ކޮލަމް

އައިހެވަން މަޝްރޫއު ހުއްޓުވާލުން: ރައްޔިތުންގެ ރޯދި ބަރަކާތުގައި ކޮޅުފައިން ޖެހި އެތިފަހަރެއް!

ހަނދާނާ ތާރީޚުގެ ތެރެއިން އެނގެން އޮތީ 2016 ވަނަ އަހަރުގެ މެއި މަހުގެ 23 ވަނަ ދުވަހު ހއ.ހޯރަފުށީގެ ނަރުދަމާ ނިޒާމް އިފްތިތާހުކޮށްދެއްވަމުން އިދިކޮޅު ސިޔާސީ ލީޑަރު ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅެކެވެ. އެމަނިކުފާނު ވިދާޅުވީ ބައިނަލްއަގްވާމީ ސީޕޯޓެއް ރާއްޖޭގައި އޮންނަން ބޭނުންވާ ކަމަށެވެ. އެ ޕޯޓުގެ ވިޔަފާރިން ނަފާވެރިކަން ރައްޔިތުންނަށް ލިބޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެ ދަތުރުގައި ރައީސް ޔާމީން އައިހެވަންގެ ވާހަކަތައް ކިޔައިދެއްވިއިރު ފ.އަތޮޅުގެ މަޝްރޫއުގެ ވާހަކަވެސް ދެއްކެވިއެވެ.

އައިހެވަން މަޝްރޫއު ހިންގުމަށް ބިން ހިއްކުމުގެ މަސައްކަތް އެމަނިކުފާނު ލަސްކުރެއްވީވެސް ސަބަބުތަކެއް ނެތިއެއް ނޫނެވެ. އެ މަސައްކަތުގެ ބިން ހިއްކުން ލަސްކުރެއްވީ ބޭރު ބަޔަކަށް އެ މަސައްކަތް ދިނުމަށްވުރެ އެމްޓީސީސީއަށް އެ ގާބިލްކަން ހޯދައިދީގެން އެކަން ކުރުމަށްކަން ރައީސް ޔާމީން ވަނީ އެދުވަހު ވިދާޅުވެފައެވެ. ޖެހިގެން އައި 2017 ވަނަ އަހަރު 36 މިލިޔަން ޑޮލަރު ޚަރަދުކޮށްގެން މަޝްހޫރު ބިން ހިއްކާ މަހާ ޖައްރާފް ގެނައެވެ.

އިހަވަންދިއްޕޮޅުގައި އައިހެވަން މަޝްރޫއު ހިންގުމުގެ ސަބަބުން ރާއްޖެ ގުދުރަތީގޮތުން އޮންނަ ސަރަހައްދަކީ ދުނިޔޭގެ އެކި ބައްރުގެ ގައުމުތަކުގެ ބޮޑެތި ޝިޕިންގް ލައިންތައް ދަތުރުކުރާ ޗެނަލަކެވެ. އެތަކެއް ފްލައިޓްތަކެއް ދަތުރުކުރެއެވެ. އެއީ 2 ބިލިޔަނަށްވުރެ ގިނަ މީހުންގެ ވިޔަފާރި ދައުރުވަމުންދާ ސަރަހައްދެކެވެ. އޮސްޓްރޭލިއާއިން ސުއެސް ކެނަލަށް ވަދެގެން ޕެނަމާއަށް މުދާ ގެންދާއިރު ބޯޓު ފަހަރު ދަތުރު ކުރަނީ މިސަރަހައްދުންނެވެ. ޗައިނާއިން މުދާހިފައިގެން ޔޫރަޕާ މެދުއިރުމަތީގެ ގައުމުތަކަށްވެސް ދަތުރުކުރަނީ މި ސަރަހައްދުންނެވެ. އެހެންކަމުން މި ސަރަހައްދަކީ ދުނިޔޭގެ ފެންވަރުގައި ވަރުގަދަ އިގްތިސާދީ ސަރަހައްދަކަށް ވުމުން އައިހެވަންގެ މަޝްރޫއު ވެގެންދާނީ އިގްތިސާދީގޮތުން ރާއްޖެއަށް އަންނަ އިންގިލާބަކަށެވެ.

