
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ އަނިޔާތަކަށް ކެތް ނުވެގެން ކަމަށް ވިދާޅުވެ ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު ފުރަތަމަ ފަހަރަށް ސިޔާސީ ރެލީއެއްގައި ބައިވެރިވެވަޑައިގެން ސަރުކާރަށް މިއަދު ފާޑުވިދާޅުވެއްޖެއެވެ.
ޖިހާދު ވިދާޅުވިގޮތުގައި މީގެ ކުރިން ދުވަހަކު ވެސް މިފަދަ ސިޔާސީ ރެލީއެއްގައި ބައިވެރިވެވަޑައިނުގަންނަވާކަމަށާއި އެހެނަނަމަވެސް މިއަދު މަގުމައްޗަށް ނުކުމެވަޑައިގަންނަވަން ޖެހިވަޑައިގަތީ މި ސަރުކާރުން އަނިޔާ ކުރާތީ ކެތް ނުކުރެވިގެންނެވެ.
”މިއަދު އަޅުގަނޑު އައިސް މިތަނަށް ހުއްޓެން މި ޖެހުނު ސަބަބަކީ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުން އަޅުގަނޑުމެންނަށް އަނިޔާ ކުރަން ފެށީމާ އަޅުގަނޑަށް ކެތް ނުކުރެވިގެން“ ޖިހާދު ވިދާޅުވި އެވެ.
ޖިހާދު އިތުރަށް ވިދާޅުވީ ރާއްޖެއިން ބޭރަށް ފުރިޔަ ނުދީ ބޭސްފަރުވާއިންނާއި އެ މަނިކުފާނުގެ ބޭފުޅުންނާ ބައްދަލުކުރެއްވުމުން ވެސް މަހުރޫމުކޮށްފައިވާ ކަމަށެވެ.
ޖިހާދުވަނީ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުން ހުއްޓާލާ އިދިކޮޅު ލީޑަރު ރައީސް އަބްއަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލާފައެވެ. އަދި ރާއްޖޭއަށް ލިބުނު އެންމެ ހިންގުތެރި ވެރިއަކީ ރައީސް ޔާމިން ކަމަށާއި، އެމަނިކުފާނު ޖަލަށް ލާފައި ހުރީ ގޯސް ހުކުމެއް ކޮށްގެން ކަމަށް ޖިހާދު ވިދާޅުވިއެވެ.