
ދިވެހި ރައްޔިތުންގެ ހިންހަމަ ނުޖެހުންތަކާއި ކަންބޮޑުވުންތައް ފާޅު ކުރުމަށް ހިންގާ ސިޔާސީ ހަރަކާތްތައް ”ހަޖަމް“ ނުވާކަމަށް ބުނެ އެކަމުގެ އަދަބު ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަށް ދެމުން ދާ ދިއުން ހުއްޓާލުމަށް އިދިކޮޅު ކޯލިޝަނުން ސަރުކާރަށް ގޮވާލައިފިއެވެ.
އިއްޔެ އިދިކޮޅުން އިންތިޒާމް ކުރި ސުލްހަވެރި ހިނގާލުމުގެ ބައިވެރިން ރައީސް ޔާމީންގެ ގެކޮޅާ ހަމައަށް އެރުމުން ރައްޔިތުންނަށް ފެނިލުމަށް ގޭގެ ކުޑަދޮރުން އެމަނިކުފާނު ވަނީ ގައުމީ ދިދދަ އަދި ޕީޕީއެމްގެ ދިދަ ވިހުރުވައިލައްވައި ސަލާމް ކުރައްވާފައެވެ. މިކަމާ ގުޅިގެން ރައީސް ޔާމީނަށް ފިޔަވަޅު އެޅުމަށް ކަރެކްޝަނުން ވަނީ ނިންމާފައެވެ.
މިއީ އެއްވެސް ހާލެއްގައި ގޭ ބަންދުގައި ހުންނަވާ ބޭފުޅަކަށް ނުކުރެވޭނެ ކަމެއްގެ ގޮތުގައި ދިވެހިރާއްޖޭގައި ހެދިފައިވާ އެއްވެސް ގާނޫނެއް، ގަވާއިދެއް ނުވަތަ އުސޫލެއްގައިވެސް ބަޔާން ކޮށްފައިވާ ކަމެއް ނޫން.
އެ ކޯލިޝަނުން އިތުރަށް ބުނިގޮތުގައި އެމަނިކުފާނާ ދައުލަތާ އެއްބަސް ވެފައިވާ އެއްވެސް އެއްބަސްވުމެއްގައި މަނާކަމަކަށް ނުވާއިރު ފިޔަވަޅު އަޅުއްވާނެކަމަށް ވިދާޅުވެ ކޮމިޝަނަރ އޮފް ޕްރިޒަންސް ޓުވީޓު ކުރެއްވުމަކީ ކަންބޮޑުވުމެކެވެ. އަދި މިފަދަ ކަންކަން މިހާރުން މިހާރަށް ހުއްޓާލުމަށްވެސް އެކޯލިޝަނުން ވަނީ ގޮވާލާފައެވެ.