މި މަޝްރޫއުގެ ތެރޭގައި ބައިނަލްއަގްވާމީ ޓްރާންޝިޕްމެންޓް ޕޯޓެއް ހިމެނެއެވެ. މި ޕޯޓުގެ ސަބަބުން ދެކުނު ޗައިނާއާއި ޔޫރަޕާއި މެދުއިރުމަތި ގުޅާލައެވެ. އަދި 18 ޓްރިލިޔަން އެމެރިކާ ޑޮލަރުގެ މުދާ މި ޕޯޓު މެދުވެރިކޮށް ކޮންމެ އަހަރަކު އެއް ގައުމުން އަނެއް ގައުމަށް ފޮނުވޭނެއެވެ. މިއީ ވިސްނާލައިފިނަމަ އަޖައިބު ވާވަރުގެ ފައިދާއެއް ދައުލަތުގެ ބަޖެޓަށް ވަދެ ރާއްޖެއަކީ މުއްސަނދި ގައުމަކަށް ވެގެންދާނެ ހަރަކާތެކެވެ.

އައިހެވަންގެ މަޝްރޫއުގެ ތެރޭގައި ބައިނަލްއަގްވާމީ އެއަރޕޯޓެއްވެސް ހިމެނެއެވެ. އެ އެއަރޕޯޓުގައި ދުނިޔޭގެ ބޮޑެތި ވިޔަފާރިވެރިންނަށް ޚާއްސަ ޚިދުމަތްތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން އެއަރ ކާގޯގެ އެކްސްޕޯޓް ޕްރޮސެސިންގް ޒޯނެއް އެތަނުގައި އޮންނާނެއެވެ.

ބޮޑެތި އާގުބޯޓު ފަހަރު މަރާމާތުކުރުމަށް އައިހެވަން އަކީ އެންމެ އެކަށޭނެ ސަރަހައްދަކަށް ހެދުމުގެ ގޮތުން ޑޮކްޔާޑެއް ބިނާކުރުމަށް މި މަޝްރޫއުގެ މާސްޓަރ ޕްލޭންގައި ވަނީ ހިމަނާފައެވެ. ޚާއްސަގޮތެއްގައި މޫދުގައި ބާއްވާއިގެން މަރާމާތުކުރުމާއި އެހެލައިގެން ބޮޑެތި ބޯޓުފަހަރުތައް މި ޑޮކްޔާޑުގައި މަރާމާތުކުރެވޭނެއެވެ. މިއީ މި ސަރަހައްދުން ދަތުރުކުރާ ބޯޓު ފަހަރަށް އޮތް އެންމެ ބޮޑު ރައްކާތެރިކަމެވެ.

އިހަވަންދިއްޕޮޅު ސަރަހައްދަކީ ދުވާލަކަށް 15 މިލިޔަން ފީފާ ކްރޫޑް އޮއިލް ހިފައިގެން ބޯޓު ފަހަރު ދަތުރުކުރާ ސަރަހައްދެކެވެ. މި މަޝްރޫއުގައި ބަންކަރިން ޚިދުމަތް ދިނުމަށް ބޮޑު ހޭދައެއް ކުރާނެއެވެ. އޭގެ ސަބަބުން ތެލާއި ގޭހާއި ކާޑުގެ ބާވަތްތަކާއި އަދި އެނޫނަސް ބްރެކްބަލްކް ކާގޯ އެތަނުގައި ރައްކާކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެއެވެ. މީގެ ސަބަބުން ރާއްޖެ ވެގެންދާނީ ސަރަހައްދީ ފެންވަރުގައި މި ޚިދުމަތް އެންމެ ފުޅާ ދާއިރާއަކަށް ލިބޭނެ ހަމައެކަނި ގައުމަށެވެ.

