މޯލްޑިވިއަންގެ ޕައިލެޓުންތަކެއް ވަޒީފާއިން ވަކިވެއްޖެ
ގައުމީ އެއާލިން މޯލްޑިވިއަންގެ ގިނަ އަދަދެއްގެ ޕައިލެޓުންތަކެއް ވަޒީފާއިން ވަކި ވެއްޖެއެވެ.
މައުލޫމާތު ލިބިފައުވާގޮތުގައި ވަޒީފާއިން ކެނޑިފައިވަނީ 7 ޕައިލެޓުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ސީޕްލޭންގެ ހަތަރު ކެޕްޓަނުންނާއި ތިން ކޯ ޕައިލެޓުންނެވެ. އެއް ހަފްތާއެއްތެރޭ 7 ޕައިލެޓުން ވަކިވެފައި ވަނީ މުސާރައާއި މެނޭޖްމެންޓާ ދޭތެރޭ ހިންހަމަނުޖެހިގެންކަމަށް މައުލޫމާތު ލިބެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި ކޮވިޑާ ގުޅިގެން މުސާރަތައް ކުޑަކުރުމުން ސީޕްލޭން ކެޕްޓަނަކަށް މިހާރު ލިބެނީ 70،000 ރުފިޔާއެވެ.
މުސާރައާއި މެނޭޖްމެންޓާ ދޭތެރޭ ހިންހަމަ ނުޖެހިގެން މީގެ ކުރިންވެސް ވަނީ ގިނަ ޕައިލެޓުންތަކެއް މޯލްޑިވިއަނުން ކެނޑިފައެވެ. މީގެ އިތުރުން މޯލްޑިވިއަންއަކީ ކުރިން ފައިދާވާ ކުންފުންޏެއްނަމަވެސް މިހާރު އެކުންފުނީގެ މާލީހާލަތުވަނީ ވަރަސް ބޮޑަށް ދައްވެފައެވެ.
މީގެ ކުރިން އެ ކުންފުނީގެ ހެޑް އޮފް އޮޕަރޭޝަންސްގެ މަޤާމުގައި ހުންނެވި ކެޕްޓަން މުޙައްމަދު އަމީން ވިދާޅުވި ގޮތުގައި އެ ކުންފުންޏަކީ 2018 ވަނަ އަހަރުގެ ނިޔަލަށްވެސް ފައިދާވަމުން އައި ކުންފުންޏެއް ނަމަވެސް އެ ކުންފުނީގެ މާލީ ހާލަތު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި ގޯސްވީ ކުންފުނި ހިންގުމަށް ތަޖުރިބާއެއް ނެތް ފަރާތްތައް ލެއްވުމުގެ ސަބަބުން ކަމަށެވެ.
މޯލްޑިވިއަންގެ މާލީ ހާލަތު ރަނގަޅު ކުރުމަށްޓަކައި ސަރުކާރުންވަނީ މޯލްޑިވިއަން ހިންގުމަށް ޖޮއިންޓް ވެންޗާ ކުންފުންޏެއް ބޭރުގެ ކުންފުންޏަކާއެކު ހެދުމަށް ނިންމާފައެވެ.