ވޭތުވެދިޔަ 24 އަކަށް ގަޑިއަރަށްވުރެ ވަކިން ލަދުވެތި ވަގުތުކޮޅެއް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ހަޔާތުގައި ނާންނާނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
ޕީޕީއެމް އޮފީހުގައި ކުރިއަށް ގެންދިޔަ ޖަލްސާގައި ވާހަކަ ދައްކަވަމުން މުންދު ވިދާޅުވީ ވޭތުވެދިޔަ 24 ގަޑިއިރަކީ ވަރަށް ލަދުވެތި ކަންތައްތަކެއް ރައީސް ސޯލިހުގެ އިސްތަށުފުޅުގައި އެޅިގެންދިޔަ ގަޑިތަކެއްކަމުގައެވެ.
“ވޭތުވެދިޔަ 24 ގަޑިއިރަކީ އެމަނިކުފާނުގެ އިސްތަށިފުޅުގައި ސިޔާސީ ބަދަލު ހިފުމުގެ ތުހުމަތު އެޅިގެންދިޔަ ވަގުތު ކޮޅެއް. ޢާއިލީ ވެރިކަމެއް ކުރައްވާ ކަމުގެ ތުހުމަތު އެޅިގެން ދިޔަ ވަގުތެއް. އެމަނިކުފާނަކީ ބަދަލު ހިއްޕަވާ ބޭފުޅެއްކަން ސާބިތު ވެގެންދިޔަ ވަގުތެއް. ޝަރީއަތަށް ނުފޫޒު ފޯރުވާކަމުގެ ތުހުމަތު އެޅިގެން ދިޔަ ވަގުތެއް. މީޑިއާއަށް ރިޝްވަތު ދެއްވާ ކަމުގެ ތުހުމަތު އެޅިގެން ދިޔަ ވަގުތެއް” މުންދު ވިދާޅުވިއެވެ.
އ.ދގެ އާއްމު މަޖިލީހުގައި ރައީސް ސާލިހު ދެއްކެވި ވާހަކަފުޅަށް އިޝާރާތްކުރައްވާ މުންދު ވިދާޅުވީ އ.ދ މަޖިލީހުގައި ވާހަކަ ދެއްކުމަކީ އޭގެ ޒާތުގައި ހަމަ ހަގީގަތުގައިވެސް އުފާވެރި ކަމެއް ޝަރަފެއް ކަމަށާއި އ.ދގެ މަޖިލީހަކީ ކޮންމެ މެމްބަރު ގައުމަކަށްވެސް އެ ގައުމެއްގެ ހަގީގީ އިހްސާސާއި ހާލަތު އަދި އުއްމީދާއި ތަސައްވުރު މުޅި ދުނިޔެއަށް މަންދޫބެއް މެދުވެރިކޮށް ހާމަކުރަން ކޮންމެ އަހަރަކު ލިބޭ ފުރުސަތެއްކަމުގައެވެ.
މުންދު އިތުރަށް ވިދާޅުވީ ރައީސް ސޯލިހުގެ ވާހަކަފުޅުގައި ހިތާ ދެކޮޅަށް ނަމަވެސް ފަލަސްތީނުގެ ވާހަކަ ވިދާޅުވި ކަމަށާއި ފަލަސްތީނުގެ މައްސަލައަކީ ރާއްޖޭގެ މިނިވަންކަމަށް އަރައިގެން މިއުޅޭ ގިލަންވެރިކަމާއި ވަރަށް އެއްގޮތް މައްސަލައެއްކަމުގައެވެ.
”ފަލަސްތީނާ އިސްރާއީލުގެ މައްސަލަ ފެށިގެން އަންނަނީ އިނގިރޭސި ވިލާތުގެ ހާރިޖީ ސިޔާސަތުގެ ތެރެއިން. ހާރިޖީ ގުޅުންތަކުގެ ތެރޭގައި ދެފަށަލައެއް އޮންނަ ކަމަށާއި އޭގެ ތެރެއިން ބޭރަށް ފެންނަ ފަށަލައަކީ އެއްބަސްވުންތަކާއި އެހީތަކާއި ވިސާތަކާއި ސަފާރާތައް ގާއިމް ކުރުމާއި މިކަހަލަ ކަންތައްތައް. ހާރިޖީ ގުޅުންތަކުގެ ތެރޭގައި ނުފެންނަ ފަށާލައިގެ ތެރޭގައި ރިޝްވަތާއި ޑަބަލް ޑީލިންގ އާއި ސަބްވަރޝަން ނުވަތަ ތަނެއްގެ ތެރޭގައި މަސްލަހަތު އުފައްދާ ގުޖަޑު އުފެއްދުން” މުންދު ވިދާޅުވިއެވެ.
މުންދު މިފަދައިން ވިދާޅުވެފައި މިވަނީ ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ރައީސް ސޯލިހު ހިޔާނާތުގެ ފައިސާ ނެންގެވިކަމަށް ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.