އައިހެވަން މަޝްރޫއިން ބޮޑެތި ޝޮޕިންގެ މޯލާއި، ގުދަންތަކާއި، ފްރައިޓްގެ ޚިދުމަތަށް ބޭނުންވާ ބިމާއި އިންފްރާސްޓްރަކްޗަރ ގާއިމްކުރެވިގެންދެއެވެ. ޔޫރަޕްގެ ބޮޑެތި ކްރޫޒް ލައިންތަކާއި ޔޮޓުތައް އޭޝިއާއަށް ދަތުރުކުރާއިރު އުންމީދު ކުރަނީ ދަތުރުގެ މެދުތެރެއިން ފަސޭހަކަމާއެކު ބަނދަރުކޮށްލާ ފެންވަރު ރަނގަޅު އަވަސް ޚިދުމަތެއް ލިބޭނެ މެރީނާއަކާއި ޑޮކިންގ އެކެވެ. އައިހެވަންއިން މި ޚިދުމަތް ޔަގީންކޮށްދެއެވެ.

ދެން އޮތީ ދިރިއުޅުމާއި މަސައްކަތްކުރުމަށް އައިހެވަން އިން ލިބެދޭ ފުރުސަތެވެ. ވިޔަފާރު ކުންފުނިތަކުގެ އޮފީސްތަކާއި މަލްޓި ނޭޝަނަލް ފާރމްތަކަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ އާއި ވަސީލަތްތަކާއި އެކޮމޮޑޭޝަން މި މަޝްރޫއުގެ ތެރެއިން ފަހިވެގެންދާނެއެވެ. ފަތުރުވެރިކަމުގެ ދާއިރާއަށް ބަލާއިރު މުޅިން އަލަށް 8 ރިސޯޓު ހެދުމަށް 163 ހެކްޓަރާއި 346 ހެކްޓަރުގެ ސަރަހައްދެއް ޚާއްސަކުރެވިފައިވެއެވެ.

މި މަޝްރޫއަކީ ސްޕެޝަލް އިކޮނޮމިކް ޒޯން ނުވަތަ ރާއްޖޭގެ ޚާއްސަ އިގްތިސާދީ ސަރަހައްދުތަކެއް ކަނޑައެޅުމަށްފަހު އިހަވަންދިއްޕޮޅުގައި ހިންގޭ މަޝްރޫއެކެވެ. އައިހެވަންގެ ސަބަބުން ރާއްޖޭގައި އިގްތިސާދީ ޚާއްސަ ހަރަކާތްތަކެއް ހިންގުމަށް ބޭރުގެ އިންވެސްޓަރުންނަށް ގިނަގުނަ ފުރުސަތުތަކެއް ފަހިވެގެންދާނެއެވެ.

މިއީ ރައީސް ޔާމީންގެ ސަރުކާރުގައި ވަރަށް ތަފްސީލީގޮތެއްގައި މާސްޓަރ ޕްލޭން ހަދައި ނިމިފައިވާ މަޝްރޫއެކެވެ. އައިހެވެން މަޝްރޫއުގެ ތެރެއިން ބޮޑު ތިލަދުންމަތީގެ ޓްރާންޝިޕްމެންޓް ޕޯޓުގެވެސް ސަރވޭއާއި މާސްޓަރޕްލޭން އެމަނިކުފާނު ނިންމެވިއެވެ. މިއީ ހަމައެކަނި ހުވަފެނެއް ނޫނެވެ.

މި މަޝްރޫއުގެ މާސްޓަރ ޕްލޭން ހެދުމަށް ސިންގަޕޫރުގެ ސުރްބާނާ ޖުރޮންގް ކޮންސަލްޓެންޓްސް ޕްރައިވެޓް ލިމިޓެޑާއި ރައީސް ޔާމީންގެ ސަރުކާރުން އެއް މިލިޔަން ޑޮލަރު ޚަރުކޮށްގެން ހަވާލުކުރީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުގައެވެ. އެއާއެކު މި މަޝްރޫއަށް އިންވެސްޓަރުން ހޯދުމުގެ މަސައްކަތް އެމަނިކުފާނު ފެއްޓެވިއެވެ. އެއާއެކު ”އިންޑިއާ ބެކްޔާޑުގެ“ ޕޮލިސީގެ ދަށުން އޭރުގެ އިދިކޮޅު ފަރާތްތަކުން ރައީސް ޔާމީނާއި ސަރުކާރާއި ހިފައިގަތެވެ. އެއީ ބޭކާރު ޚަރަދެއް ކަމުގައި ބުނަންފެށިއެވެ. އެއީ ވައްކަމާ ފަސާދައިގެ ގޮތުގައި ރައްޔިތުންނަށް ސިފަކޮށްދިނެވެ. އިހަވަންދިއްޕޮޅު ރައްޔިތުންނަށް އެ މަޝްރޫއިން ވާނެ ފައިދާއެއް ނެތްކަމަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ކަރުގެ ނާރުތައް ފުއްޕާފައި އަޑަށް ނުހަނު ބާރުލާފައި ބުނަންފެށިއެވެ.

