ޚަބަރުސިޔާސީ

ބޭނުންވި އެތައް ކަމެއް ނުކުރެވި އެބަހުރި: ރައީސް ސޯލިހު

އުނދަގުލާއި ތުރާލުން ގިނަ ކަންކަން ހާސިލް ކުރެވުނުއިރު، ބޭނުންވި ގިނަ ކަންކަން އަދިވެސް ނުކުރެވޭ ކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ،.

އެމްޑީޕީގެ 4 ވަނަ ކޮންގްރެސްގައި ރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މާލެ އާއި އަތޮޅު ތެރޭގައި ހިންގާ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު ކުރިޔަށްދާ ކަމުގައެވެ. ސާފު ފެނާއި ނަރުދަމާގެ މަސައްކަތް ފެށިގެން ކުރިޔަށްދާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ހިލޭ ޑިގްރީއަށް ކިޔަވަން ސަރުކާރުން ހޯދަދިން ފުރުސަތުގައި 14،000 އަށްވުރެ ގިނަ ކުދިން ކިޔަވައި ނިންމަމުންދާ ކަމުގައެވެ.

”އަތޮޅުތަކަށް ހާއްސަ ކުރެވޭ 5 ޓާޝަރީ ހޮސްޕިޓަލް އެދަނީ ފުރިހަމަ ވަމުން. ދަތުރުފަތުރުގެ ހަލުއި ވިއުގައިން މުޅި ރާއްޖެ އެދަނީ ގަތަމުން.“ ރައީސް ސޯލިހު ވިދާޅުވިއެވެ.

އެ ހުރިހާ ނިޒާމަކަށް ނުވަތަ މަސައްކަތްތަކަށް ކުރިއެރުން ގެނެސްދޭ ބިންގަލަކީ 2019 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި އަމަލު ކުރަން ފެށި ލާމަރުކަޒީ ގާނޫނު ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިނިމަމް ވޭޖު ކަނޑައެޅިއްޖެ ކަމަށާއި، ޓެކްސްގެ ނިޒާމް ފުރިހަމަ ކުރެެވިއްޖެ ކަމަށް ރައީސް ވިދާޅުވިއެވެ.

”އެއްވެސް ހިފެހެއްޓުމެއް ހުރަހެއް، ސުމާރެއް ނެތި އެމީހަކަށް ފެންނަ ގޮތަކަށް ހިތައް އެރިހާ ވާހަކައެއް ލިޔެ، ބުނެ ފާޅުކުރުމުގެ މިނިވަންކަން ރާއްޖޭގައި މިހާރު އެބައޮތް.“ ރައީސް ވިދާޅުވިއެވެ.

އެކަމާ އެއްކޮޅު ހެއްދެވި ނުވަތަ ދެކޮޅު ހެއްދެވި ބޭފުޅުންވެސް އެ ހައްގުގެ ބޭނުންކުރާ މިންވަރުގައި މިހާރު ހައްދެއް ނެތް ކަން ރައީސް ސޯލިހު ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ އެމްޑީޕީގެ އެތެރެ އިސްލާހުކޮށް ގިނަ މަަސައްކަތްތަކެއް ކުރަން ޖެހޭ ކަމުގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button