އަލިފުށީގައި އެއާޕޯޓު ތަރައްގީ ކުރުމަށް ކުރިމަތިވާ ހުރަސްތަކުގައި އިންޗިއެއްވެސް ދޫ ނުދެއްވާނެކަމަށް އެ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) ވިދާޅުވެއްޖެއެވެ.
ރޭ އަލިފުށީފައި އޮތް ޖޮބް ސެންޓަރު ހުޅުވުމުގެ ޖަލްސާގައި ވާހަކަ ފުޅު ދައްކަވަމުން ބިގޭ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އޭނާގެ އެންމެ ބޮޑު ވައުދަކަށް ވެސް އޮތް އެއް ކަމަކީ އަލިފުށީގެ ދަތުރުފަތުރުގެ އިންތިޒާމުތައް ވަރުގަދަ ކުރުން ކަމަށެވެ. އެ ގޮތުން އެއާޕޯޓް މަޝްރޫއު އަލިފުށި ރައްޔިތުންނަށް ނުހަނު މުހިއްމު މަޝްރޫއަކަށް ވެގެންދާނެ ކަމުގައި ބިގޭ ވިދާޅުވިއެވެ.
”އަޅުގަނޑަކީ ބަޖެޓް ދިރާސާކުރާ ކޮމިޓީގައި މިދިޔަ އަހަރުތަކުގައި މަސައްކަތް ކުރި މީހެއް. އަލިފުށީ ބިން ހިއްކުން ބަޖެޓް ކުރެވިފައި އެބައޮތް. ޕީއެސްއައިޕީގެ ތެރޭގައި ވަކި ރަށެއްގެ ނަން ނެތި އެއާޕޯޓް އެޅުން ހިމަނާފައި އެބައޮތް.“ ބިގޭ ވިދާޅުވިއެވެ.
އަލިފުށީގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތް ހަވާލުކުރުމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ އެކަމަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.
އަލިފުށީގައި އެއަރޕޯޓު ތަރައްގީ ކުރުމަށް ބޭނުންވާ ބިން ހިއްކާ އެއަރޕޯޓު ތަރައްގީކުރުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.