
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަން ބަދަލުކުރަން މަސައްކަތް ކުރެވުނީތީ، އެކަމާއި ހިތާމަ ކުރައްވާ ކަމުގައި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
މިރޭ ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ ރައީސް ޔާމީނުގެ އެކައުންޓުތައް ވަކި މުއްދަތެއްގައި ފުރީޒުކުރާނެ ކަމަށް ރާއްޖެޓީވީއަށް އަރާވަޑައިގެން ވިދާޅުވިން ކަމަށާއި އެފަދައިން ވިދާޅުވީ އެކަން ކުރެވޭނެ ކަމުގެ އުންމީދުގައި ލިބުނު މައުލޫމާތުގެ މައްޗަށް ބިނާކޮށް ކަމަށެވެ.
ދުނިޔޭގެ އެންމެ ބޮޑު ދެ ޤައުމުގެ ތަހުގީގީ އިދާރާތަކުން މަސައްކަތް ކޮށްގެންވެސް ރައީސް ޔާމީނުގެ އެކައުންޓަށް އެމްއެމްޕީއާރުސީ ފައިސާ ވަތްކަން ފެންނަން ނެތް ކަމުގައި އަލީ ވަހީދު ވިދާޅުވިއެވެ.
އަލީ ވަހީދު އިތުރަށް ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަން ބަދަލުކުރަން މަސައްކަތް ކުރެވުނީ މިއަދު އެކަމާއި ހިތާމަކުރާ ކަމުގައެވެ. އަދި މި ސަރުކާރު ގެނެސްގެން މިހާތަނަށް ކުރެވުނު އެއްވެސް ކަމެއްވެސް ލިބުނު ކާމިޔާބެއްވެސް ނެތްކަން އަލީ ވަހީދު ފާހަގަ ކުރެއްވިއެވެ.