އެހެން ނަމަވެސް މިއަދު ވެރިކަމަށް އައިސް މިދައްކަނީ ބޮޑުތިލަދުންމަތީގައި ޓްރާންޝިޕްމަންޓް ޕޯޓެއް ހެދުމަށް ދިރާސާ ކުރަމުންދާ ކަމުގެ ވާހަކައެވެ. އެދުވަހު އުޅުނީ މަސް ނުބޭނުނީމަ ކަނޑު ނުބައިވާ އުސޫލުންނެވެ. މިއަދު އުޅެނީ ބަންޑާރަ ހަސަނަށް މޫދު ހިތަކަށް ލިބިގެން އުޅޭ އުސޫލުންނެވެ. މި ޕޯޓަކީ އައިހެވަންގެ ބައެކެވެ. ދިރާސާއޮތީ ކޮށްފައެވެ. ހިސާބު އޮތީ ޖަހާފައެވެ. ފަންޑު ހޯދުމުގެ މަސައްކަތަށް ހުރަސްއެޅުމަށް އެކި ގައުމުތަކުގެ މީހުން ކައިރީގައި ކުޓުވައިގެން ދެބޯގެރި ދުއްވީވެސް މިއަދު އިހަވަންދިއްޕޮޅުގައި ޕޯޓު ހަދަން ބުނި މީހުންނެވެ. ހަގީގަތަކީ ތިޔައުޅެނީ ޕޯޓު ހަދާކަށް ނޫނެވެ. އަދިވެސް ވޯޓު ލިބޭތޯއެވެ.  އައިހެވަން މަޝްރޫއު ހުއްޓުވާލުމަކީ ރައްޔިތުންގެ ރޯދި ބަރަކާތުގައި އެމްޑީޕީއިން ކޮޅުފައިން ޖެހި އެތިފަހަރަކަށް ނުވަންޏާ ދެން އިތުރަށް ދައްކާނެ ވާހަކައެއް ނެތެވެ.

 

2 Comments

  1. މޮޔަނުގޮވާ. ރޯދިބަރަކާތަކީ ﷲ އިރާދަކުރައްވާބަޔަކަށް އެކަލާގެ ދެއްވާ އެއްޗެއް. ޢެއްވެސް ބަޔަކަށް އެރިޒުގު ހުއްޓުވުއެއް ނުލެވޭނެ. އެއްމިލިއަން ޑޮލަރ ހަރަދުކޮށްގެން ހެދިޕުލޭން ކޮބައިބާ.

  2. އައިހެވަނޭ ގޮވިޔަސް އެކަން އަޑުއަހާނެ މީހުންނެއްއޭރަކުވެސް އަދި މިހާރަކުވެސް ނެތް. އޭރުވެސް އަޑުއެހީ ހަމަ ވަގުން.ޓިނުވަގު އަދުރޭ އެއީ އެކަކު،، ފުލެޓްވަގުއެއީ އަނެކަކު. ކޮން އައިހެވަނެއް. ނުކުރެވޭވަރު ކަންތަކޭ ކިޔައިގެން މީހުން ގޯނިފުނަށް އެރުވެސް ނުލެވުނު ވަގަކަށް މިހަރު ލެވޭނެތަ. އަތްކަނޑަން މިހާރު އެދަނީ ތައްޔާރުވަމުން

Leave a Reply to ﷲ ގެއަޅާ Cancel reply

Your email address will not be published. Required fields are marked *

Back to top button