރެއް ކަމުގައި ނުދެކޭނީ ވަކި ކާކު ހެއްޔެވެ؟

 

 

 

3 Comments

  1. މިލިޔުން ލިޔުނު ބޭފުޅާއަށް ސެލިޔުޓްކުރަން….މީގަމިހުރީ އަހަރެމެން ރައްޔިތުން ރޭގަޑުނިދަންއަރާ އެނދުގައޮންނައިރުވެސް ހިތުގަޖެހި ހިތާމަ މިއަދުކުރާ ހަދާންތަކުގެ ކުރުލިސްޓެ..ރޔާމީން ﷲގެވާގިފުޅާއެކު މިނިވަންވެ އަލުން ގައުމާގެން ކުރިޔަށް ވަޑައިގަންނާނެ ދުވަހަކަށް މިތިބެނީ ދުޢާ ކޮއްލަކޮއްލާ…ރައްޔިތުންގެ ރައީސް ދިވެހިވަންތަ ދިވެހިރައީސް ދިވެހިންގެ ރައީސް ރޔާމީން…

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button