ޚަބަރު

ސިޔާސީ މަގަމާކީ ސަޕްރައިޒެއް ނޫން: މިއުވާން

އެއްވެސް ސިޔާސީ މަގާމަކީ ”ސަރޕްރައިޒެއް“ ނޫން ކަމަށް ރައީސް އޮފީހުގެ އާ ތަރުޖަމާނު މިއުވާނު މުހައްމަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އިއްޔެ ރައީސް އޮފީހުން ބޭއްވި ޕްރެސް ކޮންފަރެންސް އެއްގައެވެ.

ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން މިއުވާނު ވިދާޅުވީ މީހުން މަގާމުތަކަށް އައްޔަނު ކުރަނީ ކުއްލި ގޮތަކަށް ނޫން ކަމަށެވެ. އެ މަގާމަށް މީހަކު އައްޔަނު ކުރުމަށް، އަހަރު ފެށުމުގެ ކުރިން ފާސް ކުރާ ބަޖެޓުގައި ހިމަނައި އެ އެންމެންގެ މުސާރަ ވެސް ހިމަނާފައި ވާނެ ކަމަށް މިއުވާން ވިދާޅުވި އެވެ. މިއުވާން ވިދާޅުވީ ސިޔާސީ މަގާމުތައް އުފައްދަނީ ރައީސުލްޖުމްހޫރިއްޔާގެ ވައުދުތައް ފުއްދުމަށް، އެމަނިކުފާނު ކަނޑައަޅުއްވާ ނިޒާމެއްގެ ތެރެއިން ކަމަށެވެ. އަދި އެ މަގާމަަކަށް މީހަކު އައްޔަނު ކުރަނީ އެ މަސައްކަތަކަށް އެ މީހަކު ކަނޑައަޅަން ޖެހިއްޖެ ހާލަތެއްގައިކަމަށް ވިދާޅުވި އެވެ. އެހެންވެ މި މަގާމުތަކަށް އައްޔަނު ކުރާ މީހާއަކީ، އެއްވެސް މަސައްކަތެއް ނުކޮށް، ހުންނާނެ މީހެއް ނޫންކަމަށާއި, އެއް ތަނެއްގައި ހުންނަ ބޭފުޅަކު އަނެއް ތަނަކަށް ބަދަލުކޮށްގެން މަސައްކަތް ކުރެވޭނެ އިންތިޒާމު ހަމަޖެހެން އޮތްނަމަ ސަރުކާރުން މަސައްކަތްކުރަނީ އެގޮތަކަށް އަމަލުކޮށް ވީހާވެސް ހަރަދު ކުޑަ ކުރުމަށެވެ. ސިޔާސީ މީހެއް ނުވަތަ ސީނިއާ ލެވެލްގެ މީހެއް ނަގަނީ ވެސް އަހަރު ފެށުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުން ފާސް ކުރާ ބަޖެޓުގެ ތެރެއިން ކަމަށާއި, އެހެންކަމުން އެއްވެސް ސިޔާސީ މަގާމަކީ “ސަޕްރައިޒެއް” ނޫންކަމަށް އޭނާ ވިދާޅުވި އެވެ.

2018 ވަނަ އަހަރުގެ ކެމްޕެއިންގެ ތެރޭގައި އެމްޑީޕީ އިން ވަނީ ރައީސް އިބްރާހީމް ސޯލިހްގެ ވެރިކަމުގައި ސިޔާސީ މުވައްޒަފުންގެ އަދަދު މަދު ކުރާނެ ކަމަށް ވައުދުވެފައެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދުތައް ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރަށް ވުރެ އިތުރެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button